ވެރިކަމުގެ ނިޒާމު ބަދަލުކުރަން ހެޔޮވެސް ނުވާނެ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ، ބަރުލަމާނީ ނިޒާމަކީ ރާއްޖެއަށް އެކަށީގެންވާ ނިޒާމެއް ނޫން ކަމަށެވެ.

ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަށް ގައުމުގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށްފިނަމަ ސިޔާސީ ހަމަޖެހުން ގެއްލި، އަވަސްއަވަހަށް ސަރުކާރު ބަދަލުވެ، ރައްޔިތުން ބައިބައިވެގެންދާނެ ކަމަށާއި، އޭގެ ސަބަބުން ރައްޔިތުން ހާލުގައި ޖެހުން ނޫން ކަމެއް ނޯންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިމްރާން މި މޭރުމުން ވާހަކަފުޅު ދެއްކެވީ މިއަދު ހެނދުނު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށްޓަކައި އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވަރު ތިލަކޮށްދެއްވާފައި ވަނިކޮށެވެ.

އެގޮތުން މިހާރު އޮތް ގާނޫނު އަސާސީއަށް ބަދަލު ގެނެވި ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން މިއަހަރު ތެރޭގައި ފެންނަ ނުފެންނަ ވޯޓު ނަގައި އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އިންތިގާލީ ބަރުލަމާނީ ނިޒާމު ހިންގަމުންދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމަކީ ސަރުކާރު ހިންގާ އެންމެ އިސްފަރާތާއި (ބޮޑުވަޒީރު) ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިފައިވާ ޕާޓީއާއި އެކުވެ މަސްހުނިވެގެން އެކުލަވާލާ ވެރިކަމުގެ ނިޒާމަކައް ކިޔާ ނަމެކެވެ.

މި ނިޒާމު އެންމެ ފުރިހަމައަށް ގާއިމްވެފައިވާ ޤައުމަކީ އިނގިރޭސިވިލާތް ކަމަށް ޤާނޫނީ މާހިރުން ވިދާޅުވެއެވެ. އިނގިރޭސިވިލާތުގެ އިތުރުން ވެސް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ކާމިޔަބު ކަމާއި އެކު ބަރުލަމާނީ ނިޒާމަށް ވެރިކަން ކުރަމުން ދެއެވެ.

ބަރުލަމާނީ ނިޒާމަށް ވެރިކަން ކުރާ ޤައުމުތަކުގައި ދައުލަތް ތަމްސީލުކުރާ ފަރާތެއްގެ ގޮތުގައި ރައީސަކު ނުވަތަ ރަސްކަލަކު ހުރެއެވެ. އެހެން ނަމަވެސް، މި މަގާމަކީ ހަމައެކަނި ރަމްޒީ މަގާމެކެވެ. އެއީ ސިޔާސީ ނުފޫޒެއް އަދި ބާރެއް ހިންގޭނެ ފަރާތެއް ނޫނެވެ.

ބަރުލަމާނީ ނިޒާމުގައި ސަރުކާރުގެ ހުރިހާކަމެއް ހިންގާނީ ދައުލަތުގެ ވެރިޔާ (ރައީސް ނުވަތަ ރަސްގެފާނު) ދެއްވާފައިވާ ބާރުތަކުގެ ތެރެއިން ބޮޑުވަޒީރެވެ. ކެބިނެޓް އެކުލަވާލާނީ ޕާލަމެންޓް ތެރެއިންނެވެ.