ނޫސްވެރިންނަށް އަމާޒުކޮށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ވަރުގަދަ ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފިއެވެ.

އިބްރާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ނޫސްވެރިންގެ މިނިވަންކަން މިހާރު ވެގެން މިދަނީ އެހެން މީހުންގެ މިނިވަންކަމަށް އޮތް ހުރަހެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން މީހަކު އެއްޗެކޭ ބުނިފިނަމަ، އެ ބުނިއެއްޗެއް އޮޅުވާލައިގެން ނޫސްވެރިން ސުރުޚީ ހަދާކަމަށް އިބްރާ ތުހުމަތުކޮށްފައިވެއެވެ. އަދި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ޓުވިޓާ އެކުއުންޓް ޓެގް ކުރައްވާ މި ނޫން ގޮތެއް ނެތްތޯ އިބްރާ ވަނީ ސުވާލުކުރައްވާފައެވެ.

އިބްރާ މި މޭރުމުން ނޫސްވެރިންނަށް ބަހުގެ ހަމަލާއެއް އަމާޒުކޮށްފައިވަނީ، ލިވާތު ކުރުމާއި ގުޅޭގޮތުން އިއްޔެގެ ވަގުތެއްގައި އިބްރާ ކުރެއްވި ޓުވީޓަކާއި ގުޅިގެން ނޫސްތަކުގައި ޝާއިއު ކުރި ބައެއް ޚަބަރުތަކާއި ގުޅިގެންނެވެ.

ހޮނިހިރު ދުވަހު އިބްރާ ކުރެއްވި ޓުވީޓެއްގައި ވަނީ، ޒިނޭ އާއި ލިވާތަކީ ދެމީހަކު ނުވަތަ އެއަށްވުރެ ގިނަ މީހުންވިޔަސް ރުހުމުގައި، އެކަހެރި ވެގެން ކުރާ ކަމެއް ކަމުގައިވުމުން، އެހެން ބައެއްގެ ފުރާނަ އަށާއި ޖިސްމަށް އަދި މުދަލަށް ނުރައްކަލެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި ލިވާތު ކުރުމުން ނުވަތަ ޒިނޭ ކުރުމުން އެހެން ބައެއްގެ މިނިވަންކަމަށް ހުރަސް ނޭޅޭނެކަމަށް އިބްރާ ވިދާޅުވެފައިވެއެވެ.

ޒިނޭ އާއި ޒިވާތަކީ އެކަމުގެ ނޭދެވޭ އަސަރު އެކަން ކުރާ ބައެއް ނޫން އެހެން ބަޔަކަށް ކުރާނެ ކަމެއް ނޫންކަމަށް އިބްރާ ވިދާޅުވިނަމަވެސް، މާތް ﷲ ނަހީކުރައްވާފައިވާ މުންކަރާތްތަކުގައި އިންސާނުން ވީހިނދު، އިންޒާރެއް ނެތި އެތައް ގައުމެއް ސުންނާފަތި ވެގެންދިޔަކަން ތާރީޚުން ހެކިދެއެވެ. އެގޮތުން ފާހިޝް ޢަމަލުތައް ކުރުމުގައި ދެމިތިބި ސަދޫން ސަހަރުގެ ރައްޔިތުންގެ ސަބަބުން، މުޅި ސަހަރު ނެތިކުރެއްވި ގޮތާއި، 2004 ވަނަ އަހަރު ރާއްޖެ ހިމެނޭހެން އެތައް ގައުމަކަށް ކުރިމަތިވި ސުނާމީ ކާރިސާ އަކީވެސް މިކަމުގެ ހެއްކެކެވެ. މިފަދަ ކަންތައްތަކަކީ އަޅުގަނޑުމެން އިބްރަތް ހާސިިލްކުރަންޖެހޭ ކަންތައްތަކެވެ.

މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "އަދި ބިމުގައި ދަތުރުފަތުރުކޮށް، އެއުރެންގެ ކުރިން އުޅުނު މީހުންގެ ނިމުންވީ ކޮންފަދައަކުންކަން ފަހެ އެއުރެން ނަބަލަނީހެއްޔެވެ؟ އެއުރެންނަށް ވުރެ ބާރުގަދަ، އަދި ބިމުގައި އެއުރެންގެ އަސަރުތައް ވަރުގަދަ ބަޔަކު ކަމުގައި އެއުރެން (އެބަހީ: ކުރިން އުޅުނު މީހުން) ވޫއެވެ. ފަހެ، އެއުރެންގެ ފާފަތަކުގެ ސަބަބުން، ﷲ، އެއުރެން ހަލާކުކުރެއްވިއެވެ. އަދި ﷲ ގެ އަޛާބުން ރައްކާތެރި ކޮށްދޭނެ އެކަކުވެސް އެއުރެންނަކަށް ނުވެއެވެ".

ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ބަލިމަޑުކަމާއި ވަބާތަކާ މެދު ވިސްނާލައިފިނަމަ އޭގެ އެންމެ ނުރައްކާތެރި އެއް ބާވަތަކީ ނަހަމަ ޖިންސީ ގުޅުމުގެ ސަބަބުން ޖެހޭ ބަލިތައްކަން މިއީ ޑޮކްޓަރުންނާއި ދީނީ އިލްމުވެރިންވެސް ފާހަގަކުރާ ކަމެކެވެ.

އެފަދަ ބަލިމަޑުކަން އިންސާނުންގެ ތެރޭގައި ފެތުރެނީ އިންސާނުން އަމިއްލައަށް ކުރާ ނުބައި އަމަލުތަކާއި އެކަމަށް މާތް ﷲ ކަނޑައަޅުއްވާފައިވާ ތަބީއީ ނިޒާމުން އެއްކިބާވެ، އެއްޖިންސުގެ ގުޅުމާއި ކައިވެނިން ބޭރުގައި ހިންގޭ ބަދުއަހުލާގީ އަމަލުތަކުގެ ތެރެއަށް ގެނބިގެން ދިއުމުގެ ސަބަބުންކަން ދީނީ އިލްމުވެރިން ފާހަގަކުރައްވައެވެ. މިފަދަ ބަލިމަޑުކަމާއި ކޯފާ ތަކަކީ މަދު ބައެއްގެ ޢަމަލުތަކުގެ ސަބަބުން އެންމެންނަށް އާންމުވެގެންވާ ގޮތެއްގެ މަތިން އަންނަ ކޯފާތަކެއްކަން އެ އިލްމުވެރިން ފާހަގަކުރައްވައެވެ.