ވ. މާގުޅީ ފަޅުގެ އުތުރުން އޮންނަ ކަނޑު އޮޅިން ވަނުމުގެ ތެރޭގައި ފަރަށް އެރި "އޭއެމް އާގަމް" ނަމަކަށް ކިޔާ ބާޖެއް 100 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފިއެވެ.

"އޭއެމް އާގަމް" ނަމަކަށް ކިޔާ އެ ބާޖު ފަރަށް އެރީ އިންޑިއާ އިން ހިލަބަރުކޮށްގެން ވ. ރަކީދޫއަށް ދަތުރުކުރަމުން ދަނިކޮށެވެ. އެ ބާޖު ދަތުރުކުރަމުން ދިޔައީ އޭއެމް އަލްޕިޓް ނަމަކަށް ކިޔާ ޓަގް ބޯޓަކާ އެކީއެވެ.

އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނެރުނު ނޫސްބަޔާނުގައި ވަނީ، މި ބާޖު ފަރަށް އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަށް ބެލުމަށްފަހު، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން، ބާޖުގެ ވެރިފަރާތް 100 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

ޖޫރިމަނާއަށް ވާފައިސާ 30 ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ދެއްކުމަށް އެ އުޅަނދުގެ ރާއްޖޭގެ އޭޖެންޓު، މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑަށް މިހާރު ވަނީ އަންގާފައި ކަމަށް ވެސް އީޕީއޭއިން ބުނެއެވެ.

އީޕީއޭއާ އެ އުޅަނދުގެ ވެރިފަރާތުން އެ ސަރަހައްދު ބަލައި ޖޮއިންޓް-ސަރވޭއެއް ކޮއްފައިވެއެވެ.

އެގޮތުން ބެލި ބެލުމުން، އެ ފަރުގެ 6،054 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ވަނީ ފާހަގަވެފައެވެ. ފަރަށް ލިބުނު ގެއްލުން ވަޒަންކުރާއިރު 152.5 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވީ ނަމަވެސް އެ ގަވާއިދުގެ ދަށުން ޖޫރިމަނާ ކުރެވޭ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާ ކަމަށް ވެސް އީޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.

އެ ފައިސާ ދެއްކުމަށް ބާޖުގެ ރާއްޖޭގެ އެޖެންޓު، މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑަށް 30 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މީގެ އިތުރުން، ބާޖު ފަރަށް އެރުމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުމުގެ ބަދަލު ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް އެޓާނީ ޖެނެރަލް އޮފީހާއެކު ކުރަމުން އަންނަ ކަމަށް ވެސް އީޕީއޭއިން ބުނެއެވެ.