ބޯހިމެނުމަކީ ގައުމީ ތަރައްގީގެ މަޝްރޫޢުތައް ރާވާ ހިންގުމަށް ބޭނުންވާ އަސާސީ މައުލޫމާތުތަކެއް ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ބޯހިމެނުމަކީ ގައުމީ ތަރައްގީގެ މަޝްރޫޢުތައް ރާވާ ހިންގުމަށް ބޭނުންވާ އަސާސީ މައުލޫމާތުތަކެއް ކަމަށާއި މިކަމަކީ ގައުމު ކުރިއަރާ ދިޔުމަށް ބޭނުންތެރި ކަމެއް ކަމަށެވެ.

ރަށްރަށުގެ ޕްލޭންތައް ރޭވިގެންދާނީ ބޯހިމެނުމުގަ ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ މިއަހަރު ކުރިއަށްގެންދާ ބޯހިމެނުމުގެ ހަރަކާތަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައެވެ.

ރާއްޖޭގެ އާބާދީ އާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމާއި އިގްތިސާދީ މަސައްކަތްތަކުގެ ބޯހިމެނުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ 13 އިން 14 އަށް އަދި 17 އިން 25 އަށެވެ.

"އަހަރެންގެ ބޯހިމެނުން" މި ޝިއާރުގެ ދަށުން، ރަށްރަށުގައި ދިރިއުޅޭ މީހުންގެ އަދަދު ބެލުމަށް ބޯހިމެނުން ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ސެޕްޓެމްބަރުމަހު ބޯހިމެނުމުގެ މަސައްކަތް ފަށާއިރު ބޯހިމެނުމުގައި ބޭނުންކުރާ ސުވާލު ކަރުދާސްތައް ޓެސްޓްކުރުމުގެ މަސައްކަތްތައްވެސް ފަށާފައިވާ ކަމަށްވެސް ބިއުރޯއިން ވަނީ ބުނެފައެވެ.

ބޯހިމެނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ތަމްރީނުވާ ދުވަސްވަރުގަ އާއި ބޯހިމެނުމުގެ މަސައްކަތުގައި އުޅޭ ދުވަސްތަކަށް އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ ތަމްރީނު ފުރިހަމަކޮށްް، ބޯހިމެނުމުގެ މަސައްކަތް ފުރިހަމަކޮށް ނިމުނީމައެވެ.

އެންމެ ފަހުން ރާއްޖޭގައި ބޯހިމަނާފައިވަނީ 2014 ވަނަ އަހަރުގައެވެ.