ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިންގެ ފަޔަރ އެންޑް ރެސްކިޔު ސާވިސްއިން ހަރަކާތްރިވެއްޖެއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، ކެޕްޓަން ހަނާ މުޙައްމަދު ވިދާޅުވީ، ހުޅުމާލޭގައި ގެއެއްގެ ބަދިގޭގައި އަލިފާން ރޯވެގެން ރިޕޮޓްކުރުމުން ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ އޮފިސަރުން ގޮސް އަލިފާން ނިއްވާލާފައިވާ ކަމަށެވެ.
ހަނާ ވިދާޅުވީ މި ހާދިސާ ހިނގީ ގެއެއްގެ ބަދިގޭގައި އުދާފައި ހުރި ތެއްޔެއްގައި ރޯވެގެން ކަމަށެވެ.
މި ހާދިސާގެ ރިޕޯޓް ސިފައިންނަށް ލިބުނީ މިއަދު މެންދުރުފަހު 02:09 ހާއިރު ކަމަށް ވެއެވެ. މި ރިޕޯޓް ހަމަ ލިބުމާއެކު އެމްއެންޑީފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަމަނުން ހަރަކާތްތެރިވެ، ބަދިގޭގައި އުދާފައި ހުރި ތެލީގައި ރޯވި އަލިފާން މިއަދު 02:21 ހާއިރު ވަނީ ނިއްވާލާފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.
ގޭގޭގެ ބަދިގޭގައި އަލިފާނުގެ ހާދިސާ ހިނގުމަކީ އާންމު ކަމެކެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭގޮތުގައި ކޮންމެ ދުވަހަކު ވެސް މި ފަދަ ރިޕޯޓްތައް ސިފައިންނަށް ލިބެއެވެ.
މީގެ ތެރޭގައި ގިނައީ ދުމުގެ އަސަރު ފެނިގެން އާންމު ފަރާތްތަކުން ރިޕޯޓްކުރާ ހާދިސާތަކެވެ.
މި ފަދަ ހާދިސާތަކުގައި ބައެއް ފަހަރު ބޮޑުވަރުވެ ބޭނުން ނުކުރެވޭ ވަރަށް ގެދޮރު އަނދާފައި އެބަ ހުއްޓެވެ.
ނަމަވެސް މިއަދު ހިނގި ހާދިސާގައި ގެއަށް ލިބުނު ގެއްލުމުގެ ތަފުސީލެއް ނުލިބެއެވެ.