ދިވެހިރާއްޖޭގެ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޕާސަންސް ވިތް ފިޒިކަލް ޑިސްއެބިލިޓީޒް (އެމްއޭޕީޑީ) އަށް ޖަޕާނުން ހާއްސަ އެއްގަމު އުޅަނދުތަކެއް ހަދިޔާކޮށްފިއެވެ.

ހަތަރުފުރޮޅުލީ މި އުޅަނދުތަކަކީ ހާއްސަކޮށް ވީލްޗެއާރގައި އުޅޭ މީހުންނަށް ފަސޭހައިން އެރޭ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދުތަކެކެވެ. މި ގޮތުން ރިމޯޓެއް ބޭނުންކޮށްގެން އޮޕަރޭޓްކުރެވޭ ހާއްސަ ރޭމްޕެއް މި އުޅަނދުތަކުގައި ހުރެއެވެ.

މި އުޅަނދުތައް އެމްއޭޕީޑީއާ ހަވާލުކޮށްފައި ވަނީ މިއަދު ހަވީރު ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި ބޭއްވި ހަފުލާއެއްގައެވެ. މި ހަފުލާ ޝަރަފުވެރިކޮށްދެއްވާފައި ވަނީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓް އަހްމަދު މަހްލޫފްއެވެ. މި ހަފުލާގައި ދިވެހިރާއްޖޭގައި ހުންނަވާ ޖަޕާނުގެ ސަފީރު މިދޮރި ތަކެއުޗި އާއި އެމްއޭޕީޑީގެ އިސްވެރިންނާއި ބައެއް މެމްބަރުން އަދި ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަންގެ ބައެއް ބޭފުޅުން ވެސްވެސް ބައިވެރިވެވަޑައިގަތެވެ.

މިއަދު އޮތް ރަސްމިއްޔާތުގައި އެމްއޭޕީޑީއަށް މި އުޅަނދުތަށް ހަދިޔާކުރެއްވި ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިދޮރި ތަކެއުޗިއެވެ.

މިއަދު ހުޅުމާލޭ ރުއްގަނދުގައި އޮތް ހަފުލާގައި ވާހަކަދައްކަވަމުން ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް ވަނީ ކުޅިވަރާއި ފަންނީ ކަންކަމުގައި ނުކުޅެދުންތެރިކަން ހުންނަ ޒުވާނުން ޝާމިލުވާ މިންވަރު އިތުރުވަމުން އަންނަކަން ފާހަގަކުރައްވާފައެވެ. ޖަޕާނުން ހަދިޔާކުރި އުޅަނދުތަކުގެ ސަބަބުން އެފަދަ ޒުވާނުންނަށް އެތަކެއް ފަސޭހައެއް ލިބިގެންދާނެ ކަމަށް މިނިސްތަރ ވިދަޅުވިއެވެ.

ހަފުލާ ނިންމާލާފައި ވަނީ އުޅަނދުތައް ބޭނުންކުރާނެ ގޮތުގެ ޑެމޮންސްޓްރޭޝަންއެއް ދައްކާލުމުންނެވެ.

އެމްއޭޕީޑީން މައުލޫމާތު ދިން ގޮތުގައި މި އުޅަނދުތައް ބޭނުން ކުރާނީ މާލޭ ސަރަހައްދުގައެވެ. އެހެން ނަމަވެސް ކުރިއަށް އޮތް ތަނުގައި އަތޮޅު ތެރެއަށްވެސް މިފަދަ އުލަނދުތައް ފޮނުވައި ޚިދުމަތް ދެވިގެންދާނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.