ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދިއިރުޅުއްވާ މުރައިދޫ ގެއިން އެމަނިކުފާނު ނުކުންނަވަން ދެން މާގިނަ ދުވަހެއް ނެތްކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

މޮސްޓާ މިފަދައިން ވިދާޅުވީ، "ފައްޔާޒުގެ ގެކޮޅު، މއ. ބޯގަންވިލާއަށް ގޮސް މައާފަށް އެދޭނަން: ނަޝީދު" މި ސުރުޚީގެ ދަށުން ރާއްޖޭގެ އޮންލައިން މީޑިއާއެއްގައި ޝާއިއު ކޮށްފައިވާ ޚަބަރެއް ހިއްސާކުރައްވާ ކުރެއްވި ޓުވީޓެއްގައެވެ.

"ހަތާވީސް" ނަމަކަށް ކިޔާ ނޫހެއްގައި ބުނެފައިވަނީ، އެމްޑީޕީގެ ވަޓްސް އެޕް ގުރޫޕަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި، އެކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އާއި ދެކޮޅަށް ނިކުމެވަޑައިގެންނެވުމަކީ ހެއްދެވުނު ގޯހެއް ކަމަށާއި އެކަން އެހެން ކުރުވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) ބުނެފައިވާ ކަމަށެވެ.

އަދި ރާއްޖެ ވަޑައިގެން، ފައްޔާޒުގެ ގެކޮޅަށް ވަޑައިގެން އެމަނިކުފާނުގެ އަރިހުގައި މައާފަށް އެދިވަޑައިގަންނަވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.

އެމްޑީޕީގެ ޗެއާޕާސަން އަކު ހޮވުމަށް ބޭއްވި އިންތިޚާބަށް މިނިސްޓަރ ފައްޔާޒް ކުރިމަތިލެއްވި ހިސާބުން ފެށިގެން ރައީސް ނަޝީދު ގެންދަވަނީ ފައްޔާޒަށް އެކި ފަހަރުމަތިން ބަހުގެ ހަމަލާތައް އަމާޒުކުރައްވަމުންނެވެ. އަދި ޗެއާޕާސަން އަކަށް ފައްޔާޒް އިންތިޚާބުވެވަޑައިގަތް ހިސާބުން އެމްޑީޕީގެ ގުރޫޕުތަކުގައި މިނިސްޓަރ ފައްޔާޒާއި ރައީސް ނަޝީދުގެ ބަހުގެ ކުރިމަތިލުންތަކެއް އެކިފަހަރުމަތިން ހިނގާފައިވާކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން އެންމެފަހުން މިފަދަ ކަމެއް ހިނގާފައިވަނީ އެއް ޖިންސުން ގުޅުންހިންގި ކަމުގެ ތުހުމަތުގައި ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ހައްޔަރުކުރުމާއި ގުޅިގެންނެވެ. މިކަމާ ގުޅިގެން ދެކެވުނު ވާހަކަތަކުގެ ތެރެއިން، ޕާޓީގެ ޗެއާޕާސަން ފައްޔާޒް، "ސައިޒު" އޮޅިގެން ނޫޅުމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ނާޒިމް ހައްޔަރުކުރުމާއެކު ރައީސް ނަޝީދު ވަނީ ރައީސް ޞާލިޙް އަށްވެސް ފާޑުވިދާޅުވެ އިންޒާރު ދެއްވާފައެވެ. އެގޮތުން ރައީސް ޞާލިޙް އަންހެނަކާއެކު ބަދުއަހްލާގީ އަމަލު ހިންގާ ފޮޓޯތަކެއް އެބަހުރިކަމަށް ވިދާޅުވެފައިވެއެވެ. މިވާހަކަތަކާއި ގުޅިގެން ރައީސް ނަޝީދު، މަޖިލީހުގެ ރައީސް ކަމުގެ މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ތެރެއިންވެސް އަންނަނީ ހަރަކާތްތަކެއް ހިންގަމުންނެވެ.

މިއާއެކު ރައީސް ނަޝީދުގެ ރާގު ބަދަލުވެ، މިނިސްޓަރ ފައްޔާޒް އާއި ދެން ދެކޮޅު ނުވާނެކަމަށް ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެން މޮސްޓާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ރައީސް ނަޝީދު މިހާރު އުޅުއްވަނީ އިތުބާރު ނެތްކަމަށް ވޯޓު ނަގާފާނެތީ ބިރުން ކަމަށާއި އެބޭފުޅާއަކީ އަބަދުވެސް އިއްޒަތާ މަގާމަށް އުޅުނު މީހެއްކަން މިއަދު ހުރިހާ ދިވެހި ރައްޔިތުންވެސް ދަންނާނެ ކަމަށެވެ. އަދި ފައްޔާޒު މޮޅުވެއްޖެ ކަމަށް ގަބޫލުކޮށް މަގާމުން އިސްތިއުފާ ދިނުމަށް މޮސްޓާ ވަނީ ރައީސް ނަޝީދަށް ގޮވާލައްވާފައެވެ.