އިނގިރޭސިވިލާތުގެ ރެސްޓޯރަންޓެއްގައި ފަރިއްކުޅުއްވަން އިންނަވަނިކޮށް ފޯނު ޖަހައިގަނެގެން މީހަކު ދިޔަނަމަވެސް، ގެއްލުނީ ހަމައެކަނި ފޯނު ކަމަށާއި، އެ ފޯނުގައި ރައްކާ ކޮށްފައިވާ އެންމެހާ ތަކެތި ނުގެއްލޭ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތަތުގެ އަދާހަމަ ނޫސްވެރިންނާއި ހިއްސާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ ފޯނު ގެއްލުމުން މާބޮޑަށް ކަންބޮޑުވެވަޑައި ނުގަންނަވާ ކަމަށާއި، ލިބުނު ހަމައެކަނި އުނދަގުލަކީ އައު ފޯނެއް ގަންނަން އަތުން ކުރައްވަން ޖެހުނު ހަރަދުކަމަށެވެ. އެގޮތުން އައު ފޯނެއް ގަންނަވަން 700 ޕައުންޑު ހޭދަކުރައްވަން ޖެހިވަޑައިގަތުން ފިޔަވާ އެއްވެސް އިތުރު ގެއްލުމެއް ނުވާކަން ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ފޯނު ޖަހައިގަތުމާއި ހަމައަށް ފޯނުގައި ހުރި އެއްވެސް އެއްޗެއް ނުގެއްލޭ ކަމަށާއި، މިއީ އައި ކްލައުޑްގެ ޒަމާން ކަމުން ހުރިހާ "ތަކެއްޗެއް" ރައްކާ ކޮށްފައި ހުރީ އައި ކްލައުޑުގައި ކަމަށެވެ. އަދި ފޯނު ވަގަށް ނެގި ހިސާބުން ފެށިގެން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅި ކަމަށާއި، ބްލޮކް ކުރަން ޖެހޭ އެއްޗެހި ބްލޮކް ކުރިކަން އަދި ފޯނުގެ ޕާސްވޯޑު ނޭނގޭ މީހަކަށް އެ ނުހުޅުވޭނެކަން ފާހަގަކުރެއްވިއެވެ. އަދި އައި ފޯނެއް ހުޅުވުމަކީ އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައި އަށްވެސް ނުވާ ކަމެއްކަން ފާހަގަކުރެއްވިއެވެ.

"ވަގުތުން ބްލޮކް ކުރެވޭނެ ނޫންތޯ. ހަމަ އެ ސިކުންތުގަ އަޅުގަނޑު ޖެހޭނީ ނަމްބަރަކަށް ގުޅާލަން އެއީ މި ފޯނު ހަމައެކަނި ވެގެންދަނީ ހަމައެކަނި އެލެކްޓްރޯނިކް އައިޓަމަކަށް. އަދި މިއެއްޗެއް އެބުނާހެން އައިފޯން ހުޅުވައެއްވެސް ނުލެވޭ އެފްބީއައިއަށްވެސް. ދެން އަޅުގަނޑަކަށް އެއްވެސް ހާލެއްގަ އެއީކީ އިޝޫއެއް ނޫން. ދެން އިނގިރޭސިވިލާތުގެ ފުލުހުންނަށް އުނދަގޫ ކުރަން ނުވަތަ އެހެންތަނަކަށް އުނދަގޫކުރަން. ދެން ގައުމުތަކުގަ ފުލުހުންވެސް ކުރަންވީ މަސައްކަތް އެބަހުރި. އާދެ މީގަ އަގުއެބަހުރި. އަޅުގަނޑަށް 700 ޕައުންޑަށް ލިބުނީ އައު އެއްޗެއް. އެއީ މައްސަލައެއް".
ރައީސް ނަޝިދު

ރައީސް ނަޝީދު މިވާހަކަތައް ހިއްސާ ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ބަރަހަނާ ފޮޓޯތަކެއް ހުރިކަމަށް އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕެއްގައި ރައީސް ނަޝީދު ދެއްކެވި ވާހަކަތަކާއި ގުޅިގެން ކުރިމަތިވި ސުވާލްތަކަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން ރައީސް ޞާލިހް އަންހެނަކާއެކު ޒިނޭކުރާ ފޮޓޯތަކެއް ލިބިފައިވާ ކަމަށާއި، އެ ފޮޓޯތައް ފުލުހަށް ފޮނުވަންވީތޯ އައްސަވާ ރައީސް ނަޝީދު ވަނީ ރައީސް ޞާލިޙް އަށް އިންޒާރުދެއްވާފައެވެ.

ވަޓްސްއެޕް ގުރޫޕުގައި ދެއްކެވި ވާހަކަފުޅުތަކާ ގުޅޭ ތަފްސީލު ދެއްވިއިރު، ރައީސް ނަޝީދު ކުރިން ވާހަކަދެއްކި ރާގު ބަދަލުވެފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި އެފަދަ ފޮޓޯތަކެއް ހުރިކަމަށް ދެވަނަ ފަހަރަށް ބުނަން ރައީސް ނަޝީދު އިންކާރު ކުރެއްވިއެވެ. އޭގެ ބަދަލުގައި ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ފޯނުގައިވެސް އަދި ރައީސް ޞާލިޙްގެ ފޯނުގައިވެސް ދެ ބޭފުޅުންގެވެސް ވަރަށް ބައިވަރު ފޮޓޯ ހުންނާނެ ކަމަށާއި، ދެ ބޭފުޅުން އެއްކޮށް ނަންގަވާފައިވާ ފޮޓޯ ތަކާއި ވަކިން ނަންގަވާފައިވާ ފޮޓޯތައްވެސް ހުންނާނެ ކަމަށެވެ.

"އަޅުގަނޑާ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ގިނަ ފޮޓޯ އަޅުގަނޑުމެން ދެމީހުންގެ ފޮޓޯ، އެކުގާވެސް ވަކިވަކިންވެސް ވަރަށް ގިނަ ފޮޓޯ އަޅުގަނޑުގެ އަތުގަ ހުންނާނެ. އަޅުގަނޑުމެން ދެމީހުންގެ އަލްބަމް ބައްލަވާލައްވައިފިއްޔާ އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން ދެމީހުންގެ ފޮޓޯކަން އޭގަ ހުންނާނީ. އަޅުގަނޑު ދެންމެ މިދެއްކި ވާހަކައިން މިކަން ވަރަށް ބޮޑަށް ސާފުވާނެ. ރައީސުލްޖުމްހޫރިއްޔާއަށް ތުހުމަތެއް ކުރުމާ، އެކަހަލަ ވާހަކަތަކެއް ނޫން. ބޮޑު އަލްބަމެއް އަޅުގަނޑު އަތުގަ އެބަހުރި. ފޮޓޯ އެންމެ ފޮޓޯއެއް ނޫން. އަޅުގަނޑުމެން ދެމީހުންގެ ފޮޓޯ އަޅުގަނޑުމެން ދެމީހުންގެ އަތުގަ ހުންނާނެ. ރައީސް އަތްޕުޅުގައިވެސް ހުންނާނެ އަޅުގަނޑުގެ ވަރަށް ގިނަ ފޮޓޯ. އަޅުގަނޑުމެންނަކީ އެކީގަ އުޅެ ބޮޑުވިބައެއް. އަޅުގަނޑުމެންގެ ފޮޓޯ އެކަކު އަނެކަކުގެ އަތުގަ ނެތިއެއް ނުހުންނާނެ"
ރައީސް ނަޝީދު

ފޯނު ފޭރިގަތުމާއި ގުޅިގެން އެމައްސަލަ އިނގިރޭސިވިލާތުގެ ފުލުހުންނަށް ހުށަނާޅާކަން ހާމަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، އެވަރުގެ މައްސަލައެއްގައި ގައުމެއްގެ ފުލުހުންނަށް އިތުރު މަސައްކަތްތަކެއް ޖެއްސުން އެއީ އެމަނިކުފާނު ގަބޫލުކުރައްވާ އުސޫލެއް ނޫން ކަމަށެވެ. އަދި ގައުމެއްގެ ފުލުހުން ކުރަން ވަރަށް ބައިވަރު މަސައްކަތްތައް ހުންނާނެކަމަށާއި، މި މައްސަލަ ފުލުހުންނަށް ހުށަނާޅާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ދެންނެވިން ހައި ކޮމިޝަންގައި ހުށަހަޅާ ދިނުމަށް. ދެން އެކަމާ ގުޅޭގޮތުން އިތުރު ވާހަކައެއް ދައްކާކަށެއް އަޅުގަނޑު ނެތިން. އަލުން އަނބުރާ ފޯނުގައި ހުރި ހުރިހާ މެޓީރިއަލް އަކާއެކީގަ، މިއީ އައި ފޯނު ޒަމާން. ދެން އެއީކީ އަސްލުގަ އަޅުގަނޑުގެ އެވަގުތު ދިމާވި އުނދަގުލެއް. އެކަމް އިނގިވަޑައިގަންނަވާނެ ދެއްތޯ އައިކްލައުޑުގައި ކަން ތަކެތި ހުންނަނީ".
ރައީސް ނަޝީދު

އެހެންނަމަވެސް ފޯނު ފޭރިގަތްދުވަހު "ވީނިއުސް" އާއި ވާހަކަދައްކަވަމުން މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ހަސަން ޒިޔާއު ވަނީ މި މައްސަލަ ފުލުހުން ބަލަމުންދާކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ ފޯނު ޖަހައިގަތްކަމުގެ އަޑުތައް ފެތުރެން ފެށުމުން ގިނަަބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވިއެވެ. އަދި ފޯނު ފޭރިގަތް ވާހަކައަކީ ރައީސް ނަޝީދު ކުޅުއްވާ ޑްރާމާއެއް ކަމަށް، ސިޔާސީ ބައެއް ފަރާތްތަކުންނާއި ބައެއް އާންމުންވެސް ސިފަކުރިއެވެ. އަދި ފޯނު ފޭރިގަތްކަމަށް ބުނަނީ، ރައީސް ނަޝިދު އެ ވިދާޅުވާފަދަ ފޮޓޯތަކެއް އަތުގައި ނެތުމުން ކަމަށްވެސް ބައެއް ފަރާތްތަކުން ބުނަމުންދިޔައެވެ..

ނޫސްވެރިންގެ ބައްދަލުވުމުގައި މި މައްސަލައާއި ގުޅިގެން ނޫސްވެރިން ގިނަ ސުވާލުތަކެއް ކުރިއިރު، ކޮންމެ ސުވާލަކަށްވެސް މައިގަނޑު ގޮތެއްގައި ރައީސް ނަޝީދު ދެއްވާފައިވަނީ ދާދި އެއް ޖަވާބެކެވެ. އަދި މިކަމުގެ މާބޮޑު ތަފްސީލެއްވެސް އަދި ރައީސް ޞާލިޙް އާއި ގުޅޭގޮތުން މީގެކުރިން ދެއްކެވި ވާހަކަތަކުގެ އިތުރު ތަފްސީލެއްވެސް ރައީސް ނަޝީދު ދެއްވާފައެއް ނުވެއެވެ.

އެހެންނަމަވެސް އެ ފޮޓޯތަކާ ގުޅޭގޮތުން ދެއްކެވި ވާހަކައިގެ ކޮންމެވެސް ވަރެއްގެ ތަރުޖަމާއެއް ރައީސް ނަޝީދު ހިއްސާކުރެއްވިއެވެ.

"ފުރަތަމަ ކަމަކަށް އަޅުގަނޑު ދެއްކި ވާހަކަތަކެއް ދެއްކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގުނަވަނެއްގައި ކުރި މަޝްވަރާއެއްގެ ތެރޭގަ. ދޭއް، އަޅުގަނޑު ދެއްކި ވާހަކަތަކުގެ ބަސްތައް ގުޅިފައިވަނީ، އެވަގުތު ހިނގަމުންދިޔަ ވަރަށް ހައްސާސް ކަންތައްތަކަކާއި ގުޅިގެން. ބަޔަކު މީހުން ގެންދިޔައީ އިންތިޒާމްވެގެން ރޭވިގެން އޮރިޔާން ފޮޓޯ އުފައްދާ، އެތަކެތި ބޭނުންކުރަމުން، އަދި އެތައް ބައެއް ރަހީނުކޮށް އެމީހުން އަތުން ފައިސާ ނަގަމުން. އަޅުގަނޑުގެ ނުކުތާ އަކީ ލޮލަށް ފެންނަ ކޮންމެ ފޮޓޯއަކާވެސް އެބާވަތުގެ ކަންކަމުގައި ގާނޫނު ބަޔާން ކުރާގޮތުގެ މަތިން އެޔާމެދު އަމަލުކުރަން ޖެހޭނެކަމަށް އަދި އެއީ ރައީސުލްޖުމްހޫރިއްޔާގެ ފޮޓޯފުޅެއް ކަމަށް ވިދާޅުވެ ބަޔަކު މީހުން ދައުރުކުރި އެއްޗެއް ކަމަށްވިޔަސް އަދި އަޅުގަނޑާ ގުޅޭގޮތުން ބަޔަކުމީހުން ދައުރުކުރި އެއްޗެއް ކަމެއްވިޔަސް، އެ ހުރިހާ ކަމެއް ހިނގަމުންދާން ޖެހޭނީ ގާނޫނީ ތަރަހައިގެ ތެރޭގާ. ހެއްކަކީ ކޮބައިތޯ އަދި ފޮޓޯއަކީ ކޮބައިތޯވެސް ގާނޫނުގަ ވަރަށް ބޮޑަށް ސާފުކޮށްދޭ. މި މައުލޫގައި އަޅުގަނޑު ދެން ތިބޭފުޅުންނަށް ދަންނަވާނެ އިތުރު ވާހަކައެއް ނެތް"
ރައީސް ނަޝީދު

ރައީސް ޞާލިޙް އާއި ގުޅޭގޮތުން ރައީސް ނަޝީދު ޖަޒުބާތުގައި ޖެހިވަޑައިގެން ދެއްކެވި ވާހަކައެއްގެ ގޮތުގައި ގިނަބަޔަކު ސިފަކުރާ ފޮޓޯތަކުގެ ވާހަކައަކީ، އެއްޖިންސުން ގުޅުންހިންގި ކަމުގެ ތުހުމަތުގައި ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ހައްޔަރުކުރުމާއި ގުޅިގެން ސަރުކާރަށާއި ރައީސް ޞާލިޙް އަށް ޕްރެޝަރ ކުރުމުގެ ނިޔަތުގައި ދެއްކެވި ވާހަކަތަކެއްގެ ގޮތުގައި ގިނަބަޔަކު ސިފަކުރެއެވެ.