ހުޅުމާލެގައި އަންހެނުންނަށް ޙާއްސަކޮށްގެން "ވެލްނެސް ފޮރ ވިމެން"ގެ ނަމުގައި ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18ވަނަ ދުވަހުން ފެށިގެން މިމަހުގެ 19ވަނަ ދުވަހަށް ކަމަށެވެ.

އަދި މިއީ، އެޗްޑީސީ އާއި ޝަލޫ ދި ޓްރެއިނަރއާ ގުޅިގެން ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މި ހަރަކާތް ބޭއްވުމުގެ މަޤްސަދަކީ، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންވާ މައުލޫމާތު އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމާއި ރައްޔިތުން ވީހާވެސް ބޮޑަށް ހޭލުންތެރިކުރެވުމެވެ. މި ހަރަކާތުގައި ބައިވެރިވުމަށް ރެޖިސްޓްރޭޝަނަށް މިހާރު ހުޅުވާލާފަވާއިރު https://forms.gle/GYJjqxHofTC2h1K79 މެދުވެރިކޮށް ރެޖިސްޓަރ ކުރެވޭނެއެވެ.

އެއްވެސް ފީ އަކާއި ނުލާ ހުރިހާ އުމުރުފުރައެއްގެ އަންހެނުންނަށް މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ މިމަހުގެ 18ވަނަ ދުވަހު ވޯކްޝޮޕް އަދި އެވެއަރނެސް ސެޝަންއެއް ހުޅުމާލެގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން، ސިއްޙަތައް ފައިދާ ހުރި ކެއުންތަކާއި މާބަޑު މީހުންގެ ސިއްޙަތާއި އަދި އަންހެނުންނާއި ގުޅުންހުރި ގިނަ ކަންތައްތަކުގެ މައުލޫމާތު މި ސެޝަންގައި ކުރިޔަށް ގެންދެވިގެންދާނެ ކަމަށެވެ.

އަދި މި މަހުގެ 19ވަނަ ދުވަހު އަންހެނުންނަށް ހާއްސަކޮށްގެން ބޫޓް ކޭމްޕެއް ހުޅުމާލެ ސެންޓްރަލް ޕާކްގައި ކުރިޔަށް ގެންދިޔުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތުގައި ބައިވެރިވުމަށް އެދި ނަން ހުށަހެޅުމުގެ ސުންގަޑިއަކީ 17 އޮގަސްޓް 2022 ވާ ބުދަ ދުވަހުގެ 18:00ގެ ނިޔަލަށެވެ.

އެ ކުންފުނިން ގަބޫލުކުރާ ގޮތުގައި، މިފަދަ ހަރަކާތްތައް ބޭއްވުމުން ރައްޔިތުންގެ ގުޅުން ބަދަހިވެ، އާންމުންގެ ސިއްޙީ މައުލޫމާތު މުއްސަދިވެގެން ދިޔުމަށް މަގުފަހިވެގެންދެއެވެ. އަދި މުސްތަގުބަލުގައި ވެސް މިފަދަ ހަރަކާތްތައް ވީހާވެސް ގިނައިން ބޭއްވުމަށް އެ ކޯޕަރޭޝަނުން މަސައްކަތްކުރަމުންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.