އިންތިހާބުތަކުން ބަލިވީމަ ހަޖަމްކުރަން ދަސްކުރަން އެބަޖެހޭ ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިފަދައިން ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ދެ ރަށެއްގެ ކައުންސިލްގެ ބައި-އިލެކްޝަންތަކުގައި ކުރި ހޯދި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓުންނަށް ލިބުނު ކާމިޔާބީ އާއި ގުޅިގެން މަހްލޫފް ކުރެއްވި ޓުވީޓަކަށް ރައްދުދެއްވާ، ޕީއެންސީގެ ނައިބު ރައީސް އަދި މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ޝުޖާއު ދެއްކެވި ވާހަކަތަކަށް ރައްދުދެއްވުމުގެ ގޮތުންނެވެ.

ބައި އިލެކްޝަންގައި ލިބުނު ކާމިޔާބީ އާއިއެކު މިނިސްޓަރ މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ލާދީނީއަށް ގޮވާ، ފާހިޝް ކަންކަން ފަތުރާ ބަޔަކަށް ހަދާ އަދި ތަފާތު ގިނަ އިލްޒާމްތައް "އެބައިމީހުން" އަޅުވަމުން ގެންދާ ކަމަށެވެ. އަދި މިއީ ސިޔާސީ ބޭނުމުގަ އެފަދަ ފަރާތްތަކުން ދައްކާ ވާހަކަތަކެއްކަން ރައްޔިތުންނަށް މިއަދު ސާފުވާނެ ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ އިންގިލާބީ ތަރައްގީ ރައްޔިތުން ބަލައިގެންފި ކަމަށެވެ.

މިވާހަކަފުޅުތަކަށް ރައްދުދެއްވަމުން ޝުޖާއު ވިދާޅުވީ، ނަތީޖާއިން މޮޅުވިނަމަވެސް މާޒީގެ ތަފާސްހިސާބަށް ބަލާއިރު ލާދީނީ ކަމާއި، ފާހިޝް އަމަލުތަކަށް އެމްޑީޕީން ދިން ތަރުހީބުން ރައްޔިތުންގެ ތާއިދު ދަށަށް ދިޔަ ކަމަށެވެ.

މިކަމާ ގުޅިގެން މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވަނީ، އިންތިހާބުތަކުން ބަލިވީމަ އެކަން ހަޖަމްކުރަން ދަސްކުރަން ޖެހޭ ކަމަށާއި، އެކަމާ ރުޅިއައިސް ހިތްހަމަނުޖެހިގެން ވޯޓު ދިން ރައްޔިތުންނަށް ވަގަށް، ލާދީނީއަށް ގޮވުމަކީ ދެރަކަމެއް ކަމަށެވެ. އަދި އިންގިލާބީ ތަރައްގީ ރައްޔިތުން ބަލައިގެންފައިވާ ކަމަށާ ދެންވެސް ބާއްވާ އިންތިހާބެއްގައި އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށްވެސް މަހްލޫފް ވަނީ ވިދާޅުވެފައެވެ.

މަހްލޫފް މިފަދައިން ޓުވީޓު ކުރެއްވިއިރު، އެމަނިކުފާނަކީ މި ބައި އިލެކްޝަންތަކުގެ ކެމްޕެއިނުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގަތް އެންމެ އިސް ފަރާތެވެ. އިދިކޮޅު ކޯލިޝަނުންވެސް ވާދަކުރި މި އިންތިޚާބުގައި އެ ކޯލިޝަނުން އެންމެ އިސްކޮށް ކެމްޕެއިންގައި ހަރަކާތްތެރިވެފައި ވަނީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

ހޮނިހިރު ދުވަހު ކުރިއަށްދިޔަ ބައި އިލެކްޝަންތަކުގެ ތެރެއިން ދިއްގަރު ބައި އިލެކްޝަންގައި އެމްޑިޕީގެ އިތުރުން ޕީޕީއެމްގެ ކެންޑިޑޭޓަކުވެސް ވާދަކުރިއެވެ. މި އިންތިހާބު ކާމިޔާބު ކުރި އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ އާރިފް އަށް 375 ވޯޓު ލިބުނުއިރު، ޕީޕީއެމްއިން ވާދަކުރި އަބްދުލްހަންނާނަށް ލިބިފައިވަނީ 325 ވޯޓެވެ.

މިއީ ދިއްގަރު ކައުންސިލްގެ މެންބަރު އިބްރާހީމް ހަލީލް އިސްތިއުފާ ދެއްވުމާ ގުޅިގެން ބޭއްވި އިންތިހާބެކެވެ.

މީގެއިތުރުން ގާދިއްފުށި ބައި އިލެކްޝަންގައި އެމްޑިޕީގެ އިތުރުން ޕީޕީއެމް އާއި އެމްއާރްއެމް އިންވެސް ކެންޑިޑޭޓުން ވާދަކުރިއެވެ. މި އިންތިހާބު ކާމިޔާބު ކުރި އެމްޑީޕީގެ ކެންޑިޑޭޓް ޒުލައިހާ އަހްމަދު އަށް 210 ވޯޓު ލިބުނުއިރު، ޕީޕީއެމްއިން ވާދަކުރި ހައްވާ އަބްދުލް ހާދީއަށް ލިބިފައިވަނީ 201 ވޯޓެވެ. އަދި އެމްއާރްއެމްގެ މަލްދާއަށް ލިބިފައި ވަނީ ހަތަރު ވޯޓެވެ.