އޯލެވެލް އިމްތިހާނުގައި ފާހަގަކޮށްލެވޭ ވަރުގެ ރަނގަޅު ނަތީޖާއެއް ހޯދާފައިވާ ދަރިވަރުންގެ އަގުވަޒަންކުރުމުގެ ގޮތުން، ނޭޝަނަލް ޓޮޕް 10 ހޮވުމަށް ބާއްވާ ޓޮޕް އެޗީވާސް އެވޯޑް ހަފްލާގައި ދަރިވަރުންނަށް ޔުނީފޯމް ލައިގެން އައުން މަޖުބޫރު ނޫންކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ބުނެފިއެވެ.

އެވޯޑް ހަފްލާގައި ޔުނީފޯމް ލާން މަޖުބޫރުކަމަށާއި، އެއީ އިންސާފުވެރި ގޮތެއް ނޫންކަމަށްބުނެ ބައެއް ދަރިވަރުން އަންނަނީ މީސްމީޑިއާގެ މަންސަތައް މެދުވެރިކޮށް އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. އަދި ފާއިތުވީ އަހަރުތަކުގައި މި ކާމިޔާބީ ހޯދާފައިވާ ދަރިވަރުންނަށް، އިސްލާމްދީނުގެ ހަމަތަކުގެ ތެރެއިން އެކުދިން ބޭނުންވާ ހެދުމެއް ލައިގެން ހަފްލާއަށް ދިއުމުގެ ފުރުސަތު އޮންނަ ކަމަށާއި، އެއީ އެކަން އޮންނަން ޖެހޭ ގޮތްކަމަށް އެ ދަރިވަރުން ބުނެއެވެ.

މިއީ އެތައް ދުވަހެއްގެ މަސައްކަތް ކަމަށާއި، މިފަދަ ކާމިޔާބީ އެއް ފާހަގަކުރުމުގެ ގޮތުން ދަރިވަރުން ބޭނުންވާ ހެދުމެއް ލައިގެން ހަފްލާއަށް ދިއުމުގެ ހުއްދަ އޮންނަން ޖެހޭނެކަމަށާއި، ސްކޫލްގެ ރަސްމީ ޔުނީފޯމުގައި ދަރިވަރުން އެވޯޑު ހަފްލާގައި ބައިވެރިވާން އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާ އެންގުން ބަދަލުކުރުމަށް އޮންލައިން ޕެޓިޝަނެއްގައި އަންނަނީ ސޮއިކުރަމުންނެވެ.

އެގޮތުން "ދަ ސްޓޫޑެންޓް ކްލަބް" ނަމަކަށް ކިޔާ ޔޫސާ އަކުން ފަށާފައިވާ މި ޕެޓިޝަނަށް މިހާތަނަށް 700 އަށްވުރެ ގިނަ ސޮއި ވަނީ ލިބިފައެވެ. ދަ ސްޓޫޑެންޓް ކުލަބުން ބުނެފައިވާ ގޮތުގައި ޓޮޕް 10 އެވޯޑު ހަފްލާއަކީ އެކުދިންނަށް ވަރަށް ހާއްސަ ހަފްލާއެއް ކަމަށާއި، މިފަދަ ކާމިޔާބީއެއް ފާހަގަކުރާ ރެއެއްގައި ސްކޫލް ޔުނީފޯމް ލައިގެން ދާން އެކުދިން ބޭނުން ނުވާ ކަމަށެވެ. އަދި ކޮވިޑާއި އެހެނިހެން ގިނަ ސަބަބުތަކާއި ހެދި މީގެ ތެރެއިން ގިނަ ކުދިންނަށް، އެކަށީގެންވާ ވަރުގެ އެވޯޑު ހަފްލާއެއްގައިވެސް އަދި ފެއާވެލް އެއްގައިވެސް ބައިވެރި ނުވެވޭކަން ފާހަގަކޮށް ބުނެފައިވަނީ، މިފަދަ އެތައް ސަބަބަކާއި ހެދި އެ ދަރިވަރުންނަށް އެއީ ކާމިޔާބީތަކެއް ހޯދާފައިވާ ދަރިވަރުންތަކެއްކަން އިހުސާސް ކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.

މިފަހަރުގެ ޓޮޕް އެޗީވާސް އެވޯޑު ހަފްލާ ބާއްވަން އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވަނީ ދެ ރެއަކަށް ބަހާލައިގެންނެވެ.

20/21 ވަނަ އަހަރު އޯލެވެލްގެ ގަދަ ދިހައަކަށް ހޮވުނު ދަރިވަރުންގެ ބެލެނިވެރިންނަށާއި ދަރިވަރުންނަށް އެޑިޔުކޭޝަން މިނިސްޓްރީން ފޮނުވި ލިޔުމުގައި ބުނެފައި ވަނީ، ޖަލްސާ ބާއްވަން ނިންމާފައި ވަނީ މިމަހުގެ 24 އާއި 25 ވަނަ ދުވަހުގެރޭ ދަރުބާރުގޭގައެވެ. މި ސާކިއުލާގައި ބުނެފައިވާ ގޮތުގައި މިހާރު ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުން ހަފްލާއަށް ހާޒިރުވާން ޖެހޭނީ ސްކޫލް ޔުނީފޯމުގައެވެ. އަދި ސްކޫލްގައި ނޫޅޭ ދަރިވަރުން ލާން ޖެހެނީ މުނާސަބަތާ ގުޅޭ ހެދުމެއް ކަމަށް ބުނެފައިވެއެވެ.

ދަރިވަރުންތަކެއްގެ މިފަދަ ޝަކުވާތަކެއް ހުރިކަން ހާމަކޮށް "ވީނިއުސް" އިން މިކަން އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުން އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އެވޯޑު ހަފްލާގައި ދަރިވަރުން ޔުނީފޯމް ލާން މަޖުބޫރުކޮށްފައި ނުވާނެ ކަމަށެވެ. އަދި މިނިސްޓްރީން ދީފައިވާނީ، ޔުނީފޯމް ނުވަތަ އެ ދަރިވަރަކު ބޭނުންވާ ހެދުމެއް ލައިގެން އައުމުގެ އިޚްތިޔާރު ކަމަށާއި، މިގޮތަށް ނިންމާފައިވަނީ ޚަރަދު ކުޑަކުރުމުގެ މަގްސަދުގައި ކަމަށެވެ.

ގަދަ ދިހައެއްގެ އިތުރުން ވަކިވަކި މާއްދާތަކުން މުޅި ދުނިޔެއިން އެއްވަނަ ހޯދާ ދަރިވަރުންނާއި މުޅި ދުނިޔެއިން އެންމެ މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް ވެސް މި ޖަލްސާގައި އިނާމްދޭނެއެވެ.

އޯލެވެލްގައި މަތީ ނަތީޖާތަކެއް ނެރޭ ދަރިވަރުންގެ އަގުވަޒަން ކުރުމަށް ބާއްވާ އޯލެވެލް ނެޝަނަލް ޓޮޕް 10 ގެ އެވޯޑު ހަފްލާ އެންމެފަހުން ބާއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެފަހަރު އެވޯޑު ހަފްލާ ބޭއްވީ 2019 ވަނަ އަހަރު އޯލެވެލް ފުރިހަމަކުރި ދަރިވަރުންނަށެވެ.