ފީވަކުގެ ތަރައްގީއާ ގުޅޭގޮތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރުމުގެ ފުރުސަތެއް މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ލިބިފައި ނުވާ ކަމަށް ފީވަކު ކައުންސިލުން ބުނެފިއެވެ.

ފީވަކު ކައުންސިލުން މިކަން ފާހަގަކޮށްފައިމިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙް ފީވަކު ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން ކުރެއްވި މަޝްވަރާގައެވެ.

މިބައްދަލުކުރެއްވުމުގައި ފީވަކު ކައުންސިލުން ވަނީ، އެރަށް ޢުމުރާނީ ގޮތުންނާއި އިޤުތިސާދީ ގޮތުން އަދި، އިޖުތިމާޢީ ގޮތުން ތަރައްގީވާން ފަށާފައި ވަނީ ސަރުކާރުގެ ފާއިތުވި 4 އަހަރުގެ ތެރޭގައިކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އަށާއި، ސަރުކާރަށް ޝުކުރު ދަންނަވާފައެވެ.

އަދި ފީވަކުގެ ތަރައްގީއަށްޓަކައި ވަޢުދެއް ވެވަޑައިގެންނެވި، ހަމައެކަނި ވެރިއަކީ، ރައީސް ސާލިހް ކަމަށާ، ރައީސުލްޖުމްހޫރިއްޔާވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް ތަރައްޤީގެ މަޝްރޫއުތައް ހިނގަމުންދާ ކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ކައުންސިލްތައް އުފެއްދުމަށްފަހުގައި، ފީވަކުގެ ތަރައްޤީ އާއި ގުޅޭ ގޮތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރުމުގެ ފުރުސަތެއް މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ލިބިފައި ނެތްކަންވެސް ކައުންސިލް މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވަނީ، ސަރުކާރުން ފީވަކުގައި ކުރިޔަށް ގެންދާ ކަންކަން ފީވަކުގެ ރައްޔިތުން ބަލައިގެންފައިވުމުން އެކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި، ފީވަކު ކައުންސިލުން ވަނީ، މިހާރު އެ ރަށުގެ ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަންވެސް ރައީސަށް ދަންނަވާފައެވެ. އޭގެ ތެރޭގައި އެރަށުގައި މޫދަށް އެރޭނެ ސަރަހައްދެއް ނެތުމާ، ރަށްގިރުމުގެ މައްސަލަ ހިމެނެއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ސާލިހް ވިދާޅުވީ، ފީވަކުގައި މޫދަށް އެރޭނެ ސަރަހައްދެއް ކަނޑައަޅައި އެސަރަހައްދު ތަރައްޤީކުރުމުގެ މަސައްކަތާ، ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ ކަންކަން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާކުރައްވައި ބައްލަވައިދެއްވާނެ ކަމަށެވެ.

މިބައްދަލުވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.