ދެވަނ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ކުޑަ ހެންވޭރު ޔުނައިޓެޑުގެ މައްޗަށް ޕެނަލްޓީގައި ކުރިހޯދާ، ކްލަބް ޓީނޭޖް އިން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއާއެކު ޓީނޭޖަށް މިވަނީ އަންނަ ސީޒަންގެ ދިވެހި ޕްރިމިއަރ ލީގުން ޖާގަ ހޯދުމަށް ކުޅޭ ކޮލިފިކޭޝަނުން ވެސް ޖާގަ ކަށަވަރުކޮށްފައެވެ.

އާދީއްތަ ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ސެމީ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ކުޑަ ހެންވޭރަށްވެސް އަދި ޓީނޭޖަށްވެސް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ގަވައިދުގައިވާ ގޮތުން މެޗުގެ ފުރިހަމަވަގުތު ހަމަވާއިރު ދެޓީމުގެ ނަތީޖާ އެއްވަރުވެއްޖެނަމަ އިތުރުވަގުތުގެ ދެހާފު ނުކުޅެ ޖެހޭނީ ޕެނަލްޓީ ޖަހާށެވެ.

އެހެންކަމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު ޕެނަލްޓީގައި ޓީނޭޖުން ކުރިހޯދީ 1-4 ގެ ނަތީޖާއަކުންނެވެ. ޕެނަލްޓީ ޝޫޓްއައުޓުގައި ކުޑަ ހެންވޭރުުން ޖެހި ޕެނަލްޓީތަކުގެ ތެރެއިން އެ ޓީމުގެ މުޙައްމަދު ތިލްމީޒް ފޮނުވާލި ޕެނަލްޓީ ޓީނޭޖުގެ ގޯލްކީޕަރު މަތަކުރިއިރު، އެ ޓީމުގެ ސާދު އަލީ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާއި އަމާޒުނުވެ ބޭރަށެވެ. އެކަމަކު ޓީނޭޖުން ވަނީ ފޮނުވާލި ހަތަރު ޕެނަލްޓީވެސް ކާމިޔާބުކޮށްފައެވެ.

މި މޮޅާއެކު ޓީނޭޖުން މުބާރާތުގެ ފައިނަލްގެ ޖާގައެއް ކަށަވަރުކުރިއިރު ފައިނަލުގައި ބައްދަލުކުރާނީ ޓީނޭޖާއި، އިއްޔެ ހަވީރު ނިއު ރޭޑިއަންޓުގެ މައްޗަށް ޕެނަލްޓީގައި ކުރިހޯދި ބުރު ސްޕޯޓްސް ކުލަބެވެ.

ފައިނަލް މެޗު ކުޅޭނީ މިމަހުގެ 17 ވަނަ ދުވަހުގެ ހަވީރުއެވެ.