ކޮވިޑް ފެސިލިޓީތަކުގެ ގޮތުގައި ކުއްޔަށް ނެގި ރިސޯޓުތަކަށް ދައްކަންޖެހޭ ކުލީގެ ގޮތުގައި އިތުރަށް އަދި ބައެއްފަހަރު މަދުން ފައިސާ ދައްކާފައިވާކަން އޮޑިޓް އޮފީހުން އާއްމުކޮށްފައިވާ ކޮވިޑް-19 ކޮމްޕްލައިންސް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.
ކޮވިޑް-19 ކޮމްޕްލައިންސް އޮޑިޓް ރިޕޯޓުގައިވަނީ ކޮވިޑް-19ގެ ބަލިމީހުން، ޑޮކްޓަރުން، ޕޮލިހުންނާއި ސިފައިން އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުން ފެސިލިޓީތަކުގައި ބޭތިއްބުމުގެ ޚަރަދަށް ހެލްތު މިނިސްޓްރީން އިތުރަށް އަދި މަދުން ފައިސާ ދައްކާފައިވާކަން ހާމަވާ ކަމަށެވެ.
އެގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް އިން 2 ރިސޯޓަކުން ކުއްޔަށް ހިފާފައިވާ ކޮޓަރިތަކަށް ދައްކަންޖެހޭ ވަރަށްވުރެ އިތުރަށް އަށާރަ ހާސް ރުފިޔާ އަދި ދައްކަންޖެހޭ ވަރަށްވުރެ މަދުން ތިރީސް ހަތަރުހާސް ފަސް ސަތޭކަ ރުފިޔާ މިނިސްޓްރީ އޮފް ހެލްތުން ދައްކާފައިވާ ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 6.15 ވަނަ މާއްދާގެ (ރ)ގައި ބަޔާންކޮށްފައިވަނީ، އެއްވެސް ކަމަކަށް ދޭންޖެހޭ ފައިސާއެއް ދިނުމުގައި ދޭންޖެހޭ ވަރަށްވުރެ އިރުތަށް ފައިސާ ދެވިއްޖެނަމަ، އެކަމުގައި ޒިންމާވާ ފަރާތުން، ފައިސާ ދެވުނު މީހާގެ އަތުން އެ ފައިސާ އަނބުރާ ހޯދަންވާނެ ކަމަށެވެ.
ނަމަވެސް، 18 ޖުލައި 2022އާ ހަމައަށް އިތުރަށް ދެއްކި ފައިސާ އަނބުރާ ހޯދާފައި ނުވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި މީގެ އިތުރަށް، އޮޑިޓްކުރެވުނު ތާރީޚް 18 ޖުލައި 2022އާ ހަމައަށް ރިސޯޓުން ކުއްޔަށް ހިފާފައިވާ ކޮޓަރިތަކަށް މަދުން ދެއްކިފައިވާ ފައިސާ އެ ރިސޯޓަށް ދައްކާ ޚަލާސަ ކޮށްފައިނުވެއެވެ.
އެހެންކަމުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 6.15 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައި ވާގޮތަށް، ކުލީގެ ގޮތުގައި އިތުރަށް ދީފައިވާ ފައިސާ، އެކަމުގައި ޒިންމާވާ ފަރާތުން، ފައިސާ ދެވުނު ފަރާތުގެ އަތުން އަނބުރާ ހޯދައި ޖަމާކުރަންޖެހޭ އެކައުންޓަކަށް ނުވަތަ އައިޓަމަކަށް ޖަމާކުރުމަށް އޮޑިޓް އޮފީހުން ވަނީ މިނިސްޓްރީއަށް އަންގާފައެވެ.
އަދި އެފަރާތުން އެ ފައިސާ ނުލިބިއްޖެނަމަ، އިތުރަށް ފައިސާ ދެއްކުމުގައި އިހުމާލުވެފައިވާ ފަރާތް ނުވަތަ ފަރާތްތަކުން އެ ފައިސާ ހޯދާ ޖަމާކުރަންޖެހޭ އެކައުންޓަކަށް/އައިޓަމަކަށް އަނބުރާ ޖަމާކުރުމަށްވެސް އޮޑިޓް އޮފީހުން ވަނީ އެދިފައެވެ.
އޮޑިޓް އޮފީހުގެ ރިޕޯޓުގައި ވަނީ އެކަމުގައި އިހުމާލުވި މުވައްޒަފުންނާމެދު ފިޔަވަޅު އެޅުމަށް މިނިސްޓްރީގެ އެޗް.އާރް.އެމް.ޑީ ކޮމިޓީއަށް ހުށަހެޅުމަށްވެސް އެދިފައެވެ.