ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ކުޅުދުއްފުށި ސިޓީއާ ހދ. ނޮޅިވަރަމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފިއެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ ކުޅުދުއްފުށި ސިޓީއަށެވެ. ކުޅުދުއްފުށި ސިޓީއަށް ވަޑައިގެން އެމަނިކުފާނު ވަނީ މިއަހަރުގެ ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް އެ ސިޓީގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާފައެވެ. އަދި މި ދުވަސް ފާހަގަކުރުމަށް "ޘަޤާފީ މަސައްކަތް ދިރުވުން"ގެ ނަމުގައި އެ ސިޓީގައި ބޭއްވި ޘަޤާފީ މަސައްކަތްތެރިކަމާއި ގުޅޭ މައުރަޒު އެމަނިކުފާނު ވަނީ ހުޅުވައިދެއްވާފައެވެ.

މީގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި ހޮސްޕިޓަލްގެ ތަރައްޤީއަށް މިހާރު ކުރެވެމުންދާ މަސައްކަތްތައް ބައްލަވާލައްވައި އެމަނިކުފާނު ވަނީ ހޮސްޕިޓަލްގެ އިސްވެރިންނާއި މުވައްޒަފުންނާއި ބައްދަލުކުރައްވައި ޚިދުމަތް ދިނުމުގައި ކުރިމަތިވާ ދަތިތަކާއި، މައްސަލަތައް އަދި ޚިދުމަތްތައް ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އަދި ހަމަ އެހެންމެ އެމަނިކުފާނު ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެ ސިޓީގެ ސްކޫލްތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި ސިޓީގެ ތަރައްޤީއަށް ކުރެވޭ ކަންކަމާއި ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް ކުރެވޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ކުޅުދުއްފުށި ސިޓީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި ވަނީ ހދ. ނޮޅިވަރަމަށް ވަޑައިގެން އެރަށުގެ ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ނޮޅިވަރަމް ސްކޫލާއި ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ޚިދުމަތްތައް ހުރިނެތް ގޮތް ބައްލަވާލައްވައި އެ ތަންތަނުގެ އިސްވެރިންނާއި މުވައްޒަފުންނާވެސް ބައްދަލުކުރައްވާފައެވެ.

ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ހދ. އަތޮޅަށް ފުރާވަޑައިގެންނެވީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.