ރާއްޖޭގެ ކްރިމިނަލް ކޯޓުގައި މަސައްކަތްކުރާ މުވައްޒަފެއްގެ ގަޔަށް ކުޅު ޖެހި މީހަކު، 15 ދުވަހަށް ޖަލަށް ލުމަށް އެ ކޯޓުން ހުކުމްކޮށްފިއެވެ.

މިދިޔަ ހަފްތާގައި ކްރިމިނަލް ކޯޓުން މި ހުކުމް ކޮށްފައިވަނީ، ދައުލަތުގެ މުދަލަށް ގެއްލުންދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވާ މީހެއްގެ މައްޗަށެވެ. އޭނާ ކޯޓުގެ ހުރުމަތް ކަނޑާ ކޯޓު މުވައްޒަފެއްގެ ގަޔަށް ކުޅުޖަހާފައިވާ ކަމަށް ހުކުމުގައި ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާއަށް 15 ދުވަހުގެ ޖަލު ހުކުމެއް ކޮށްފައިވަނީ، ތަކުރާރުކޮށް ކޯޓުގެ އަދަބުތަކާ ޚިލާފު އަމަލުތައް ކުރަމުންދާތީ، އެކަން ނުކުރުމަށް ކޯޓުގެ ސެކިއުރިޓީގެ ފަރާތުން ނަސޭހަތްތެރިވެފައި ވަނިކޮށްވެސް އެފަދަ އަމަލުތަކެއް ކުރުމުންނެވެ. ކޯޓުގެ ހުކުމުގައިވާ ގޮތުން އޭނާ ކޯޓުގެ އަދަބާ ޚިލާފަށް ތަކުރާރުކޮށް އަމަލުކުރާތީ ނަސޭހަތްތެރިވުމުން ވެސް އެކަންކަމަށް ބެލުމެއް ނެތި އަދި ކޯޓު މާސްޓަރެއްގެ ގަޔަށް ކުޅު ޖަހާފައިވާތީ 15 ދުވަހަށް ޖަލަށްލީ، ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުންނެވެ.

ޖިނާއީ އިޖްރައާތުގެ ގާނޫނުގައިވާގޮުން، ކޯޓުގެ ހުރުމަށް ކަނޑައިފިނަމަ އެކަމަށް ވަގުތުން އަދަބު ކަނޑައެޅޭނެއެވެ. އެގޮތުން އެ ކުށުގެ އަދަބަކީ ގިނަވެގެން 15 ދުވަހަށް ޖަލަށްލުން ނުވަތަ އެއް މަސް ދުވަހު ގޭގައި ބަންދުކުރުން ނުވަތަ 10،000 ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.

މީގެކުރިން ކޯޓުގެ ޚުރުމަތް ކެނޑުމުގެ ގޮތުން ފަނޑިޔާރުންނާއި ވަކީލުންނަށް އިންޒާރު ދިނުމާއި ހަޑިހުތުރު ބަހުން މުއާމަލާތް ކުރުމުންވެސް މީހުންނަށް އެކިވަރުގެ ހުކުމްތައް އިއްވާފައިވެއެވެ.

އެގޮތުން ކްރިމިނަލް ކޯޓުގެ އިދާރީ މުވައްޒަފަކާ ދިމާއަށް މައިކެއް އެއްލައި ހަމަލާދޭން އުޅުނު މީހަކަށް ދެ ފަހަރެއްގެ މަތިން 15 ދުވަހުގެ ޖަލު ހުކުމްކޮށް ޖުމްލަ 30 ދުވަހަށް ޖަލަށް ލާފައި ވެއެވެ.

އަދި މި ނޫނަސް މި ބާވަތުގެ އަދަބާ ޚިލާފު އެތައް ކަމެއް ޝަރީއަތުގެ މަޖިލިސްތަކުގައި ހިނގާފައި ހުރިކަން ފާހަގަކޮށްލެވެއެވެ.