މެޕްސް ކޮލެޖްގެ އޮގަސްޓް 2022 އިންޓޭކްގެ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މެޕްސް ކޮލެޖުން ބުނީ ސެޓްފިކެޓް ލެވެލްއިން ފެށިގެން ބެޗެލަރސް ޑިގްރީގެ ކޯސްތަކަށް އޮގަސްޓް 2022 އިންޓޭކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 24 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާކަމަށެވެ.

އޮގަސްޓް 2022 އިންޓޭކްގައި ބައިވެރިވުމަށް ހުޅުވާލާފައިވާ ކޯސްތަކުގެތެރޭގައި، ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، އެކައުންޓިންގް، ޓްރެވަލް އެންޑް ޓޫރިޒަމް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗޭން މެނޭޖްމަންޓްގެ ކޯސްތައް ހިމެނެއެވެ.

ކުރިން ހަމަޖެހިފައިވާ ގޮތުން އޮގަސްޓް-22 އިންޓޭކްއަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 14ވަނަ ދުވަހެވެ. އޮގަސްޓް-22 އިންޓޭކްއަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ވީހާވެސް ގިނަ ދަރިވަރުންނަށް މެޕްސް ކޮލެޖްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމަށްކަމަށް އެކޮލެޖުން ބުނެއެވެ.

މިއަހަރު އޯލެވެލް ނިންމާފައިވާ ދަރިވަރުންގެތެރެއިން މަތީ ތަޢުލީމު ކިޔެވުމަށް ޝައުގުވެރިވާ ކުދިންނަށް މިއީ ވަރަށް ރަގަޅު ފުރުސަތަކަށް ވެގެންދާއިރު، މެޕްސް ކޮލެޖުން ހިންގާ އެޑްވާންސްޑް ސެޓްފިކެޓް އިން ބިޒްނަޒް އެޑްމިނިސްޓްރޭޝަން ކޯހަކީ މިދަރިވަރުންނަށް އެންމެ އެކަށީގެންވާ އެއް ކޯހެވެ.

އަދި މިދަރިވަރުންނަށް އަމާޒުކޮށްގެން ހާއްސަ ކެރިއަރ ގައިޑެންސް ސެޝަންތަކެއް މިހާރު ކުރިޔަށްދާއިރު މިސެޝަންތަކުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު މެޕްސް ކޮލެޖްގެ ވެބްސައިޓް މެދުވެރިކޮށް ދަރިވަރުންނަށް ލިބިގެންދާނެ ކަމަށްވެސް އެ ކޮލެޖުން ބުނެއެވެ.