މަސްތުވާތަކެއްޗާއި ހުނޭސާއާ ގުޅުވާލެވޭނެ ހެކިތައް އެބަހުރި ކަމަށް ބުނެ، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާ އުފުލާފައިވާ، ފިލްމީ ތަރި ހުނޭސާ އާދަމް ނަސީރު (ހުނޫ) ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުން މިއަދު ބާތިލްކޮށްފިއެވެ.

ޓިކްޓޮކުން އާންމުންގެ ތެރޭގައި މަގުބޫލުކަން ހޯދައި ފަހުން ފިލްމީ ދާއިރާއަށް ވަތް، ހުނޭސާ ދޫކޮށްލާފައި ވަނީ ޖުލައި މަހުގެ 25 ވަނަ ދުވަހު ބޭއްވި ބަންދު މުރާޖައާ ކުރުމުގެ އަޑުއެހުމުގައެވެ. އެގޮތަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ، ފެނުނު މަސްތުވާތަކެއްޗާ އޭނާއާ ގުޅުވޭނެ ހެއްކެއް ނެތުމުން ކަމަށް ބުނެއެވެ.

ހުނޭސާގެ މައްޗަށް އުފުލާފައި ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުން ހުނޭސާ ދޫކޮށްލުމަށް ކުރި އަމުރު ދައުލަތުގެ ފަރާތުން ވަނީ، މިމަހުގެ ކުރީކޮޅު ހައި ކޯޓްގައި އިސްތިއުނާފް ކޮށްފައެވެ.

ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމަށް ކުރި އަމަރުގައި ވަނީ މަސްތުވާތަކެތި ފެނުނު ތަނަކީ އޭނާ ދިރިއުޅޭ ތަނަށް ނުވުމާއި، ފެނުނު ތަކެތީގެ ޒިންމާ އެހެން މީހަކު ފެށުނީއްސުރެ ނަގާފައިވާކަން ފާހަގަކޮށްފައެވެ. އަދި އެތަކެއްޗާ ހުނޫއާ ގުޅުވޭނެ އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާކަން ވެސް ކޯޓުން ފާހަގަ ކޮށްފައިވެއެވެ.

ހައި ކޯޓުގައި ދައުލަތުން އިސްތިއުނާފު ކުރި މައްސަލަ ބެލުމަށްފަހު އެކޯޓުން މިއަދު ނިންމީ މަސްތުވާތަކެތި ފެނުނީ ހުނޭސާ ދިރިއުޅޭ ގެއިން ނޫން ނަމަވެސް އެތަކެއްޗާ އޭނާއާ ގުޅުވާލެވޭނެ ހެކިތައް އެބަހުރި ކަމަށެވެ.

ހުނޭސާ ކުރިކަމަށް ތުހުމަތު ކުރެވެނީ ޖިނާއީ ބޮޑު ކުށަކަށްވާއިރު އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަައުއަށް ގެއްލުންވެދާނެކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތްކަމަށް ހައި ކޯޓުން ބުނެފައިވެއެވެ.

އެމައްސަލައިގައި ދައުލަތުން ހައި ކޯޓްގައި އެދިފައިވަނީ ހުނޭސާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްދިނުމަށެވެ. ނަމަވެސް އެފަދަ އަމުރެއް ކޯޓުން ނެރެފައެއް ނުވެއެވެ.

ހުނޭސާ ބަންދުގައި ބަހައްޓަން ބޭނުން ވާނަމަ އެކަމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅިދާނެކަމަށް ހައި ކޯޓްގެ ހުކުމްގައިވެއެވެ.

މިމައްސަލައިގައި ހުނޭސާގެ އިތުރުން ދިވެހި ފިރިހެނަކުވެސް ވަނީ ހައްޔަރުކޮށް، ދައުވާކޮށްފައެވެ. މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައިގައި ހައްޔަރުކޮށް، ހުނޭސާގެ މައްޗަށް ދައުވާ އުފުލާފައިވަނީ 28 މާރިޗު 2022 ވަނަ ދުވަހުއެވެ.

މިފަހަކަށް އައިސް ތަފާތު އެކި ޖިނާއީ ކުށްތަކާއި ގުޅުން ހުރި މައްސަލަތަކުގައި ވަރަށް ގިނަ ފިލްމީތަރިންނާއި ޓިކްޓޮކް ސްޓާރުން ހައްޔަރުކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. އެހެންނަމަވެސް ބަޔަކު މީހުން ކުރާ ކަމެއްގެ ސަބަބުން މުޅި އިންޑަސްޓްރީ ބަދުނާމުކޮށް އެދާއިރާގައި ބުރަކޮށް މަސައްކަތްކުރާ ފަންނާނުންގެ އަގު ވައްޓާލުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ގިނަ ބަޔަކު ދެކެއެވެ.