ވ. އާރަށުގެ މައްސަލައިގައި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ހެކިބަސް އެއްކޮށް ނެގުމަށް ނިންމައި މިއަދުގެ އަޑުއެހުން ނިންމާލައިފިއެވެ.

އާރަށް ކުއްޔަށް ދިން މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ މައްސަލައިގެ މިއަދު ހެނދުނު އޮތް ޝަރީއަތުގެ އަޑުއެހުމުގައި ކުރިން ނިންމާފައި އޮތީ ޒިޔަތުގެ ހެކިބަސް ނެގުމަށެވެ.

ނަމަވެސް ޝަރީއަތުގެ މަޖިލީހަށް ޒިޔަތު ހާޒިރު ކުރުމުގެ ކުރިން އެ މައްސަލައިގައި ދެން ދައުވާ އުފުލާފައިވާ ޔޫސުފް ނައީމްގެ ފަރާތުން ވަނީ އިއުތިރާޒީ ނުކުތާއެއް ނަންގަވާފައެވެ.

އެގޮތުން ޔޫސުފް ނައީމްގެ ފަރާތުން އެދުނީ އަދީބާއި ޒިޔަތުގެ ހެކިބަސް ވަކި ވަކިން އެއް ދުވަހެއްގައި ނަގައި ދިނުމަށެވެ. ދަޢުވާ ރައްދުވާ ދެފަރާތުގެ އެހުށައެޅުމާ ގުޅިގެން ދައުލަތުން ބުނެފައިވަނީ އެ ދެ ހެކިންގެ ހެކިބަސް އެއް ދުވަހެއްގައި ނެގުމާއި މެދު ދައުލަތުން އިއުތިރާޒު ނުކުރާ ކަމަށެވެ.

ނަމަވެސް ދައުލަތުގެ ވަކީލް ވިދާޅުވީ އެ ދެ ބޭފުޅުންގެ ހެކިބަސް ވަކިން ނެގުމަށް ހަމަޖެހިފައިވާކަން މީގެ ކުރިން އެނގޭނެ ކަމަށާއި އެހެން ކަމުން ހެކިވެރިންގެ ހެކިބަސްތައް ނަގާނެ ދުވަސްތަކާއި ގަޑިތައް ހަމަޖައްސާފައިވާ ކަމަށެވެ.

ނަމަވެސް އެ އިންތިޒާމްތަކަށް ބަދަލު ގެނެސްގެން ވެސް ދެ ހެކިވެރިން އެއް ދުވަހެއްގައި ގެނެއުމަށް ހުރަހެއް ނެތް ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައެވެ.