މިއަދުން ފެށިގެން މާލެ އާއި ވިލިމާލެއާ ދެމެދުގައި އޮންނަ ކަނޑުއޮޅިން ދަތުރުކުރުން ވަގުތީގޮތުން މަނާކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބުނެފިއެވެ.

މިކަމާ ގުޅިގެން ޓްރާސްޕޯޓް މިނިސްޓްރީން ނުރުނު އިއުލާނެއްގައި ވަނީ، އެ ސަރަހައްދު ބަންދު ކުރަން ނިންމީ ތިލަ-މާލެ ބްރިޖުގެ މަސައްކަތުގެ ދަށުން މާލެއާއި ވިލިމާލެއާ ދެެމެދުގައި އޮންނަ ކަނޑުއޮޅީގައި ބްރިޖު އެޅުމުގެ މަސައްކަތް ފަށަން ހަމަޖެހިފައިވާތީ ކަމަށެވެ.

އެހެންކަމުން އެ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި އެ ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ދެކުނުގެ އަތޮޅުތަކުން ގާދޫކޯ ހުރަސްކޮށް ދަތުރުކުރާ އުޅަނދުފަހަރަށް، މާލެއާއި ހުޅުމާލެއާއި ދެމެދު ގާއިމްކޮށްފައިވާ ބްރިޖް ސަރަހައްދުން ދަތުރުކުރުމަށް އެ ސަރަހައްދު އާއްމުކޮށް ހުޅުވާލާފައިވާ ކަަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު ޕްރޮޖެކްޓެވެ. މި މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލު ކޮށްގެންނެވެ.

7.7 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށް ބެލެވޭ މި ބްރިޖުގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާއެވެ. މި ޕްރޮޖެކްޓު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 16 ވަނަ ދުވަހުއެވެ.

މި ބްރިޖުގެ މަސައްކަތް ނިމުމުން، ހުޅުމާލެއިން ފެށިގެން ތިލަފުށްޓާއި ހަމައަށް އެއްގަމުން ދަތުރުކުރެވޭނެއެވެ. މިއީ މި ސަރަހައްދުގައި ދިރިއުޅޭ އަދި ތިލަފުށީގައި އެކި ވަޒީފާތަކުގައި އުޅޭ ގިނަ އަދަދެއްގެ ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ލުއިފަސޭހަކަމަކަށް ވާނެއެވެ.

މި ލިންކްގައި ހިމެނޭނީ ބްރިޖާއި ކޯޒްވޭގެ މަސައްކަތްތަކެވެ. 6.7 ކިލޯ މީޓަރު ދިގު މި ލިންކްގެ، ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހެދުން ހިމެނެއެވެ. ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް މާލެއާ ގުޅޭނީ، މާލޭގެ އިންޑަސްޓްރިއަލް ވިލެޖް ސަރަޙައްދުންނެވެ.

މި ބިޔަ ޕްރޮޖެކްޓަށް ހަރަދުކުރަނީ އިންޑިއާ އެގްޒިމް ބޭންކު މެދުވެރިކޮށް ހަމަޖައްސާފައިވާ 400 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ ތެރެއިންނާއި އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީންނެވެ.