މިއަހަރުގެ އޮކްޓޯބަރު މަހުގެ 3 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.

އެދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސީ، އެއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ދުވަސްކަމަށް ވާތީއާއި، މި އަހަރަކީ ފުރަތަމަ ފަހަރަށް ގައުމީ ފަތުރުވެރިކަމުގެ ދުވަހެއް ފާހަގަކުރާ އަހަރުކަމަށްވާތީއެވެ. މި ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މިކަން ހާމަކޮށް ރައީސް އޮފީހުން ބުނީ، އޮކްޓޫބަރު 3 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުއްވާފައިވާތީ، އެ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާ ކަމަށެވެ.

ފަތުރުވެރިކަމަށް 50 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން ސަރުކާރުގެ އިސްނެގުމުގެ މަތިން ގިނަ ކަންތައްތަކެއް ކުރުމަށް ރާވާފައިވެއެވެ. އެގޮތުން ފަތުރުވެރިކަމުގެ ރަން އަހަރާއި ގުޅިގެން މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ހާއްސަ ސްޓޭމްޕް ސެޓެއްވެސް މިހާރު ނެރެފައިވެއެވެ. މީގެއިތުރުން ފަތުރުވެރިކަމުގެ ރަން އަހަރުގެ މުނާސަބަތާ ގުޅުވައިގެން "ނަލަ ނަލަ ރާއްޖެ"ގެ ނަމުގައި ހާއްސަ ލަވައެއްވެސް ވަނީ ނެރެފައެވެ.

އަދި މިއަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފަތުރުވެރިކަމުގެ ރަން އަހަރުގެ ލޯގޯ ސަރުކާރުގެ ހުރިހާ އިދާރާއެއްގެ ރަސްމީ ލެޓަރ ހެޑާއި އީމެއިލް ފުޓަރގައި އަންނަނީ ބޭނުން ކުރަމުންނެވެ.