ހއ. އުތީމުގައި ކުރިއަށް ގެންދިޔަ 84 ވަނަ ފުރާވަރު ކޭމްޕު ނިންމާލައިފިއެވެ.

މި ކޭމްޕަކީ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުން ކުރިއަށް ގެންދާ އަމާންވެށި ޕްރޮގްރާމުގެ ދަށުން ހިންގި ކޭމްޕެކެވެ.

އުތީމު ޣާޒީ ބަންޑާރައިން ސްކޫލްގައި އިއްޔެ ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އަޕަރނޯތު ޕޮލިސް ރީޖަން ކޮމާންޑަރ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޝިހާމެވެ. މި ރަސްމިއްޔާތުގައި ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަސީރު، ޑެޕިއުޓީ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މޫސާ ރަޝީދު، ހއ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ފަޔާޒްގެ އިތުރުން މި ކޭމްޕުގައި ބައިވެރިވި ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި މުދައްރިސުންނާއި ބެލެނިވެރިން އަދި ދަރިވަރުން ބައިވެރިވިއެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ސްޕްރިންޓެންޑެންޓް އޮފް މުޙައްމަދު ޝިހާމް ދެއްކެވި ވާހަކައިގަ ދަރިވަރުންގެ އުމުރާ ގުޅޭ އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލު ކުރުމަށް ކޭމްޕު ނިންމި ދަރިވަރުންނަށް އިލްތިމާސް ކުރެއްވިއެވެ. އަދި ކޭމްޕުން ދަސްވި ކަންކަން އަމަލީ މައިދާނުގައި ބޭނުންކުރުމަށް އިލްތިމާސްކުރެއްވިއެވެ.

މި މަހު 11 އިން 13އަށް ކުރިއަށް ގެންދިޔަ އެ ކޭމްޕުގައި ދިރިއުޅުމުގެ ރިވެތި އަދަބުތައް ދަރިވަރުންނަށް ދަސްކޮށްދިނުމާއި ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއަޅައިދޭ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

އެގޮތުން، ކުށުގެ ނުރައްކަލުން ދުރުހެލިވެ ރައްކާތެރި މުޖުތަމައެއްގައި ދިރިއުޅުމަށް ދަރިވަރުންގެ އުޅުން ބައްޓަންކުރަންވީ ގޮތާއި ގައުމީ ލޯބި ލިބިގެންވާ ބައެއްގެ ގޮތުގައި މުޖުތަމައަށް ނުކުތުމަށް މަސައްކަތްކުރާނެގޮތް އުނގަންނައިދީފައިވެއެވެ.

އަދި ދިރިއުޅުމުގެ ރިވެތި އަދަބުތަކާއި އާދަކާދަތައް އުނގަންނައި ދިނުމާއެކު ގަޑިން ގަޑިއަށް ކަންކަން ކުރުމަށް ސަމާލުކަންދީ ކްލާސްތަކަށް ގަޑިއަށް ހާސިރުވުމަށް ކޭމްޕުގައި ބާރުއަޅާފައިވެއެވެ. އަދި ޒިންމާދާރުކަން، އިހުތިރާމްކުރުން، ތެދުވެރިކަން އިސްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން، އިންޓަނެޓުގެ ޒަރީއާއިން ކުރިމަތިވާ ކުށްތަކަކީ ކޮބައިކަން ބުނެދީ އެފަދަ ކުށްތަކުން ދުރުހެލިވެ ރައްކާތެރިވެ ތިބުމަށް ދަރިވަރުން މަސައްކަތްކުރަންވީ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އިސްލާމީ މުޖުތަމައެއްގައި ހަރުދަނާ ގޮތުގައި ދިރިއުޅުން އާރާސްތު ކުރުމަށް ބޭނުންވާ މައުލޫމާތު ދިނުމުގެ އިތުރުން މަދަރުސީ ތައުލީމުގެ ތެރެއިން ދަރިވަރުންގެ ދިރިއުޅުން ބައްޓަންކުރުމަށް އިސްކަންދޭންވީ ކަންކަމުގެ މައުލޫމާތުދީ ހުނަރުތައް ދަސްކޮށްދީފައިވެއެވެ.

މީގެއިތުރުން، ދަރިވަރުންނާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކުގެ މައުލޫމާތު ހިއްސާކޮށް އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ކުރެވޭ ކަންކަމާއި އެފަދަ ކަންކަމުން މުޖުތަމައު ރައްކާތެރި ކުރުމުގައި ދަރިވަރުންނަށް ކުރެވޭނެ ކަންކަން އުނގަންނައިދީފައިވެއެވެ.

ކޭމްފުގެ ތެރެއިން ސްކޫލްތަކުގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން، ދަރިން ތަރުބިއްޔަތުކުރުމުގައި ސަމާލުކަންދޭންޖެހޭ މުހިންމު ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ބައެއް ގާނޫނުތަކާއި ގަވާއިދުތަކުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ.

އުތީމު ޣާޒީ ބަންޑާރައިން ސްކޫލުގައި ކުރިއަށް ގެންދިޔަ އެ ކޭމްޕުގައި އުތީމު ޣާޒީ ބަންޑާރައިން ސްކޫލް، މުރައިދޫ ސްކޫލް، ވަށަފަރު ސްކޫލް ފިއްލަދޫ ސްކޫލު އަދި ކުރިނބީ ސްކޫލްގެ ދަރިވަރުން ހިމެނޭހެން 131 ދަރިވަރުން ބައިވެރިވިއެވެ.