ކޮރަޕްޝަންގެ ހަތަރު މައްސަލައެއްގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އަސްކަރީން ވެރިކަންކުރާ މިޔަންމާގެ ކޯޓަކުން އަންގް ސަން ސޫކީ ހައަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފިއެވެ.

މިދިޔަ 2021 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 1 ވަނަދުވަހު އަސްކަރީން ގެނައި އިންގިލާބެއްގައި ވެރިކަމުން ދުރުކޮށްފައިވާ އުމުރުފުޅުން 77 އަހަރުގެ އަންގް ސަން ސޫކީއާ ދެކޮޅަށް އަސްކަރީ ސަރުކާރުން ޖުމްލަ 18 ދައުވާއެއް ކޮށްފައި ވެއެވެ. އޭގެތެރޭގައި، ކޮރަޕްޝަނާއި، އިންތިޚާބުގެ ގާނޫނާ ޚިލާފްވުމުގެ މައްސަލަތައް ހިމެނެއެވެ.

ސޫކީއާ ދެކޮޅަށް އުދުލިފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ ޖުމްލަ 190 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އެހެން ނަމަވެސް، އަންގް ސަން ސޫކީ ވަނީ މިހުރިހާ ދައުވާތަކާ އިންކާރު ކުރައްވާފައެވެ.

މީގެކުރިން އެހެން މައްސަލަތަކުގެ ކުށް ސާބިތުވެ އަންގް ސަން ސޫކީގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާއިރު، ކޮރަޕްޝަންގެ ހަތަރު މައްސަލައެއްގައި ކުށް ސާބިތުވެ މިއަދު މިވަނީ 6 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

އަސްކަރީން އިންގިލާބު ގެނެސް ސަރުކާރު ވައްޓާލިފަހުން އަންގް ސަން ސޫކީ ހުންނެވީ ހައްޔަރު ކޮށްފައެވެ.

އަސްކަރީ ސަރުކާރުން ސޫކީ ހައްޔަރު ކުރުމުގެ އިތުރުން، ސޫކީގެ ނޭޝަނަލް ލީގް ފޮރ ޑިމޮކްރަސީ ޕާޓީގެ އިސް އެތައް އޮފިޝަލުންވެސް ހައްޔަރުކޮށް ޖަލަށްލާފައި ވެއެވެ.

އަދި އަސްކަރީ ސަރުކާރުން ވައުދުވެފައިވާ އާންމު އިންތިޚާބު އަންނަ އަހަރު ބޭއްވުމުގެކުރިން ސޫކީގެ ޕާޓީ އުވާލާނެ ކަމަށްވެސް އަސްކަރީ ޖެނެރަލުން އިޝަރާތް ކޮށްފައި ވެއެވެ.

އަސްކަރީން މަދަނީ ސަރުކާރު ވައްޓާލައި ވެރިކަމަށް އަތްގަދަ ކުރުމުން މިޔަންމާގެ އެތައްހާސް އާންމުން މަގުތަކަށް ނުކުމެ ސަރުކަރާ ދެކޮޅަށް ފެށި ވަރުގަދަ ހަޅުތާލުތައް މިހާރުވަނީ ދާޚިލީ ހަގުރާމައަކަށް ބަދަލުވެފައެވެ. މުޅި މިޔަންމާގައި މިހާރު އޮތީ ބޮޑު ހަމަނުޖެހުންގަނޑެއްގެ ތެރޭގައެވެ.

ސިފައިންގެ ހަމަލާތަކުގައި އެތައްސަތޭކަ އާންމުން މަރުވެ، އެތައްހާސް ބަޔަކު ހިފައި ހައްޔަރުކޮށް ޖަލަށް ލާފައި ވެއެވެ. ރައްދުގައި ހަތިޔާރުއެޅި ގްރޫޕްތަކުން ގެންދަނީ އަސްކަރީ ސަރުކަރާ ދެކޮޅަށް ހަނގުރާމަކުރަމުންނެވެ.

މިޔަންމާގައި މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ރާޚައިން ސްޓޭޓްގައި މިޔަންމާ ސިފައިން މުސްލިމުންނާ ދެކޮޅަށް ހިންގިފަދަ، އަވަށްތަކުގައި ހުޅުޖެހުމާއި، މީހުން މެރުމާއި، އަނިޔާކުރުމާއި، ހަމަލާތައް ދިނުން މިޔަންމާގެ ބުދިސްޓު އާންމުން މިހާރު ގެންދަނީ ތަޖުރިބާ ކުރަމުންނެވެ.

މުސްލިމުންނާ ދެކޮޅަށް ސިފައިން ހިންގި ލާއިންސާނީ ޖަރީމާތައް ދިފާއުކޮށް، އދގެ ކޯޓަށްވެސް ގޮސް ސިފައިން ދިފާއުކޮށް ވަކާލާތު ކުރެއްވި ސޫކީއަށްވެސް އެންމެފަހުން ޖެހިވަޑައިގެންނެވީ ސިފައިންގެ އަނިޔާތަކާ ކުރިމަތިލައްވާށެވެ.