ޗައިނާ-ޓައިވާންގެ މަސްރަހް ހޫނުވެފައި ވަނިކޮށް އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ވަފުތެއް ޓައިވާނަށް ހިނގައްޖެއެވެ.

ފަސް މެމްބަރުންގެ މި ވަފުދުގައި އިސްކޮށް ހުންނެވީ ސެނެޓަރ އެޑް މާރކީއެވެ. މިވަފުދު ޓައިވާނަށް އައުމުން، އެއަރޕޯޓްގައި ނަގާފައިވާ ފޮޓޯތައް، ޓައިވާންގެ ފޮރިން މިނިސްޓްރީން އާންމުކޮށްފައި ވެއެވެ.

މި ވަފުދު ޓައިވާނަށްކުރާ ދެދުވަހުގެ ދަތުރުގައި، ޓައިވާންގެ ރައީސާ ސައި -އިންގް-ވެންއާ މާދަމާ ހެނދުނު ބައްދަލު ކުރާނެކަމަށް ޓައިވާންގެ ރައީސާގެ އޮފީހުން ބުނެފައި ވެއެވެ.

އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ވަފުދުގެ މިދަތުރަކީ، ޓައިވާނަށް ޒިޔާރަތްކުރާ އެމެރިކާގެ މިފެންވަރުގެ ދެވަނައަށް އެންމެ އިސް ބޭފުޅުންގެ ވަފުދެކެވެ.

އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސާ ނޭންސީ ޕެލޯސީ، ވަފްދަކާއެކު މިމަހުގެ ކުރީކޮޅު ޓައިވާނަށް ވަޑައިގަތުމުން ޗައިނާއިން ވަރަށް ބޮޑަށް ރުޅިއަސް، ޓައިވާން ކައިރީގައި އަދިވެސް ގެންދަނީ އަސްކަރީ ހަރަކާތްތައް ހިންގަމުންނެވެ.

ޓައިވާންގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ، ޗައިނާއިން ކުރިއަށް ގެންދިޔަ ބިޔަ ޑްރިލް ނިންމާލި ނަމަވެސް، ޗައިނާގެ 3 އަސްކަރީ 6 މަނަވަރާއި، 22 އަސްކަރީ މަތިންދާ ބޯޓު، ޓައިވާން ކަނޑުއޮޅީގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ނޭންސީ ޕެލޯސީގެ ދަތުރުފުޅަށްފަހު ޗައިނާއިން އެމެރިކާއާ ބައެއް ކަހަލަ ގުޅުންތައް ކަނޑާލާފައި ވާއިރު، ޓައިވާނަށް އިތުރަށް ދަތިކޮށް އަދަބުދިނުމުގެ ފިޔަވަޅުތައްވެސް އަޅާފައި ވެއެވެ.

މިފަދަ ނާޒުކު ދަނޑިވަޅެއްގައި، އެމެރިކާގެ ކޮންގްރެސްގެ ވަފުދެއް ޓައިވާނަށް ޒިޔާރަތް ކުރުމަކީ، އެމެރިކާ ކޮންގްރެސްގެ ފުރިހަމަ ތާއީދު ޓައިވާނަށް އޮތްކަން ހާމަކޮށްދޭ ކަމެއް ކަމަށް ޓައިވާން ރައީސާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެމެރިކާ ކޮންގްރެސްގެ ވަފުދު ޓައިވާނަށް ކުރާ މި ދަތުރުގައި، އެމެރިކާ-ޓައިވާންގެ ގުޅުމާއި، ސަރަހައްދުގެ ސާލަމާއި، ވިޔަފާރިއާއި އިންވެސްޓްމަންޓާއި، ގްލޯބަލް ސަޕްލައި ޗެއިން، މޫސުމީ މައްސަލަތައް އަދި ޓައިވާނާއި އެމެރިކާގެ މަސްލަހަތު ހިމެނޭ މުހިންމު އިތުރު ކަންކަމާ ގުޅޭގޮތުންވެސް ޓައިވާންގެ އިސް ފަރާތްތަކާ މަޝްވަރާ ކުރާނެއެވެ.