ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓްސް (ޕީޕީއީ) ހޯދަން ހެލްތު މިނިސްޓްރީން ބަޔަކާ ހަވާލުކޮށް، އެއްބަސްވުމާ އެއްގޮތަށް މުދާ ފޯރުކޮށްނުދެނީސް އިތުރަށް ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ދިން މައްސަލަ ބަލައި، އެފައިސާ އަނބުރާ ހޯދަން އަންގައިފިއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން އިއްޔެ އާންމުކުރި ހެލްތު މިނިސްޓްރީގެ 2020 ވަނަ އަހަރުގެ ކޮވިޑާ ގުޅޭ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ވަނީ، އަމިއްލަ ކުންފުންޏަކާ ހަވާލުކުރި 8.9 މިލިއަން ރުފިޔާގެ ތަކެތި އެއްބަސްވުމާ އެއްގޮތަށް މިނިސްޓްރީއަށް ލިބިފައި ނުވާކަމަށް ބުނެފައެވެ.
ޕީޕީއީގެ ތެރޭގައި ހިމެނޭ ގްލޯވްސް އާއި ގައުންސްގެ އިތުރުން ޝޫކަވާ ފަދަ ތަކެތި ހޯދަން އަމިއްލަ ފަރާތަކާއެކު މާޗް، 9، 2020 ގައި ސޮއިކޮއްފައިވާއިރު، މި އެއްބަސްވުމުގައި ސޮއި ކުރީ ހަފުތާއެއްގެ ތެރޭގައި މިތަކެތި ފޯރުކޮށްދޭން ޖެހޭ ގޮތަށެވެ.
ހަވާލުކުރި އައިޓަމްތަކުގެ ތެރެއިން 55،800 ގައުންސް އާއި 100،450 ޝޫކަވާ އާއި 100،450 ހެޑްކަވާ ހަވާލުކޮށްފައި ވަނީ މަހެއްހާ ދުވަސް ފަހުން އެޕްރީލް 9 ގައި ކަމަށް އޮޑިޓުގައިވެއެވެ. މި ތަކެތީގެ އަގަށްވާ 4.5 މިލިއަން ރުފިޔާ ހެލްތު މިނިސްޓްރީން ވަނީ ސެޕްޓެމްބަރު، 2020 ގައި ދައްކައިފަ އެވެ.
އެއްބަސްވުމުގައިވާ ގޮތަށް ތަކެތި ފޯރުކޮށްނުދެވޭ ނަމަ އެކަން އަންގަން އެއްބަސްވުމުގައި އޮތަސް އެ ކުންފުނިން މިނިސްޓްރީއަށް އެކަން އެންގީ މަހެއްހާ ދުވަސް ފަހުން ކަމަށް ވެސް ރިޕޯޓުގައިވެއެވެ.
ޕީޕީއީ އިން ހޯދަން ހެލްތު މިނިސްޓްރީން ބަޔަކާ ހަވާލުކޮށް، އެއްބަސްވުމާ އެއްގޮތަށް މުދާ ފޯރުކޮށްނުދެނީސް އިތުރަށް ފަސް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދިން މައްސަލަ ބަލައި، އެ ފައިސާ އަނބުރާ ހޯދަން ވަނީ އަންގައިފައެވެ.
އޮޑިޓް ރިޕޯޓުގައި ވަނީ، އެއްބަސްވުމުގައި ބުނާ މުއްދަތު ހަމަވިފަހުން ހަވާލުކުރި ތަކެތިން ލިކުއިޑޭޓެޑް ޑެމޭޖަސް ނުވަތަ އެކަމެއް ހަވާލުކުރި ފަރާތަށް ލިބޭ ގެއްލުން މާލިއްޔަތު ގަވާއިދާ އެއްގޮތަށް ހޯދަން ޖެހޭނެ ކަމަށް އޮޑިޓް އޮފީހަށް ގަބޫލުކުރެވޭ ކަމަށެވެ. އެކަމަކު މިނިސްޓްރީން ފައިސާ ދެއްކީ އެބައި އުނި ނުކޮށް ކަމަށް ރިޕޯޓްގައި ވެއެވެ.
މީގެ އިތުރުން، މި އެއްބަސްވުމުގެ ދަށުން ފޯރުކޮށްދޭންޖެހޭ 100,450 ސިންގަލް ޔޫޒް ގައުންސްގެ ތެރެއިން 44,450 ސިންގަލް ޔޫޒް ގައުން 2020 ވަނަ އަހަރުގެ ޖުލައި މަހުގެ ކުރިން ފޯރުކޮށްދީފައިވާއިރު، އެ ގައުންތަކަކީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ބްރޭންޑްތަކަކަށް ނުވާތީ، އެ އައިޓަމްތަކާ މިނިސްޓްރީ އޮފް ހެލްތުން ހަވާލުވެފައިނުވާކަންވެސް ރިޕޯޓްގައި ފާހަގަކޮއްފައިވެއެވެ.
އަދި ނުނިމޭ މަސައްކަތަށް ޖުމްލަ އަގު އަދާކޮށްފައިވުމުން މަސައްކަތާ ހަވާލުވި ފަރާތުން މަސައްކަތް ފުރިހަމަނުކޮށް ލަސްވިކަމުގައި ވިޔަސް އެޅޭނެ އެކަށީގެންވާ ހަރުދަނާ ފިޔަވަޅެއް ނޯންނާނެ ކަމާއި މަސައްކަތުން ލިބެން ޖެހޭ މަންފާ ނުލިބި ގިނަ ދުވަސްތަކެއް ވެގެންދާނެ ކަން ވެސް ވަނީ ފާހަގަކޮއްފައެވެ.
ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން އެއްވެސް ކަމަކަށް ދޭންޖެހޭ ފައިސާއެއް ދިނުމުގައި ދޭންޖެހޭވަރަށްވުރެ އިރުތަށް ފައިސާ ދެވިއްޖެނަމަ، އެކަމުގައި ޒިންމާވާ ފަރާތުން، ފައިސާ ދެވުނު މީހާގެ އަތުން އެ ފައިސާ އަނބުރާ ހޯދަންވާނެއެވެ. އަދި އެފަރާތުން ފައިސާ ނުލިބިއްޖެނަމަ، އެ ފައިސާ ދައްކާނީ އެކަމުގައި ޒިންމާވާ ފަރާތުން ނުވަތަ ފަރާތްތަކުން ކަމުގައި އެ ގަވައިދުގެ ދަށުން ބަޔާންކޮށްފައިވެއެވެ.
މި މައްސަލައިގައި މާލިއްޔަތު ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވާތީ ގަވާއިދުގައި ބުނާ "މާލިއްޔަތު މައްސަލަ ބަލާ ކޮމިޓީ"އަށް ހުށަހެޅުމަށާއި އިހުމާލުވި މުވައްޒަފުންނާ މެދު ފިޔަވަޅު އެޅުމަށް މިނިސްޓްރީގެ އެޗްއާރުއެމްޑީ ކޮމިޓީއަށް ހުށަހަޅަން ލަފާދީފައިވެ އެވެ.