މާލޭގެ އެންމެ ކާރޫބާރޫ ބޮޑު، އަދި އެންމެ ގިނަ އަދަދަކަށް ފިހާރަތައް ހުންނަ މަޖީދީ މަގުގައި ވެހިކަލް ޕާކު ކުރުން މަނާކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން "ވީނިއުސް" އާއި ވާހަކަދައްކަވަމުން މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވީ މިގޮތަށް ނިންމީ މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް ވަމުންދާ ތައްޔާރީތަކާއި ގުޅިގެން ސަރުކާރުން އެކަމަށް އެދުމުން ކަމަށެވެ.

އެގޮތުން ސިޓީ ކައުންސިލުގައި ސަރުކާރުން އެދުނީ މަޖީދީ މަގުގައި އެއްކޮށް، ޕާކިންގ ހުސްކޮށް، ޕާކު ކުރުން މަނާކުރުވުމަށް ކަމަށް ނަރީޝް ވިދާޅުވިއެވެ. އަދި މިގޮތަށް ސަރުކާރުން އެދުނީ، މާލޭގައި މިނީ ބަސް ޕްރޮޖެކްޓު ފެށުން ލަސްވާތީ ކަމަށް ސަރުކާރުން ބުނެފައިވާކަމަށް ނަރީޝް ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލުން މިހާރު ވަނީ މަޖީދީމަގުގެ ދެ ފަރާތުގައި ވެސް ޕާކްކުރުން މަނާކަން އަންގައިދޭ ރޮނގު ދަމާފައެވެ. އަދި ފުލުހުން ވަނީ ނޯ ޕާކިންގ ކޯން ތައްވެސް އެ ތަންތަނުގައި ބަހައްޓާފައެވެ. މަޖީދީ މަގުގައި ޓްރެފިކް ނިޝާންތައް ރަނގަޅު ކުރުމުގެ މަސައްކަތް ވެސް ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ.

"ވީނިއުސް" އާއި ވާހަކަދައްކަވަމުން ނަރީޝް އިތުރަށް ވިދާޅުވީ، ސަރުކާރުން މިގޮތަށް އެދުމުން ސިޓީ ކައުންސިލުން ވާނީ އެ ކައުންސިލުގެ ހުރި ކަންބޮޑުވުންތައް ހިއްސާ ކޮށްފައި ކަމަށެވެ. އެގޮތުން އާންމު ރައްޔިތުންނަށް ވެހިކަލް ޕާކު ކުރާނެ ތަންތަން ނުދައްކާ އެ މަގުގައި ޕާކު ކުރުން މަނާ ކުރަން އުޒުރުވެރިވާކަން ސިޓީ ކައުންސިލުގެ ފަރާތުން ހާމަކުރިކަމަށް ނަރީޝް ވިދާޅުވިއެވެ.

މިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ވަނީ ސަރުކާރާއި ސަރުކާރުގެ ގުޅުންހުރި މުއައްސަސާތަކުގެ ބެލުމުގެ ދަށުގައި ހުރި ބައެއް ބިންތައް، ކައުންސިލާ ހަވާލުކޮށް ވަގުތީ ޕާކިންގ ޒޯންތަކެއް ހެދުމަށް ދީފައެވެ. އަދި މި ޒޯންތައް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަމުންދާކަން ނަރީޝް ހާމަކުރެއްވިއެވެ.

އެގޮތުން ދީފައިވާ ބިންތަކުގެ ތެރެއިން ކައުންސިލާ ހަވާލުކުރުމަށް، މަޖީދީ މަގުން ހ. ސަމޯސާވިލާ ގޭގެ ބިމުން ތަންކޮޅެއް، އަދި ހ. މުނިއުފާ ހުރި ބިމުން ދީފައިވާ ތަންކޮޅު ހުސްކުރުމުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީން ކުރަމުންދާކަމަށް ނަރީޝް ވިދާޅުވިއެވެ.

މިނީ ބަހުގެ ޚިދުމަތް ދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، ސިޓީ ކައުންސިލުން ވަނީ މާލޭގައި ބަސްދުއްވާ މަގުތަކުގެ ޕާކިންގ ހުސްކުރުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ޕާކިން ޒޯން ހެދުމުގެ މަސައްކަތް މިމަހުގެ ހަތަރުވަނަ ދުވަހު ފަށާފައެވެ.

މިނީ ބަހަށް ޚާއްސަކޮށްގެން ޕާކިން ޒޯނުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށާފަވާއިރު މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދަވައިދެއްވާނެ ކަމަށް ވިދާޅުވި އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ.

މިނީ ބަހުގެ ހިދުމަތް ފެށޭނެ ކަމަށް ބުނެ ގިނަ ތާރީހުތަކެއް މީގެ ކުރިންވެސް ސަރުކާރުން އިއުލާނު ކޮށްފައިވެއެވެ. މި ޚިދުމަތް ފެށުމަށްޓަކައި މިއަހަރުގެ ބަޖެޓުގައި 16.9 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

މިނީ ބަހުގެ ޚިދުމަތަށް ބޭނުންވާ ބަސްތައް ރާއްޖެ ގެނެސްފައިވަނީ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ. އެއީ 36 ބަހެވެ. މީގެތެރޭގައި ހިމެނެނީ މާލޭގައި ބޭނުންކުރުމަށް ގެނައި 12 ބަހާ، އަތޮޅުތަކަށް ފޮނުވާ 24 މިނީ ބަހެވެ.