ޙިޔާލު ތަފާތުވުންތަކާއި އެކުވެސް އެއްކޮށް މަސައްކަތް ކުރެވޭނެ ގޮތް ހޯދޭނެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން މުވައްޒަފުންނާއި އޮފިސަރުންގެ ތެރެއިން އެކި ދާއިރާތަކުން ކިޔަވައިދިނުމުގައި ހަރަކާތްތެރިވާ މުދައްރިބުންނަށް އެ ފަރާތްތަކުގެ ކިޔަވައިދިނުމުގެ ހުނަރު އިތުރަށް ތަރައްޤީ ކުރުމުގެ ގޮތުން ހިންގި "އިންސްޓްރަކްޓަރ ޓްރޭނިންގ ކޯސް" ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ މިއީ ވަރަށް މުހިއްމު މަސައްކަތެއްގެ ނިމުމަށް ބޭއްވި ރަސްމިއްޔާތެއް ކަމަށާއި މިމުވައްސަސާގެ ތެރޭގައި މިމުވައްސަސާއާ އަލަށް ގުޅޭ މުވައްޒަފުން ތަމްރީނުކުރާނެ އިންސްޓްރަކްޓަރުން ތަމްރީނުކުރެވިގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު ކުރިއެރުވުމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

ކަންކަން ހާސިލް ކުރެވޭނީ އެކަމަކަށް އޮންނަ ޝައުގުވެރިކަމެއްގެ ތެރެއިން ހިތްވަރަކާއި އަޒުމެއް ހުރެގެން ކުރެވޭ މަސައްކަތެއްގެ ތެރެއިން ކަމަށާއި، ކޮންމެ ކަމެއްގެ ހައްލަކީ މަތިން ތިރިއަށް ގެންދަންޖެހޭ ކަމެއް ކަމުގައި ނުދެކުމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އެދިވަޑައިގަތެވެ.

އަދި ތިރިން މައްޗަށްވެސް ކަންކަމުގެ ހައްލު ހޯއްދެވިދާނެ ކަން ފާހަގަކުރައްވާ ސިޕީ ވަނީ ޙިޔާލު ތަފާތުވުންތަކާއި އެކުވެސް އެއްކޮށް މަސައްކަތް ކުއްވޭނެ ގޮތް ހޯދޭނެ ކަމަށް ވިދާޅުވެފައެވެ.

އައިކޯސްޓްގެ ބޭފުޅުންގެ ހިތްވަރާއި ކުރަމުންގެންދާ ބުރަ މަސައްކަތްތަކާއި ޑިރެކްޓަރުގެ ދުރުވިސްނުމަށް ތަޢުރީފްކުރައްވައި، މި ކޯސް ރޭވުމުގައި ސަރޖަންޓް އުސްތާޛް ސަބާޙްގެ ދައުރު ފާހަގަކުރެއްވިއެވެ. އަދި ހުރިހާ އޮފިސަރުންނަށް ދޭންބޭނުންވާ އިލްތިމާސްއަކީ އެއްވެސް ކަމަކީ 100 އިންސައްތަ ވަރަށް ރަނގަޅުކަމެއްކަން އަމިއްލަ ސިކުނޑިއަށް ވިސްނޭނަމަ، އެކަމެއް ހާސިލްކުރަން މަސައްކަތްކުރަން ވާނެކަމަށާއި އެ އަޒުމުގައި މަސައްކަތްކުރުން ކަމަށް ސީޕީ ވިދާޅުވިއެވެ.

އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް އިން ރާވާ އަދި ކުރިއަށްގެންދިޔަ 15 ދުވަހުގެ މި ކޯހުގެ މިއީ ފުރަތަމަ ބެޗެވެ.

މި ކޯހުގެ ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅުއެވެ. ކޮމިޝަނަރގެ އިތުރުން މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އައިކޯސްޓްގެ ޑައިރެކްޓަރ ސުޕްރިންޓެންޑަންޓް މޫސާ އަންވަރު، މާފުށީ ޖަލުގެ ޑައިރެކްޓަރ އެސިސްޓަންޓް ސުޕްރިންޓެންޑަންޓް އަޙްމަދު ޖާދުﷲ، ކޮމިޝަންޑް އޮފިސަރުންނާއި ޕްރޮގްރާމްގެ ދަރިވަރުން ބައިވެރިވިއެވެ.

ކޯސް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ޙަވާލްކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުޙައްމަދު ފުޅުއެވެ. އަދި ކުރިން ހިންގާފައިވާ ސެޓްފިކެޓް 3 އިން ލައިފްގަރޑް އެންޑް ސްވިމިންގ އިންސްޓްރަކްޓަރ ކޯސްގެ ދަސްވެނިންނަށްވެސް މި ރަސްމިއްޔާތުގައި ސެޓްފިކެޓް ޙަވާލުކުރެވުނުވެ.