• ޑޯނިއަރ މަތިންދާ ބޯޓުގެ ސަބަބުން ލަންކާގެ މެރިޓައިމް ސެކިއުރިޓީ ވަރުގަދަވެގެންދާނެ

އިންޑިއާއާއި ސްރީލަންކާއަކީ އެއް ފައިސާފޮތީގެ ދެފުށް ކަމަށާއި، ތާރީޚް ދައްކާފައިވާ ހަގީގަތަކީ އެއީ ކަމަށް ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

އެހެންވެ، ދެގައުމު ކުރިއަށްދާންވީ ގުޅިގެން އެކު އެކުގައި ކަމަށްވެސް ސްރީލަންކާގެ ރައީސް ވިދާޅުވިއެވެ.

ސްރީލަންކާގެ ރައީސް ރަނިލް މި މޭރުމުން ވާހަކަފުޅު ދެއްކެވީ، ސްރީލަންކާގެ ކަނޑުގެ ސަރަހައްދު ފޯރިމެރުމަށް އިންޑިއާއިން ހަދިޔާކުރި ޚާއްސަ ޑޯނިއަރ 228 ގެ މަތިންދާ ބޯޓު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.

އިންޑިއާއާއި ސްރީލަންކާއަކީ، ވަރަށް ގިނަ އެއްގޮތް ކަންތައްތަކެއް ހިއްސާކުރާ ދެގައުމު ކަމުން، އެގޮތުގައި ގާއިމްވެތިވެ، ދެގައުމުގެ ގުޅުން މިހާރަށްވުރެ ވަރުގަދަކުރަންޖެހޭ ކަމަށް ރަނިލް ވިދާޅުވިއެވެ.

ދެގައުމުގެ ގުޅުމުގެ މުހިންމު ކަމުގެ ވާހަކަ ދައްކަވަމުން ސްރީލަންކާގެ ރައީސްވަނީ، އިންޑިއާއާއި ސްރީލަންކާއަކީ އެއް ފައިސާފޮތީގެ ދެފުށްކަމުން، އެ ދެފުށް ވަކިކޮށްލުމަކީ ކުރެވޭނޭ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.

ސްރީލަންކާ ވައިގެ ސިފައިންގެ މެރިޓައިމް ސާވެއިލަންސްގެ ގާބިލްކަން އިތުރުކުރުމަށް އިންޑިއާއިން ހަދިޔާކުރި ޑޯނިއަރ 228 ގެ ޚާއްސަ މަތިންދާ ބޯޓަކީ، އިންޑިއާއިން ސްރީލަންކާއަށް ހަދިޔާކުރި މިފަދަ ފުރަތަމަ ބޯޓެވެ.

ބަންޑާރަނަޔަކަ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ޑޯނިއަރ މަތިންދާ ބޯޓު، ސްރީލަންކާގެ ރައީސާ ރަމްޒީގޮތުން ހަވާލުކޮށްދެއްވީ އިންޑިއާއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރ ގޯޕާލް ބާގްލޭއެވެ.

ބޯޓު ހަވާލުކޮށްދެއްވުމަށްފަހު އިންޑިއާ ހައި ކޮމިޝަނަރ ވިދާޅުވީ، މި ބޯޓުގެ ސަބަބުން ސްރީލަންކާގެ މެރިޓައިމް ސޭފްޓީއާއި ސެކިއުރިޓީ އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށެވެ.