ދިވެހިރާއްޖޭގެ ގައުމީ ބޭންކް -- ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެކްޓިން ޗީފް އޮޕަރޭޓިން އޮފިސަރ (ސީއީއޯ) އަކަށް ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ހަމަޖައްސައިފިއެވެ.

ބީއެމްއެލްގެ އެކްޓިން ސީއީއޯގެ މަގާމަށް ނޫރައްދީން ހަމަޖައްސާފައި ވަނީ އެ ބޭންކްގެ ސީއީއޯގެ މަގާމު ހުސްވެފައިވާތީއެވެ. އެ މަގާމު ހުސްވީ ބޭންކަގެ ސީއީއޯގެ މަގާމުގައި އެންމެ ފަހުން ހުންނެވި އިނގިރޭސިވިލާތުގެ ޓިމް ސޯޔާގެ ވަޒީފާގެ މުއްދަތު މިދިޔަ ޖޫން މަހު ހަމަވުމާ ގުޅިގެން އޭނާ ރާއްޖެ ދޫކޮށް ވަޑައިގަތުމުންނެވެ.

ޑީސީއީއޯ އައިޝަތު ނޫރައްދީން ވަނީ މީގެ ކުރިން ވެސް ބީއެމްއެލްގައި ސީއީއޯ އަކު ނެތް ތިން ފަހަރެއްގައި އެ ބޭންކް ހިންގުމާ ހަވާލުވެވަޑައިގެންފައެވެ.

އައިޝަތު ނޫރައްދީން ބީއެމްއެލްއާ ގުޅިވަޑައިގަތްތާ މިހާރު 40 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ.

ބީއެމްއެލް އަށް ސީއީއޯ އެއް ހޯދުމަށް މިދިޔަ ޖޫން މަހު އިއުލާންކޮށްފައިވީ ނަމަވެސް ސީއީއޯ ހަމަޖެހޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

އައު ސީއީއޯއަކު ހަމަޖެހެންދެން އެ މަގާމު ފުރުއްވާނީ ނޫރައްދީންއެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 592 މިލިއަން ރުފިޔާ ލިބިފައި ވެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 81 ސެލްފްސާވިސް ބޭންކިން ސެންޓަރާއި، 139 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބޭންކުން ބުނެއެވެ.