ޓްރީ ޓޮޕް ހޮސްޕިޓަލުން ނ.މަނަދޫގައި މަލްޓި ސްޕެޝަލްޓީ ހެލްތް ކޭންޕެއް ހިންގައިފިއެވެ.

ޓްރީ ޓޮޕުން ބުނީ، މި ކޭމްޕް ކުރިޔަށް ގެންގޮސްފައިވަނީ، މަލްޓި ޑިސިޕްލިނަރީ ސްޕެޝަލިސްޓުންގެ ޓީމަކާއެކު، ނ.މަނަދޫ އަތޮޅު ހޮސްޕިޓަލާއި ނ.މަނަދޫ ކައުންސިލާއިއެކު، މިމަހުގެ 12ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މި ހެލްތް ކޭންޕްގައި ހަރަކާތްތެރިވި ޑޮކްޓަރުންގެ ތެރޭގައި، ކަށީގެ ހާއްސަ ޑޮކްޓަރުން، ކަރުން މަތީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން، ޔުރޯލޮޖީ ނުވަތަ ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރުން، ސައިކިއެޓްރީ ނުވަތަ ނަފްސާނީ ބަލިތަކުގެ ހާއްސަ ޑޮކްޓަރު، އަދި ކަރޑިއޮލޮޖީ ނުވަތަ ހިތުގެ ބަލިތަކަށް ހާއްސަވާ ޑޮކްޓަރުން ހިމެނޭކަމަށް ޓްރީ ޓޮޕުން މައުލޫމާތުދެއެެވެ.

މި ކޭންޕްގެ ޒަރިއްޔާއިން ބަލިމީހުންނަށް ހެލްތް ސްކްރީނިންގ ހަދައިދިނުމުގެ އިތުރުން ފަރުވާ ބޭނުންފުޅުވާ ބޭފުޅުންނަށް ރިފަރެލް ވެސް ހަމަޖައްސައިދީފައިވެއެވެ.

މީގެ އިތުރުން ހެލްތް ސްކްރީނިންގ ހިދުމަތް ފުޅާ ދާއިރާއެއްގައި ހުޅުވާލެވި ގިނަ ބޭފުޅުންނަށް ހިދުމަތް ފޯރުކޮށްދެވުނު ކަމަށް ވެސް ހޮސްޕިޓަލުން ބުނެއެވެ. އެގޮތުން 200 އަށް ވުރެ ގިނަ ބޭފުޅުންނަށް ހިދުމަތް ފޯރުކޮށްދީފައިވެއެވެ.

ހެލްތް ކޭންޕްގެ ސިއްހީ މާހިރުންގެ ތެރޭގައި ކޮންސަލްޓަންޓް އޯތޮޕީޑިކްސް އެންޑް ޓްރޯމާ ސާރޖަން ޑރ. އަހްމަދު އާޒިމް އަބްދުލް ޝަކޫރ، ކޮންސަލްޓަންޓް އޯތޮޕީޑިކްސް ސަރޖަން ޑރ. އަލީ މުޒްނީ، ކޮންސަލްޓަންޓް އީ.އެން.ޓީ ޑރ. ޗަންދުރަޝޭކަރު ރަވާލް، ކޮންސަލްޓަންޓް ޔޫރޯލޮޖީ ޑރ. މެހްމަތް އޮޑަރ، ކޮންސަލްޓަންޓް ސައިކިއެޓްރީ ޑރ. މުހައްމަދު އިޒުއްދީން އަދި ކޮންސަލްޓަންޓް ކާރޑިއޮލޮޖިސްޓް ޑރ. އަބްދުލް އަޒީޒް އަހްމަދް ހިމެނެއެވެ.