ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ މައްޗަށް ހޯދި މޮޅާއެކު ބުރު ސްޕޯޓްސް ކުލަބުން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.

މިއާއެކު ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ފައިނަލުގެ އިތުރުން ފުރަތަމަ ޑިވިޝަނުގެ ކޮލިފިކޭޝަންގެ ޖާގައެއްވެސް ބުރަށް ލިބުނީއެވެ. އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ސީޒަން މިވަނީ ނިމިފައެވެ.

2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ނިއުރޭޑިއަންޓަށް ކުރިމަތިވި ސަސްޕެންޝަނުން އަރައިގަނެ މި ސީޒަނުގެ ދެވަނަ ޑިވިޝަނުން ނިއު ފެށިއިރު، އެޓީމުން އަލުން ފުރަތަމަ ޑިވިޝަނުގައި ކުޅުމަށް ކުރަމުން އައި އުންމީދަށް މިވަނީ އިތުރު އިންތިޒާރެއް ކުރަން ޖެހިފައެވެ. ނިއުގެ އިތުރުން ވިކްޓްރީ ސްޕޯޓްސް ކުލަބަށްވެސް ދެވަނަ ޑިވިޝަނުގެ ގްރޫޕް ސްޓޭޖާއި ހަމައިން ވަނީ ސީޒަން ނިމިފައެވެ.

މުބާރާތުގެ ފައިނަލުގެ ޖާގައެއް ބުރުން ހޯދީ، މިއަދު ހަވީރު ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ނިއު އާއި ދެކޮޅަށް ތަފާތު މޮޅު ކުޅުމެއް ދައްކައިގެންނެވެ. ނިއުގެ ކުޅުންތެރިންގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ ބުރެވެ. ނަތީޖާއަކަށްވީ ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅުގައި އެޓީމުން ލަނޑެއްޖަހާ ލީޑުނެގުމެވެ.

މެޗު ފަށައިގެން 7 ވަނަ މިނެޓުގައި ބުރަށް މިލަނޑު ކާމިޔާބު ކޮށްދިނީ ބިދޭސީ ފޯވާޑް ސްޓެފަން ޑޫރިކް އެވެ. މިއީ ކެޕްޓަން އަހްމަދު ރަޝީދު (އަންމަޑޭ)، އޭރިއާ ތެރެއަށް ނަގައިދިން ހިތްގައިމު ހުރަހެއްގައި ވަރަށް ހަމަޖެހިލާފައި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ސްޓެފަން ކާމިޔާބުކުރި ލަނޑެކެވެ.

އެހެންނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިއުއިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމަށް ކުޅޭ ގާނާގެ ފޯވާޑް ކޯފީ އޮވޫސޫ އެވެ.

މެޗުގެ ފުރިހަމަވަގުތުގެ ކުޅުން ނިމުނީ ދެޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. މުބާރާތުގެ ގަވައިދުގައިވާގޮތުން ފުރިހަމަވަގުތުގެ ކުޅުން ހަމަވާއިރު ދެޓީމު އެއްވަރުވެފައި އޮވެއްޖެނަމަ އިތުރުވަގުތުގެ ދެހާފު ނުކުޅެ ޖަހާނީ ޕެނަލްޓީއެވެ. ބުރުން މެޗު ކާމިޔާބުކޮށް ފައިނަލަށް ދަތުރުކުރީ 3-4 އިން ޕެނަލްޓީގައި ކުރިހޯދައިގެންނެވެ.

ނިއުއިން ފޮނުވާލި ޕެނަލްޓީތަކުގެ ތެރެއިން ކާމިޔާބު ނުވަނީ އެޓީމުގެ ތޯރިގް އާއި އުޒްބެކިސްތާނުގެ މިޑްފީލްޑަރު ފާރޫކް ޚައިދަރޮވް ފޮނުވާލި ޕެނަލްޓީތަކެވެ. އެގޮތުން ތޯރިގް ފޮނުވާލި ޕެނަލްޓީ ބޭރަށް ދިޔައިރު ޚައިދަރޮވް ފޮނުވާލި ޕެނަލްޓީއަށް، މެޗުގައި އެންމެ ފާހަގަކޮށްލެވޭ ކުޅުމެއް ދެއްކި ބުރުގެ ކީޕަރު މުހައްމަދު ޖަޒްލާން ވަނީ ހުރަސް އަޅާފައެވެ.

މުބާރާތުގެ ފައިނަލުގައި ބުރު ސްޕޯޓްސް ކުލަބާއި ދެކޮޅަށް ނުކުންނާނީ މިރޭ ކުޅޭ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ކުޑަހެންވެއިރު ޔުނައިޓެޑާއި ކްލަބް ޓީނޭޖް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެކެވެ. ފައިނަލް ކުޅޭނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

ދެވަނަ ޑިވިޝަނުގެ ފައިނަލުގައި ކުޅޭ ދެޓީމާއި ދިވެހި ލީގުގެ ކުޅުން ނިމުންއިރު ތާވަލުގެ ފުލުގައި އޮތް ދެޓީމު، ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާއި ސުޕާ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ މެދުގައި ލީގު އުސޫލުން ކޮލިފިކޭޝަން މެޗުތަކެއް ކުޅޭނެއެވެ. އަންނަ ސީޒަނުގެ ދިވެހި ލީގުން ޖާގަ ލިބޭނީ މިމެޗުތައް ނިމޭއިރު އެންމެ ރަނގަޅު ނަތީޖާއެއް ނެރޭ ދެޓީމެވެ.