މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް (އެމްއޭއެމް) ބިޒްނަސް ސްކޫލްގައި ތައުލީމު ހާސިލް ކުރި 221 ދަރިވަރަކަށް ދަސްވެނިވިކަމުގެ ސަނަދުދީފިއެވެ.

މިކަމަށްޓަކައި އެ އެކަޑަމީން ވަނީ ހުކުރު ދުވަހުގެ ރޭ ސްޓެލްކޯ މާލަމްގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިއުކޭޝަން ޑރ. އަބްދުﷲ ރަޝީދުއެވެ.

މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ސެޓްފިކެޓް ލެވެލްއިން ފެށިގެން، އެސޯސިއޭޓް ޑިގްރީއާ ހަމައަށް އެކިއެކި ދާއިރާތަކުން ކޯސްތައް ފުރިހަމަކުރި ދަރިވަރުންނަށް ވަނީ ސަނަދު ހާސިލުކުރިކަމުގެ ލިޔުން ހަވާލުކޮށްފައެވެ.

ދަރިވަރުންނަށް ސަނަދު ހާސިލުކުރިކަމުގެ ލިޔުން ދެއްވީ ޑރ. އަބްދުﷲ ޝިހާމް އަދި ޑރ. އަޙްމަދު އަލި މަނިކްއެވެ.

ކޮވިޑް-19ގެ ސަބަބުން ވޭތިވެ ދިޔަ ދެ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު އެ އެކަޑެމީން ބާއްވާފައެއް ނުވެއެވެ. އެންމެ ފަހުން އެ އެކަޑަމީގެ ދަސްވެނިވުމުގެ ރަސްމިއްޔާތެއް ބާއްވާފައި ވަނީ 2019 ގައެވެ.

ފޮޓޯ: މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް (އެމްއޭއެމް)

އެހެންކަމުން ހުކުރު ދުވަހުގެ ރޭ ބާއްވާފައި ވަނީ 2020 އަދި 2021ގެ ދަސްވެނިވުމުގެ ރަސްމިއްޔާތެވެ.

މި ރަސްމިއްޔާތުގައި ޓޮޕް އެޗީވަރސް އެވޯޑް ހާސިލް ކުރި 7 ދަރިވަރުންނަށް ސެޓްފިކެޓާއި، މެޑެލް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިއުކޭޝަން ޑރ.އަބްދުﷲ ރަޝީދުއެވެ.

މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްއަކީ ދިވެހިރާއްޖޭގައި ދަތުރުފަތުރު ކުރުމުގެ ދާއިރާއިން މީހުން ބިނާކުރުމުގެ މަގުސަދުގައި 2010 ވަނަ އަހަރު ކެޕްޓަން އާދިލް ރަޝީދުގެ މޭސްތިރި ކަމުގެ ދަށުން އުފެއްދި އެކަޑަމީ އެކެވެ.

އަދި 2017 ވަނަ އަހަރު މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްގެ ބިޒްނަސް ސްކޫލް ވަނީ ވުޖޫދަށް ގެނެސްފައެވެ. "މަ ކިޔަވާނީ ރަށުގައި" މިޝިޔާރުގެ ދަށުން 20 ރަށެއްގައި އައުޓްރީޗް ސެންޓަރތަކެއް ގާއިމުކޮށް ދަރިވަރުން ކިޔަވަމުން ދިޔައެވެ.