މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން، އެއިދާރާގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާފުޅި އަދި ޕެކެޓް ނައްތާލައިފިއެވެ.

ކަސްޓަމުން ބުނީ، އެ އިދާރާގެ ބެލުމުގެ ދަށުގައި ހުރި ގިނަ ބާވަތްތަކެއްގެ ތަކެތި އިއްޔެ ނައްތާލާފައިވާ ކަމަށެވެ.

ނައްތާލެވުނު ތަކެތީތެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ބަނގުރާ އަދި ބަނގުރާ އެކުލެވޭ ބިޔަރު ފުޅި ކަމަށް ވާއިރު، އެތަކެތި ނައްތާލީ ތިލަފުށީ ކުނި ނައްތާލާ ސަރަހައްދުގައި ކަމަށް ވެސް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ.

ކަސްޓަމުން ވަނީ 225.7 ލީޓަރުގެ ބަނގުރާ ފުޅި، 6763 ލީޓަރު ބަނގުރާ ޕެކެޓް އަދި 1708.09 ލީޓަރުގެ ބިޔަރު ފުޅީގެ ބާވަތްތައް ނައްތާލާފައެވެ.

މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ މިނޫންވެސް ސަބަބަކާހުރެ ނައްތާލުމުގައި ކަސްޓަމްސް އިން އަމަލުކުރާ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗެވެ.

އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ނައްތާލެވިދާނެ ކަމަށް ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާންކުރެވިފައި ވެއެވެ.

ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ މަދަނީ މުއައްސަސާއެއްގެ ގޮތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އުފެދުނީ 11 މެއި 2011ގައި ތަސްދީގު ކުރެވުނު ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ ދަށުންނެވެ. ކަސްޓަމްސްގައި މުޅި ޖުމްލަ 15 ޑިވިޝަން ހުންނައިރު މި ޑިވިޝަންތައް ހުންނަނީ 39 ސެކްޝަނަކަށް ބަހާލާފައެވެ.

އެ މުއައްސަސާގެ މައިގަނޑު ޒިންމާއަކީ ރާއްޖެ އިން އެކްސްޕޯޓް ކުރެވޭ މުދަލާއި ރާއްޖެއަށް އިމްޕޯޓް ކުރެވޭ މުދާ ޗެކުކުރުމާއި ބެލެހެއްޓުމުގެ އިތުރުން ދިވެހިރާއްޖެއަށް އެތެރެވާ މުދަލުންނާއި ބޭރުވާ މުދަލުން އިމްޕޯޓް އަދި އެކްސްޕޯޓް ޑިއުޓީ ނެގުމެވެ.