ހުޅުމާލޭ ބީޗުން ނުރައްކާތެރި ޖެލީ ފިޝްތަކެއް ފެންނާތީ ސަމާލުވާން ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ.
މީގެކުރިންވެސް ހުޅުމާލޭ މޫދު ސަރަހައްދުން ފެނިފައިވާ ޖެލީ ފިޝްގެ ދެ ބާވަތް ކަމަށްވާ، ބްލޫ ބަޓަން ޖެލީ ފިޝް އާއި ބޮޓަލް ޖެލީ ފިޝް ގިނަ އަދަދަކަށް އަނެއްކާވެސް އަންނަނީ ފެންނަމުންނެވެ.
އެހެންކަމުން ހުޅުމާލޭގެ މޫދަށް އެރި އުޅުމުގައި ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ސަމާލުވާން އެޗްޑީސީން ވަނީ އިލްތިމާސްކޮށްފިއެވެ.
ހުޅުމާލޭ މޫދުން މި ފަދަ ޖެލީ ފިޝް ފެންނަ ކަމަށް އެޗްޑީސީން އާންމުންގެ ސަމާލުކަަމަށް ފުރަތަމަ ގެނައީ 2020 ވަނަ އަހަރެވެ. އެފަހަރު ޖެލީ ފިޝް ފެނިފައި ވަނީ ޑިސެމްބަރު މަހުގެ ފަހުކޮޅު ހުޅުމާލޭ ބީޗްގައި ރެދަންލުމަށް ފަހުއެވެ.
މިއީ އާންމު ގޮތެއްގައި ރަށްރަށުގައި ރެދަންލާ ދުވަސްވަރު ފެންނަ ބާވަތެކެވެ.
މީގެ އަހަރުތަކެއް ކުރިން ރ. ވާދޫގެ ގޮނޑުދޮށުންވެސް ރެދަން ލުމާއެކު މި ބާވަތުގެ ޖެލީ ފިޝް ފެނިފައިވެއެވެ. އެއާއެކު ވާދޫ ކައުންސިލުންވެސް ރައްޔިތުންގެ ސަމާލުކަމަށް އެކަން ގެނައެވެ.
2019 ވަަނަ އަހަރު "ބްލޫ ބޮޓޮލް" ޖެލީފިޝްގެ ވިހައިގެ ސަބަބުން 2،600 އަށްވުރެ ގިނަ މީހުންނަށް އޮސްޓްރޭލިއާގައި ފަރުވާ ދޭން ޖެހުނެއެވެ. އެއީ ޖެލީ ފިޝްގެ ސަބަބުން އެއްފަހަރާ އެހާ ގިނަ ބަޔަކަށް ފަރުވާދިން ފަހަރު ކަމަށްވެއެވެ.
އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ސަރަހައްދުގައި ގިނަ ބަޔަކު ޖެލީ ފިޝްގެ ވިހައިގެ ޝިކާރައަކަށްވީ އާދަޔާ ހިލާފަށް ޖެލީފިޝް ފެނުނު ދުވަސްވަރެއްގައި، ސަމާލުކަން ނުދީ އެތައް ބަޔަކު މޫދަށް އެރުމުންނެވެ.
.