މި އަހަރުގެ ޖުލައި މަހު ރާއްޖެއަށް 2.7 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެފިއެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ޖުލައި މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 56 އިންސައްތަ ވަނީ އިތުރުވެފައެވެ.

މި އަހަރުގެ ޖުލައި މަހު ދައުލަތަށް ލިބުނު އާމްދަނީ, ކުރީއަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 31 އިންސައްތަ އިތުރުވެފައިވެއެވެ. އަދި މިދިޔަ އަހަރުގެ ޖުލައި މަހު 241 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ޖުލައި މަހު މި ޢަދަދުވަނީ 316 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ޖުލައި މަހުގެ ފުރަތަމަ 30 ދުވަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ، ޔޫ.އޭ.އީ ،ޗައިނާ އަދި ސިންގަޕޯ ކަމަށް ކަސްޓަމްސުން ބުނެއެވެ.

އެގޮތުން، އޮމާން އިން 797 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 698 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

ރާއްޖެ އިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ޖަރުމަނުވިލާތަށެވެ. އެގޮތުން ޖަރުމަނުވިލާތަށް 70 އިންސައްތަ މުދާ އެކްސްޕޯޓްކޮށްފައިވެއެވެ.

އަދި އިނގަރިރޭސި ވިލާތަށް 23 އިންސައްތަ މުދާ، މޮރިޝަސަށް 16 އިންސައްތަ މުދާ އެކްސްޕޯޓްކޮށްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.