ރާއްޖޭގެ ގައުމީ އަންހެން ކްރިކެޓު ޓީމަށް އިރުޝާދު ދިނުމަށް ބަންގްލަދޭޝްގެ ކޯޗެއް ހަމަޖައްސައިފިއެވެ.

ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ބަންގްލަދޭޝްގެ ކްރިކެޓް ޓީމަށް މީގެކުރިން ކުޅެފައިވާ ފާތިމާ ތުޒް ޖަހާރާ އެވެ. މީގެއިތުރުން ބަންގްލަދޭޝްގެ އަންހެން ކްރިކެޓް ޓީމުތަކުގެ ކޯޗުކަންވެސް އޭނާ ވަނީ ކޮށްފައެވެ. ފާތިމާ އަކީ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ގެ ލެވަލް ދޭއްގެ ކޯޗިން ލައިސަންސް އޮތް ކޯޗެކެވެ. އަދި އޭނާ ވަނީ 2011 ވަނަ އަހަރުން ފެށިގެން އެކި ގޮތްގޮތަށް ކްރިކެޓަށް ޚިދުމަތްކޮށްދީފައެވެ.

ރާއްޖޭގެ ކްރިކޭޓުގެ ބެލެނިވެރި ފަރާތް، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ބުނީ، ގައުމީ ޓީމުގެ ކޯޗުކަމަށް ފާތިމާ ހަމަޖެއްސީ ރާއްޖޭގެ އަންހެން ގައުމީ ޓީމުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި އަމާޒުހިފާފައިވާ މަންޒިލަށް، ފާތިމާ އާއިއެކު ދަތުރުކުރެވޭނެކަމުގެ އުންމީދު އެބައޮތްކަމަށް ބޯޑުން ބުނެއެވެ.

ސަބަބަކީ ފާތިމާ އަކީ މި ސަރަހައްދުގެ ކްރިކެޓް ދަންނަ ކޯޗަކަށްވުން ކަމުގައި ބޯޑުން ބުނެއެވެ. އަދި ސަރަހައްދީ ފެންވަރުގައި ފާތިމާގެ އިރުޝާދުގެ ދަށުން ރަނގަޅު ކާމިޔާބީ އަކަށް ދެވިދާނެކަމަށް އުންމީދު ކުރާ ކަމަށް ބުނެފައިވެއެވެ.

ގައުމީ އަންހެން ކްރިކެޓް ޓީމުގެ ކޯޗަކަށް ފާތިމާ ހަމަޖައްސާފައިވަނީ ރަނގަޅު ފެންވަރުގެ ގައުމީ އަންހެން ސީނިއާ ޓީމެއް، 2030 ވަނަ އަހަރު އެކުލަވާލުމުގެ ބޭނުމުގައި ކަމަށް ސީބީއެމުން މައުލޫމާތުދެއެވެ.

ގައުމީ އަންހެން ކްރިކެޓް ޓީމެއް އެކުލަވާލައި، އެންމެ ފުރަތަަމަ ބައިނަލްއަގުވާމީ މެޗަކަށް ނުކުމެފައި ވަނީ 2019 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައެވެ.