ތިރީގައި މިވަނީ، މަޝްހޫރު ވާހަކަ ލިއުންތެރިޔާ ހޫދު ސާމީ ލިއުއްވާފައިވާ ވާހަކައެކެވެ.

*****

(4 އޮގަސްޓް 2022 އާ ގުޅޭ)

މުދިންބެއާއި އައިސައްތަ ދިއުމުން ހަސަނު ގޭތެރެޔަށް ނިކުމެ ގޭގެ އެއްފަރާތެއްގައި ހައްދާފަހުރި ދޮންކޮޔޮ ފީންޏެއްގެ ކައިރަށްގޮސް މަސްވަޅުލަން ރަނގަޅު ހިސާބެއް ފާހަގަކޮއްލިއެވެ. އަދި އެނބުރި ގޭގެ ފުޅަށްބުޑުގައި ލައްގާފައިހުރި އުދެލިގަނޑެއް ހިފައިގެން އަލުން އަނބުރާ ކެޔޮފީންޏާއި ދިމާލަށް މިސްރާބު ޖެހިއެވެ. ކެޔޮފީންނާއި ހަމައަށް ދެވުމުން ކޮޑުގައި އޮތް އުދެލިގަނޑުން ވަޅެއް ކޮނެ އެވަޅަށް އަހިފަތާއިއެކު އޮތް މަސް ލައި ފަސްއެޅިއެވެ. އަދި ވެލިގަނޑު ބާރުކޮށް އުދެލިން ދެތިން ފަހަރު ވެލިގަނޑުމަތީގައި ޖަހައި އެއްވަރު ކޮށްލުމަށްފަހު ގެއާއި ދިމާލަށް ހިނގައިގަތެވެ.

ގޭގެ ފުޅައްބުޑުގައި ކުރިންވެސް އުދެލިހުރި ހިސާބުގައި އުދެލި ލައްކޮށްލުމަށްފަހު ހަސަނު ގޭތެރެއަށްވަދެ އެތެރެގޭތެރޭގައި އެލުވާފައިހުރި ފުޅި ބައްތިއެއް ރޯކޮށްގެން ވަނީ ގިފިއްޔަށެވެ. ފެންވަރާލައިގެން ހަސަނު ނިކުމެ ނިދަން އަންނަ މުންޑު އަނދެގެން އެތެރެގޭތެރެޔަށް ބަލާލާފައި ފާތުމަ ނިދާފައި އޮތްތަން ފެނުމުން ފޮތިގަނޑު ވައްޓާލާފައި ނިކުމެ ބޭރުއަށީގައި އޮށޯވެލިއެވެ. އޭރު ފާތުމަގެ އަމާ ގޭގެ ބޭރުދޮރުޖަހާފައި އައިސް ބައްތިތަށް ކަނުކޮށް އެތެރެގެޔަށް ވަންނަނީއެވެ.

ދެންމެ ހަލަބޮލިކަމުން ފުރިފައިވީ ހަސަނުމެންގެ ގޭތެރޭގައި މިހާރުވަނީ ހަމަހިމޭންކަމެވެ. އެންމެން ނިދައި ފައިތިލަ އޮބުނީއެވެ. ގޭތެރޭގައި ހުރި ބަނބުކެޔޮ ގަހުގެ ފަތްތަކުތެރެއިން ފުރޭނިގެން ބިންމައްޗަށް ފަނަރަވިލޭރޭގެ ހަނދުގެ އަލިކަން ވަނީ ވެރިވެފައެވެ. ގޭގެ ދޮރު ޖަހާފައި ހުރުމުން ގޭތެރޭގައި ހަނދުވަރުގެ އަލިކަން ފިޔަވާ އިތުރު އަލިކަމެއް ނެތެވެ. މަޑުމަޑުން ޖެހެމުންދިޔަ ވައިރޯޅިއާއިއެކު ބަނބުކެޔޮގަހުގެ ފަތްތަށް ހެލިލާއިރު ބިންމައްޗަށް އެޅިފައިހުރި ކޮކާހަނދުވަރު ކޮންމެވެސް ވަރަކަށް ހަރަކާތްކުރެއެވެ. ގޭތެރެ އާއި ރަށުތެރެއިން އެއްއަޑަކަށް އިވެމުންދިޔައީ ރަފީގު ގޮވާއަޑެވެ.

އެންމެންނިދާ އިރުގަނޑެއް ފަހެވެ. ކެޔޮއިންދަން ހަސަނު ކޮނެފައިހުރި ކެޔޮ ވަޅު ތެރެޔަށް އަޅާފައިހުރި ފަތްތަކަށް ކޮންމެވެސް ވަރެއްގެ ގުޑުމެއް އެރިއެވެ. ހިމޭންކަން ވެރިވެފައިވާ އެ މާޙައުލުގެ ހަމަހިމޭންކަން ނަގައިލި އެހަރަކާތާއިއެކު ކެޔޮގަނޑެއް ގައި އެލިގެންއޮތް ވާލެއް ކީއްކީއް ލައްވަމުން އުދުހިގަތެވެ. އެއާއި އެކު މާހައުލަށް ވެރިވެފައިވީ ހިމޭންކަންވެސް ކޮންމެވެސް ވަރަކަށް ކެންޑިގެން ދިޔައެވެ. އުދުހިގެން ދިޔަ ވާލާއިއެކު ހެލިގެން ދިޔަ ކެޔޮފަތްތަކުގެ ދޭތެރެއިން ކޮންމެވެސްވަރެއްގެ އަލިކަމެއް ކެޔޮވަޅަށް އެޅިފައި ހުއްޓެވެ. ކުރިން ވެސް ގުޑުންއެރި ކެޔޮފަތްތަށް އަނެއްކާވެސް މަޑުމަޑުން ތެޅިލިއެވެ. އެއާއިއެކު ހަސަނުމެން ގެޔާއި ޖެހިގެންހުރި ގޭގެ ގޯތިތެރޭގައި ހުރި ބޮޑު ބަބުކެޔޮ ގަހަށް ނިދަން އަރާފައިތިބި ކާޅު ބައިގަނޑެއް އުދުއްސައިގަތެވެ.

ހިމޭން މަޑުމައިތިރި ރީތި ރޭގެ ހިމޭންކަން ހިނދު ހިނދުކޮޅުން ގެއްލިގެން އެދަނީ އަނެއްކާ މިއީ ކޮންފަދަ ގިލަންވެރި ކަމެއްބާވައެވެ? އިންސާނެއްގެ ހިލަމެއް ނުވިނަމަވެސް ކޮންމެވެސް އެހެން މަހުލޫގެއްގެ ހިލަންވެރިކަން އެސަރަހައްދުގައި ވެއެވެ. ސަބަބަކާއިނުލާ ކެޔޮފަތްތަށް ތެޅިގަތުމާއި ކެޔޮގަނޑު ކާން އޮތް ވާ ބިރުން އުދުހިގެން ދިޔުމުގެ އިތުރުން ނިދަން އެރި ކާޅު ބައިގަނޑު އުދުހިގެން ދިޔަ ގޮތް މިކަންކަމަށް ބާރުދެއެވެ.

ކުއްލިޔަކަށް ޖެހިލި ވައިރޯޅިއަކާއިއެކު އަނެއްކާވެސް ކެޔޮފަތްތަށް ހެލިގަތެވެ. އެއާއިއެކު ކެޔޮގަހެއްގެ ފުރަގަހުގައި ނިވާވެގެންކަހަލަ ގޮތަކަށް ހުރި މަޚްލޫގު އެހުރީ ފެންނާށެވެ. ކަށަވަރުންވެސް އެއީ އިންސާނެއް ނޫންކަން އެ މަދު ސިކުންތު ކޮޅުންވެސް ކަށަވަރު ވެއްޖެއެވެ. އިންސާނެއްގެ އިސްކޮޅަށްވުރެ ކުރެވެ. މުޅި ގައިގައި ހުރި ކަޅުކަން ގަދަކަމުން ހަނދުގެ އައްޔަށް އެހުރީ ދިހުން އަރަ އަރައެވެ. މޫނުމަތިން ނޭފަތެއް ކަންފަތެއް އަނގައެއް ވަކި ނުވިނަމަވެސް ރަތްކަން ގަދަ ދެލޯ ރީތިކޮށް ހުރީ ފާޅުވާށެވެ. އަތުގެ އިނގިލިތަށް ދިގުވެފައި ކޮޅަށް ތޫނެވެ. ވަކިތަކެއްގެ މިސާލުގައެވެ. އިންސާނެއްގެ ފަޔަކަށްވުރެ ގެރިއެއްގެ ފަޔަކާއި ވައްތަރު ފަޔެކެވެ. ނަމަވެސް ފައި ހުރީ އިދިފުށައް އެނބުރިފައެވެ.

ގޭތެރެއިން ކުރިން އިވެމުންދިޔަ ރަފީގު ގޮވާއަޑުވެސް އެއްކޮން ކެނޑިއްޖެއެވެ. މުޅި މާހައުލު މަރުވެފައިވާފަދައެވެ. ކެޔޮގަސްބުޑުގައި ފިލާހުރި މަޚްލޫގު މަޑުމަޑުން ބޭރަށް ނިކުންނަން ފެށިއެވެ. ގަހުގެ ނިވަލުން ނިކުތުމަށްފަހު ހަތަރު މޮށްގަނޑުޖަހައި ކުރިޔަށް ހިނގައިގަތެވެ. ވަށައިގެންވާ މާހައުލަށް ބަލަމުން ވަރަށް ސިއްރުންނެވެ. ކެޔޮވަލުން ނިކުތުމަށްފަހު ބިންމަތީގައި ވަސްގަންނަމުން މިސްރާބުޖެހީ ހަސަނު މަސްވަޅުލި ދިމާލަށެވެ. މަޑުމަޑުން އެހިސާބަށްގޮސް ވަށައިގެން ހޯދާ ބަލައިލުމަށްފަހު ދެއަތުގެ ވަކިތަކުން ފަސްގަނޑު ހާވާލިއެވެ. އަނެއްކާވެސް ވަސްގަނެ އެ ވަޅުގަނޑު ކޮންނަން ފެށިއެވެ.

ކުއްލިޔަކަށް ގޭތެރެއިން ކުޑަސޮރު ރޮއެގެންފިއެވެ. ރޮއެގަތްލެއް ބާރުކަމުން ފާތުމަ ދިޔައީ ސިއްސައިގެންނެވެ. ތެދުވެ ދެލޯ ފޮހެލާފައި ބަލާލިއިރު ފާތުމަގެ އަމާ އެސޮރު ނަގާގެން ހޫހޫ ލައްވަނީއެވެ. ނަމަވެސް މައިތިރި ނުވުމުން ގެނެސް ފާތުމަގެ ގާތުގައި ބޭއްވުމުން ފާތުމަ ލިބާސްގަނޑު ކަޝްފުކޮށްފައި އެސޮރަށް ބުއްޖެއްސޭތޯ މަސައްކަތް ކުރަން ފެށިއެވެ. ނަމަވެސް ހިލާ ނުބުޔެވެ. އަޑުން އަޑު ނަގާފައި ރޮނީއެވެ. އަނިޔާއެއް ވެގެން އުޅޭ ކަހަލައެވެ. ފާތުމަގެ އަމާ އެސޮރު ގައިގައި މަދިރިއެއް ހެފީތޯވެސް ވަރަށް ބަލާ ޔަގީން ކޮށްފިއެވެ. އެކަހަލަ އެއްވެސް ލިޝާނެއް ފެންނާކަށް ނެތެވެ. ކުޑަސޮރު ރޯއަޑަށް ބޭރުގޭތެރޭގައި ނިދަން އޮތް ހަސަނުވެސް ތެދުވެގެން ގޮސް ވީ ކީއްތޯ ބަލައިލަން އެތެރެގެޔަށް ވަނެވެ. އެކި މީހުން އެކި ހިޔާލުތަށް ދެމުން އެސޮރު ހޭހަން ކުރެވޭތޯ ވަރަށް މަސަތްކަތް ކުރިއެވެ. ނަމަވެސް އިހުނަށްވުރެން އަޑު ބާރުވުން ފިޔަވާ އިތުރު ބަދަލެއް ނާދެއެވެ.

އެންމެ ފަހުން ހަސަނު އެސޮރު ނަގައި އެތަށް އަޑެއް ލައްވައިގެންވެސް މައިތިރި ނުވުމުން ކަންފަތް ދޮށުގައި ބަންގިދީ ގަމަތްކިޔާ ޝަހާދަތާއި ކުރުސީގެ އިތުރުން އަދިވެސް ގުރުއާނުގެ ކުރު ދެތިން ސޫރަތް ކިޔަވައި މެޔަށާއި މޫނަށް ފުމެލިއެވެ. އަދި އެސޮރު މަސަލަސް ކުރެވޭތޯ އުޅެން ފެށިއެވެ. މަޑުމަޑުން ރުއިން ހުއްޓެމުން ގޮސް އެއްކޮން ރުއިން ހުއްޓާލުމުން ފާތުމަގާތު އެސޮރު ބާއްވާފައި ގާތުން ދޭން ބުނެފައި ހަސަނު ނިކުތީ ބޭރުގޭތެރެޔަށެވެ. ބޭރުގޭތެރޭ އައްޓެއްގެ މަތީގައި ބަހައްޓާފައި ހުރި ރުބައިން ފެންތައްޓެއް ބޯލުމަށްފަހު ކޮޑުމަތީ އޮތް ފޮށާގަނޑުން މޭމައްޗާ މޫނުމަތީ ހިއްލާފައި ހުރި ދާތަށް ފޮހެލިއެވެ. އަދި ގޮސް ބޮޑު އަށިމަތީ ހަމަޖެހިލިއެވެ.

މާގިނައިރުތަކެއްނުވެ އަލިވިލެން ކައިރިވުމުން ހަސަނު ތެދުވެ ނަމާދަށް ދިއުމުގެ ކުރިން އަތިރިޔަކަށް އެރެންދާން ބޭރަށް ނިކުތެވެ. އެއާއިއެކު ތަންކޮޅެއް އަނދިރި ހިސާބަކުން ހަތަރު މޮއްގަނޑު ޖަހާފައި ކެޔޮގަސްތަކު ތެރެޔަށް އެއްޗެއް ދުވެފައި ގޮސް ވަތްހެއް ހީވިނަމަވެސް އެކަމާ އަޅާނުލީ ވެފައިހުރި ވަރުބައްޔާއި ހަމަޔަށް ރޭގައި ނުނިދޭތީ ނިދި ނުފިލާ ހުރިލެއް ބޮޑުކަމުންނެވެ. ބުޅަލެއް ކަމަށް ދެކި ހަސަނު އަވަސްވެގަތީ އަތިރިޔަށް ނުގޮސް ގިނަ އިރު ހުންނަން އޭނާއަށް ކުޅަދާނަ ނޫންވީމައެވެ.

އަވަސް ފިޔަވަޅު ތަކެއްގައި ހިނގާފައި ހަސަނަށް އަތިރިޔަށް އެރެވުނީ ހަމަ ކިރިޔާއެވެ. ރަނގަޅަށް ތާހިރު ވެލާގެން ބަންގި ގޮވުމާއިއެކު މިސްރާބުޖެހީ މިސްކިތާއި ދިމާލަށެވެ. މިސްކިތަށް ވަދެ ވަޅުގާތު ހުއްޓުނު އިރު ނަމާދުކޮށް ނިމިގެން މީހުންތަށް ފައިބަނީއެވެ. ހަސަނު ވުޅޫކޮށް ނިމޭހާ އިރު ކޮށްފައި މިސްކިތުން ފައިބަންދަމުން މުދިންބެ ހަސަނު ކައިރިއަށް އައިސް ހުއްޓިލިއެވެ. އަދި ކޮޑުގައި ޖަހާލާފައި އަލަށް ދަރިއަކު ލިބުނީމައި ތިޔަހެންވެސް ވާނެކަމަށާއި ތިޔަހަރަގެން ނިދިގެން ވެއްޓެނީކަމަށް ސަމާސަ ރާގެންގައި ބުނެލިއެވެ. ހަސަނުވެސް ހިނި އަތުވެލާފައި ކުރާނީ ކީއްހޭ ބުނެ މިސްކިތަށް ވައްނަން ހިނގައިގަތެވެ. ތަންކޮޅަކަށް ގޮސް އެއްޗެއް ހަނދާންވެގެން ހަސަނު އެނބުރި މުދިންބެއަށް ގޮވާލިއެވެ. އަދި ރޭގައި އެސޮރު އާދަޔާ ހިލާފަށް ރުއި ވާހަކަޔާއި މައިތިރި ނުވުމުން އެސޮރު ކަންފަތް ދޮށުގައި ބަންގިގޮވާ ކަންތަށް ކުރި ވާހަކަވެސް ބުންޏެވެ. މުދިންބެވެސް ހުހޫން ހޫން... އަޅުވާލާފައި ބަލައިލަން ދާނަމޭ ބުނެލިއެވެ.

ނަމާދުން ނިމިގެން ހަސަނު ގެޔަށް އާދެވުނު އިރު ރަށުތެރެ ވަނީ އަލިވެފައެވެ. ގެޔަށް ވަތްއިރު ފާތުމަގެ އަމާ ގޯތިތެރެ ކުނިކަހަން އޮތެވެ. ހަސަނު ވަނުމާއިއެކު ފާތުމަގެ އަމާ ކުނި ކަހަން އޮވެފައި ބޯހިއްލައިލިއެވެ. އަދި ހަސަނާއި ދިމާލަށް ބަލައިލިއެވެ. އެއަށްފަހު ސައި ހަދާފައި ހުންނާނެކަމަށް ބުނެފައި މަސައްކަތައިގެން މައްސޫލު ވެލިއެވެ.

މަޑުމަޑުން އާފުރެމުން ހަސަނުގޮސް ބޮޑުއަށިމަތީ އިށީންދެ މުށި ތައްޓައް ބޯރޮއްޓެއް ކޮށާލިއެވެ. އަދި ކައިރީގައި ހުރި ރަތް ގަރުދިޔަ ތަށިން ދެތިން ހަތަރު ސަމުސަލެއްގެ ގަރުދިޔައާއި މަސް ކޮޅެއް ލުމަށް ފަހު ރަނގަޅަށް މޮޑެލިއެވެ. ފޮޅިކޮއްފައި އޮތް މިރުހަކާއި ލިބޯ ކޮޅެއްވެސް އެއްކޮށްގެން ހަސަނު ކެއުމައިގެން މަސްއޫލު ވެލިއެވެ. ދެތިން ހަތަރު ސުވާއެއް ކާލިތަނާހެން މުދިންބެ އެތެރެގެޔަށް ބޯދިއްކޮއްލިއެވެ. ހަސަނު އަވަސް އަރުވާލާފައި މުދިންބެއަށް ބޮޑު އަށިމަތިން ޖާގަ ހަދައިދިންއިރު ފާތުމަގެ އަމާ އިތުރު ރޮއްޓެއް ހިފައިގެން އައިސް މުދިންބެއަށް ކާން ނަންގަތެވެ. އަދި ދަމުން މެދަކާއި ހަމަޔަށް ހުސްވެފައި ހުރި ގަރުދިޔަ ބޯތަށި ހިފައިގެން ބަދިގެޔާއި ދިމާލަށް ހިނގައިގަތެވެ.

މުދިންބެވެސް އެކި ވާހަކާގައި އިނދެ ތައްޓައް ރޮށިކޮށާ ނިމުނުއިރު ފާތުމަގެ އަމާ ގަރުދިޔަ ބޯތަށިގެނެސް ބަހައްޓަނީއެވެ. ހަސަނު އަވަސް އަވަހަށް މުދިންބެ ތައްޓައް ދެތިން ސަމުސާ ގަރުދިޔަ އަޅާލަދީ ކުދި ތަށިތަށް ގާތްކޮއްލަ ދިނެވެ. މަސްވެރިކަމާ ދަނޑުވެރިކަމުން ފެށި ވާހަކަތަކުންގޮސް މުދިންބެގެ ވާހަކަ ނިންމީ ރަށް ތަދުވަމުން އަންނަ ވާހަކައަށެވެ. ދަނޑުވެރިކަން ހީނަރުވަމުން އަންނަ ވާހަކައާއި ވާރޭ ނުވެހި ގިނަދުވަސް ވަމުން އަންނަ ވާހަކައަށެވެ. މުދިންބެގެ ކޮންމެ ވާހަކައަކަށް ހަސަނު އިނީ އާނ.. ހޫނ.. ކިޔާލަ ކިޔާލައެވެ.

ކައި ނިމި އަތްދޮވެ ހަދައިގެން ހަސަނު އެތެރެގެޔަށް ވަނީ މުދިންބެ އެސޮރު ގެނެސްދިނުމަށް އެދުމުންނެވެ. ނަމަވެސް އޭރު ފާތުމައާއި އެސޮރުވެސް އޮތީ ނިދާފައެވެ. ހަސަނު މަޑުމަޑުން ފާތުމައަށް ގޮވާލާފައި އެސޮރު ނަގަން ހިފާލިވަގުތު ފާތުމަގެ އަމާ ބޭރުން ވަރަށް ބާރަށް ހަސަނަށް ގޮވާލިއެވެ. އަޑުގައި ކޮންމެސް ވަރެއްގެ ހާސްކަން އެކުލެވިފައިވާކަން އެ ވޮވާލި ގޮވާލުމުން އެނގި ފާޅުވާން ހުއްޓެވެ. އެސޮރު ނަގަން ދިތްކުރި ދެއަތް ހަސަނު ކުރުކޮށްލުމަށްފަހު އަވަސް އަރުވާލާފައި ބޭރުގޭތެރެޔަށް ނިކުތެވެ. އޭރު މުދިންބެވެސް ބޭރުގޭތެރެއިން ގޯތިތެރެޔަށް ނިކުންނަނީއެވެ. ހަސަނު ހަރުކޮށް ހިނގާފައި ގޮސް މުދިންބެއާއި އެއްހަމަކޮށް ބޭރަށް ދެމީހުން އެއްފަހަރާ ކަހަލަ ގޮތަކަށް ނިކުތެވެ. އޭރު ފާތުމަގެ އަމާ ދުވެފައި އެމީހުންނާއި ދިމާލަށް އަންނަނީއެވެ.

ދުވަމުން ކަހަލަ ގޮތަކަށް ފާތުމަގެ އަމާ އެމީހުންނާއި އަރާ ހަމަވުމުން ވީ ކިހިނެއްތޯ މުދިންބެ ސުވާލު ކޮށްލިއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި ކެޔޮގަސްތަކާއި ދިމާލަށް އިނގިލި ދިއްކޮއްލިއެވެ. އޭރު މުޅި މީހާ ހުރީ ހާސްވެ ދާހިއްލާ ގުނބު ހިލިފައެވެ. މުދިންބެ އަތުގެ އިޝާރާތުން މައިދާތަ ގޭތެރެޔަށް ވައްދަން ބުންޏެވެ. ހަސަނު އަތުލަފި ކޮއްގެން މައިދާތަ ގެންގޮސް ބޭރުގޭތެރޭ ގޮނޑިއެއްގައި ބައިންދާފައި ނިކުތީ ބޭރަށެވެ. އޭރު މުދިންބެ މަޑު ހިނގުމެއްގައި ފާތުމަގެ އަމާ އިނގިލި ދިއްކުރި ދިމާލަށް ދަނީއެވެ. ހަސަނުވެސް ހަލުވި ހިނގުމެއްގައި ހިނގާފައި ގޮސް މުދިންބެ ފަހަތުން އަރާ ހަމަކުރިއެވެ. ކެޔޮގަސްތަކާއި ހަމަޔަށް ދެވުނުއިރު އެސަރަހައްދުގައި ކޮންމެވެސް ވަރަކަށް ލޭހުއްޓެވެ. އަދި ކޮންމެވެސް ވަރަކަށް އެސަރަހައްދުން ކުނިވަސް ދުވައެވެ. ކެޔޮފަތްތަކާއި ބިންމަތީގައި ލޭ ހުރި ތަންތަނުގައި މެހި ބުރައެވެ.

ސުވާލުތަކަކުން ފުރިގެން ހުރެ ހަސަނަށް ބަލައި ލެވުނީ މުދިންބެގެ މޫނަށެވެ. މުދިންބެއަށްވެސް ވީ ހަމަ އެވަރެވެ. ސުވާލުތަކުން ފުރިގެންހުރެ ބަލައިލެވުނީ ހަސަނާއި ދިމާލަށެވެ. މުދިންބެ ވަރަށް ފަރުވާތެރި ކަމާއިއެކު އެސަރަހައްދު ބަލަން ފެށިއެވެ. ލޭގެ އަސަރު ފެންނަން ހުރި ތަންނަނާއި ބިންމަތީގައި ހުރި ފިޔަވަޅު ތަކަށެވެ. ކެޔޮގަސްތަކުގެ ބުޑުން ފިޔަވަޅުތަކުގެ މިސްރާބު ހުރި ދިމާލެވެ. މާގިނައިރުތަކެއް ނުނެގިއެވެ. މުދިންބެ ހަސަނު އަތުގައި ހިފައިގެން ގޭތެރެޔަށްވަދެ ތައްޓަކަށް ފެން އަޅައިގެން އެއްޗެއް ކިޔަވަމުން ނިކުތެވެ. ނިކުތުމުގެ ކުރިން ބޮޑު އަށިދަށުގައި އޮތް ކަތިވަޅިއަކަށް އިޝާރާތް ކޮށްލިއެވެ. (ނުނިމޭ)