ނޯވޭގެ ވެރިރަށް ކައިރީގައި އޮންނަ ކުޑަ ރަށަކަށް އެރި ވޯލްރަސް މިއަދު މަރާލައިފިއެވެ.

"ފްރޭޔާ" ގެ ނަމުން ނަންދީފައިވާ މި ވޯލްރަސް މަރާލީ އޮސްލޯފޯރޑް ނަމަކަށްކިޔާ ރަށުގެ ފަޅުތެރެއަށް ވަދެ، ގިނަދުވަސްތަކެއް ވުމާއި، އުޅަނދުތަކަށް އެރުމުގެ ސަބަބުން އާންމުންނަށް އުނދަގޫތައް ކުރިމަތިވުމާއި އަދި އާންމުންގެ ރައްކާތެރިކަމަށްވެސް ނުރައްކާ އޮތުމުން ކަމަށް ނޯވޭގެ ކަމާބެހޭ އިދާރާއިން ބުނެފައި ވެއެވެ.

އޮސްލޯފޯޑްގެ ފަޅުތެރެއިން ވޯލްރަސް އެންމެ ފުރަތަމަ ފެނުނީ މިދިޔަ ޖުލައިމަހުގެ 17 ވަނަ ދުވަހުއެވެ. އޭގެފަހުން، އޭތި އެތަނުން ދުރަށް ގޮސްފައެއް ނުވެއެވެ. ވޯލްރަސް އެރުމުގެ ސަބަބުން ޑިންގީތައް ފެތުމާއި، އެހިސާބުގައި އުޅޭ ދޫނިތައް ފަހާ މައްސަލަވެސް އޮތީ ކުރިމަތިވެފައެވެ.

ވޯލްރަސްއަކީ އާންމުކޮށް އާކްޓިކްގެ އުތުރުގެ ފަޅީގައި ދިރިއުޅޭ އެއްޗެކެވެ.

މި ވޯލްރަސް ނޯވޭގެ ވެރިރަށް ކައިރިން ފެނުމުން، އޭތި ބަލަން ކޮންމެ ދުވަހަކު އެތައްހާސް ބަޔަކު އެ ސަރަހައްދަށް ޖަމާވެއެވެ. އެޔާ ގާތްނުވާން ކަމާބެހޭ އިދާރާތަކުން ތަކުރާރުކޮށް އަންގަމުންދިޔަ ނަމަވެސް، އާންމު ދިޔައީ އެއްވަމުންނެވެ. ބައެއް ފަރާތްތަކުން ކުޑަކުދިންވެސް ގޮވައިގެންގޮސް އޭތި ކައިރީގައި ފޮޓޯ ނަގަމުން ގެންދިޔައެވެ.

އަދި އެ ވޯލްރަސްގެ ވާހަކަ ބޮޑެތި މީޑިއާތަކުގެ ފަލަ ސުރުޚީއަށްވެސް އެރިއެވެ.

އޮސްލޯފޯޑްގެ ފަޅުތެރެއަށް ވަދެގެން އުޅުނު ވޯލްރަސްއަކީ ބަރުދަނުގައި 600 ކިލޯހުރި، އަންހެން ވޯލްރަސްއެކެވެ. އޭތީގެ އުމުރެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކޮށްފައިވަނީ 5 އަހަރެވެ.

ވޯލްރަސްއަކީ އާންމުގޮތެއްގައި ކޮންމެ ދުވަހަކު ގާތްގަނޑަކަށް ވިއްސަކަށް ގަޑިއިރު ނިދާ އެއްޗަކަށްވެފައި، ގިނަ އަދަދެއްގެ އާންމުން އޭތީގެ ކައިރިއަށް އެއްވުމުގެ ސަބަބުން ވޯލްރަސްއަށް ސްޓްރެސްގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވި ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. އެހެންވެ، އޭތި މަރާލަންޖެހުނު މައިގަނޑު އެއް ސަބަބަކީ އާންމުން ބުނާގޮތް ނުހެދުން ކަމަށް ނޯވޭއިން ބުނެފައި ވެއެވެ.

މިކަން ހައްލުކުރާނެ ހުރިހާ ގޮތަމާމެދު މަޝްވަރާ ކުރުމަށްފަހުގައި، ވޯލްރަސްއަށްވެސް އެންމެ ރަނގަޅުވާނެ ގޮތެއް ކަމަށް ކަނޑައެޅުނީ، މަރާލުން ކަމަށް ނޯވޭގެ ފިޝަރީޒް ޑިރެކްޓޮރޭޓުގެ ވެރިޔާ ފްރޭންކް ބަކީ-ހެންސެން ވިދާޅުވިއެވެ.

"ފްރޭޔާ" މަރާލާފައިވަނީ އެޔަށް އެއްވެސް ވޭނެއް އަދި އަނިޔާއެއް އިހްސާސް ނުވާގޮތަށް ހޭނައްތާލައިގެންނެވެ.

ހޭނައްތައިގެން ވިޔަސް، ވޯލްރަސް މަރާލުމުން އެކްސްޕާޓުންވަނީ ހިތާމަފާޅުކޮށްފައެވެ. އަދި މިއީ، ވޯލްރަސްއަށް އެންމެ ރަނގަޅުގޮތް ކަމަށް ނޯވޭގެ ކަމާބެހޭ ފަރާތްތަކުން ބުނި ބުނުމަށްވެސް އެކްސްޕާޓުންވަނީ ފާޑުކިޔާފައެވެ.

ވޯލްރަސް މަރާލި އެއް ސަބަބަކީ، އެޔާ ގާތްނުވާން ތަކުރާރުކޮށް އެންގުމުންވެސް އާންމުން އެ އަޑުތައް ނޭހުމުންކަމަށް ބުނެފައިވާތީ، އެކްސްޕާޓުން ބުނެފައިވަނީ، އާންމުން ހުއްޓުވަން ޖޫރިމަނާއެއްވެސް ކުރެވިދާނެ ކަމަށެވެ.

މިއީ، އެފަދަ ޖަނަވާރުންނަށް އިހްތިރާމްކުރަން މީހުންނަށް ދަސްކޮށްދޭން ލިބުނު ފުރުސަތެއް ކަމަށާއި، ކަމާބެހޭ ފަރާތްތަކުން އޭތި މަރާލާފައިވަނީ މާ ބޮޑަށްވެސް އަވަސް އަރުވާލައިގެން ކަމަށް، ޖަނަވާރުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނެފައި ވެއެވެ.

ވޯލްރަސްއަކީ ދުނިޔޭގައި ހިމާޔަތް ކުރެވިފައިވާ އެއްޗެކެވެ. ވޯލްރަސް އާންމުގޮތެއްގައި އިންސާނުންނަށް ހަމަލާދީ ނޫޅެއެވެ. އެހެން ނަމަވެސް، އޭތި ދިރިއުޅޭ ސަރަހައްދަށް އިންސާނުން ދިއުމާއި، ނުރައްކަލެއް ކަމުގެ އިހްސާސް ކުރެވުމުން އިންސާނުންނަށް ހަމަލާދޭނެ ކަމަށް އެކްސްޕާޓުން ބުނެއެވެ.

ވޯލްރަސް އާންމުގޮތެއްގައި ކައި އުޅެނީ، ރިނދަލީގެ ބާވަތްތަކާއި، ޝްރިމްޕާއި، ކަކުންޏާއި ކުދި މަސްތަކެވެ.