ޤަތަރާ ރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމަށްޓަކާ ރާއްޖޭގެ ތިން ވަޒީރުން ޤަތަރަށް ފުރާ ވަޑައިގެންފިއެވެ.

ދެދުވަހުގެ މި ދަތުރުފުޅުގައި ރާއްޖޭން ގަތަރަށް ވަޑައިގެންނެވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އޮނަރަބަލް އާމިނަތު ޝައުނާއާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަން، އޮނަރަބަލް ޢާއިޝަތު ޢަލީ އަދި މިނިސްޓަރ އޮފް އާޓްސް އެންޑް ކަލްޗަރ އޮނަރަބަލް ދުންޔާ މައުމޫނެވެ. މިއީ އުރީދޫ މޯލްޑިވްސް އިން އިންތިޒާމުކުރާ ބައްދަލުވުންތަކެއް ބޭއްވުމަށް އެ ކުންފުނިން ހަމަޖެއްސި ދަތުރެކެވެ.

އުރީދޫއިން ބުނީ، މި ދަތުރުގައި އުރީދޫގެ ޑިޖިޓަލް ޙިދުމަތްތައް މެދުވެރިކޮށް އެކި ސިނާއަތްތައް ހިމެނޭހެން މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އުރީދޫ މޯލްޑިވްސްގެ ޗެއާޕާސަން، މިސް ފާތިމާ އަލް ކުވާރީ ވަނީ ރާއްޖޭގެ މިނިސްޓީރިއަލް ޑެލެގޭޝަންއަކަށް ދައުވަތު ދީ، ގަތަރުގެ ދޯހާގައި ހުންނަ މުހިންމު ވުޒާރާތަކާއި މުއައްސަސާތަކާއެކު ބައްދަލުވުންތައް ބޭއްވުމުގެ މަގު ފަހިކޮށްދީފަ ކަމަށެވެ.

މި ބައްދަލުވުންތަކަކީ އުރީދޫ އިން އިސްނަގައިގެން، ގަތަރާއި ރާއްޖެއާ ދެމެދު ޑިޖިޓަލް ޙިދުމަތްތައް މެދުވެރިކޮށް ކުރެވިދާނެ ކަންކަމާއި ވުޒާރާތަކާއި މުއައްސަސާތަކުގެ ކުރިއެރުމަށް ކަންކަން ކުރާނެ އެންމެ ރަނގަޅު ގޮތްތަކާއި މެދު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުންތަކެކެވެ.

ވަޒީރުންގެ މިދަތުރުފުޅުގައި އެ ބޭފުޅުން ވަނީ ގަތަރުގެ ތިމާވެއްޓާ ބެހޭ ވަޒީރާއި، ޓެކްނޮލޮޖީ ވަޒީރުގެ އިތުރުން މާލީ ވަޒީރާ ބައްދަލުކުރައްވާފަ އެވެ. މީގެއިތުރުން ގަތަރުގައި ހުންނަ އުރީދޫ ގުރޫޕްގެ ހެޑް އޮފީހަށް ޒިޔާރަތްކުރައްވާ އެތަނުގެ އިސްވެރިންނާއި ގަތަރުގެ ގައުމީ ކުތުބުހާނާއަށް ޒިޔާރަތް ކުރައްވާ އެތަނުގެ އިސްވެރިންނާވެސް ވަޒީރުން ބައްދަލުކުރައްވާފައިވެއެވެ. އަދި ދެ ގައުމު ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ.

މި ދަތުރުފުޅުގައި އުރީދޫގެ އިސް މެނޭޖްމެންޓް ޓީމުގެ އިތުރުން އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ، ޙުސައިން ނިޔާޒް ވެސް ބައިވެރިވެވަޑައިގެންނަވައެވެ.

މި ބައްދަލުވުންތަކާއެކު އުރީދޫގެ އަމާޒަކީ ގަތަރާއި ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ކުރިއެރުން ހޯދުމަށް، ހިޔާލު ބަދަލުކޮށް، ޕާޓްނާޝިޕްތައް ގާއިމްކުރުމެވެ.