ކޮރަޕްޝަންގެ ވަބާ ދަނީ، ކަތުރުފަނިތަކެއް ފަދައިން އިންޑިއާ ކައި، ހޮއިއަޅަމުންކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
މޯދީ މިހެން ވިދާޅުވީ، އިންޑިއާގައި މިއަދު ފާހަގަކުރަމުންދާ 75 ވަނަ މިނިވަން ދުވަހާ ގުޅިގެން ނިއުދިއްލީގެ ރެޑް ފޯޓްގައި ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ރައްޔިތުންނާ މުޚާތަބު ކުރައްވާ ތަގްރީރު ކުރައްވަމުންނެވެ.
ތަގްރީރުގައި މޯދީ ވިދާޅުވީ، އިންޑިއާ ކުރިއަރައި ދިއުމަށް ދިމާވެފައިވާ މައިގަނޑު އެންމެބޮޑު ދެ ގޮންޖެހުމަކީ ކޮރަޕްޝަނާއި، ނެޕޮޓިޒަމް ކަމަށެވެ.
މޯދީ ވިދާޅުވީ، ކޮޕަރްޝަންގެ ނުބައި ވަބާގެ ސަބަބުން އިންޑިއާ ފޫވެއްޓެމުންދާ ކަމަށެވެ. އަދި ނެޕޮޓިޒަމް ނުވަތަ ނުފޫޒުގެ ބޭނުންކޮށްގެން އާއިލާއަށާއި ރަހްމަތްތެރިންނަށް ވަޒީފާ ދިނުމާއި، އެހެން ކަންކަމުގައި އިސްކަންދިނުމުގެ މައްސަލައާމެދު ހޭލުންތެރިކަން އުފައްދައި، އެކަން ހުއްޓުވަންޖެހޭ ކަމަށްވެސް މޯދީ ވިދާޅުވިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ވިދާޅުވީ، ގޮންޖެހުންތައް ނައްތާލައި، ކުރިއަށްއޮތް 25 އަހަރު ތެރޭގައި އިންޑިއާގައި ތަރައްގީވެފައިވާ ގައުމެއްގެ ޓެގް އަޅުވަންޖެހޭ ކަމަށެވެ. އެކަން ހާސިލްކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، ސިޔާސަތުތަކުގެ އައިޓްލައިނެއް މޯދީ އިއުލާން ކުރެއްވިއެވެ.
މޯދީ ވިދާޅުވީ، މިނިވަން ގައުމެއްގެގޮތުގައި 75 އަހަރު ކަޑައްތު ކުރެވުމުން، މިއީ އައު އުންމީދުތަކާއެކު މުޅިން އައު މިސްރާބަކަށް އަމާޒުހިފަންވީ ވަގުތު ކަމަށެވެ. އެންމެން ގުޅިގެން ލިބިފައިވާ ހުރިހާ ބާރެއްގެ ބޭނުންކޮށްގެން އެ އަމާޒަށް ވާސިލްވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް މޯދީ ވިދާޅުވިއެވެ.
އިންޑިއާއާމެދު ދުނިޔެ ދެކޭގޮތް ބަދަލުވަމުންދާ ކަމަށާއި، އެތައް ބިލިއަން ޑޮލަރެއްގެ އިންވެސްޓްމަންޓްތަކާއެކު އިންޑިއާ މެނުފެކްޗަރިންގެ ހަބަކަށް ބަދަލުވަމުންދާ ކަމަށްވެސް މޯދީ ފާހަގަ ކުރެއްވިއެވެ.
ދުނިޔޭގެ ތަރައްގީވެފައިވާ ގައުމަކަށް އިންޑިއާ ބަދަލުކޮށް، އިންޑިއާއަކީ ދުނިޔޭގެ މައްސަލަތައް ހައްލުކުރުމުގައި އިސް ދައުރެއް އަދާކުރާ ގައުމަކަށް ހަދަންޖެހޭ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ވިދާޅުވިއެވެ.
އިންޑިއާގެ މަސައްކަތުން، އެ ގައުމަކީ މިހާރުވެސް އިންފޮމޭޝަން ޓެކްނޯލޮޖީއާއި، ފާރމަސީއާއި، ސްޕޭސް ސައިންސާއި، ސިވިލް ނިއުކްލިއަރ އެނަޖީގެ ދާއިރާއިން ދުނިޔޭގެ އެންމެ ކުރީގައި އުޅޭ އެއް ގައުމެވެ.
އެހެން ނަމަވެސް، ވޯރލްޑް ބޭންކުން އަދިވެސް އިންޑިއާ ހިމަނާފައިވަނީ ދަށު-މެދުފަންތީގެ އާމްދަނީ ލިބޭ އިގްތިސާދެއްގެ ގޮތުގައެވެ. އެކަމަކުވެސް، އިންޑިއާއަކީ ދުނިޔޭގެ ހަވަނައަށް އެންމެބޮޑު އިގްތިސާދެވެ.