މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުސަތު، މިއަދު ހުޅުވާލައިފިއެވެ.

ޚާއްސަ އިނާމާބެހޭ އުސޫލު، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިހާރު ވަނީ ޝާއިޢުކޮށްފައެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" http://apply.presidency.gov.mv މި ޕޯޓަލް މެދުވެރިކޮށްގެންނެވެ.

ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ، މިއަދުން ފެށިގެން އަންނަ ސެޕްޓެންބަރު މަހުގެ 22 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށެވެ. މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްސަ އިނާމު، މިއަހަރު ދެއްވުމަށް ހަމަޖެހިފައިވަނީ، ފަސް ގިންތިއަކުންނެވެ.

އޭގެތެރޭގައި ހިމެނޭ ފުރަތަމަ ގިންތިއަކީ، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް އިނާމުދޭ ގިންތިއެވެ. މި ގިންތީގައި ހިމެނެނީ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ނުވަތަ 9ގެ ސަނަދެއް ހާސިލުކުރުމުގައި، މަތީ ތަޢުލީމުދޭ މަރުކަޒަކުން ކަނޑައަޅާ އެންމެމަތީ ދަރަޖައިގައި ކޯހުން ފާސްވެ، އެ މަރުކަޒަކުންދޭ އެންމެމަތީ ޝަރަފު ލިބޭ ފަރާތްތަކެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިނާމު މި އަހަރު ދެއްވާ ދެވަނަ ގިންތިއަކީ، ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތިއެވެ.

ތިންވަނަ ގިންތިއަކީ، ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ ޢިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތިއެވެ. ޚާއްސަ އިނާމު މި އަހަރު ދެއްވާ ހަތަރުވަނަ ގިންތިއަކީ، ހުނަރުވެރި، ފަންނުވެރި މަސައްކަތްތެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމަށް ހިމަނުއްވާފައިވާ ގިންތިއެވެ.

މި އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު މި އަހަރު ދެއްވާ ފަސްވަނަ ގިންތިއަކީ، ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅާއެކު ޚާއްސަ އިނާމާބެހޭ ކޮމިޓީން މިއަހަރު އިތުރުކުރެއްވި ގިންތިއެކެވެ.

އެގޮތުން، މި ގިންތިއަކީ މިއަހަރަކީ ރާއްޖޭގައި ފަތުރުވެރިކަން ފެށިތާ 50 އަހަރު ފުރުން ފާހަގަކުރާ ރަންޔޫބީލް އަހަރުކަމަށްވާތީ، ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވައި، ދަމަހައްޓައި، އިންޤިލާބީ ބަދަލުތަކެއް ގެނެސްދީގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމަށް ހިމަނުއްވާފައިވާ ގިންތިއެވެ.

މި އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މިއަހަރު އެވެ. މި ގިންތިން 3 ރޮނގަކުން އިނާމު ދެއްވުމަށްވަނީ ހަމަޖައްސަވައިފައެވެ. މި 3 ރޮނގަކީ، އީޖާދީ އުފެއްދުމެއް ނުވަތަ އީޖާދީކަމެއް ތަޢާރުފުކޮށްގެން ފަތުރުވެރިކަމުގެ ދާއިރާއަށް މުހިންމު ކާމިޔާބީއެއް ހޯދައިދިނުމުގެ ރޮނގާއި، އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް ފަތުރުވެރިކަމުގެ ދާއިން މީހުން ބިނާކުރުމުގެ ރޮނގާއި، ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާކުރާ ދިވެހިންގެ ތެރެއިން، އެ މުވައްޒަފެއްގެ މަގާމުގެ މަސްއޫލިއްޔަތުތަކާ ގުޅޭ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކުރުމުގެ ރޮނގެވެ.

މި ގިންތީގެ ކާމިޔާބީތައް މިންކުރުމުގައި މައިގަނޑު ގޮތެއްގައި ބަލާނީ2017 އޮގަސްޓު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 2022 އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް، ވޭތުވެދިޔަ 5 އަހަރުގެ މަޢުލޫމާތާއި ތަފާސް ހިސާބަށެވެ.

މި ގިންތި ފިޔަވައި އެހެން ގިންތިތަކުން ޚާއްޞަ އިނާމަށް ހުށަހަޅާ ކާމިޔާބީއަކީ، 2019 ވަނަ އަހަރު ނުވަތަ އޭގެ ފަހުން ލިބިފައިވާ ކާމިޔާބީއެއް ކަމުގައި ވާންވާނެ ކަމުގައި ގެޒެޓު ކުރެވުނު ޚާއްސަ އިނާމާބެހޭ އުސޫލުގައި ބަޔާންކޮށްފައިވެއެވެ. ޚާއްސަ އިނާމު ދެއްވާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.