ބީލަމުގެ އުސޫލުން ގޯތީގެ ގޮތުގައި ހުޅުމާލެއިން 74 ބިން ވިއްކުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުވާލައިފިއެވެ.

އެޗްޑީސީން މިކަމާ ގުޅިގެން ކުރި އިއުލާނުގައި ވަނީ، ބިން ވިއްކުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިންކަމަށާ، މި ބިންތަކަކީ 1،095 އަކަފޫޓާއި 2،588 އަކަފޫޓާ ދެމެދުގެ ބިންތަކެއް ކަމަށެވެ.

މީގެތެރޭގައި ހިމެނެނީ ގޮނޑުދޮށަށް ކުރިމަތި ވާގޮތަށް ދޫކުރާ 22 ބިމަކައި އަތިރިމައްޗާ ކައިރިން ދޫކުރާ 52 ބިމެއް ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

ގޮނޑުދޮށަށް ކުރިމަތި ވާގޮތަށް ދޫކުރާ ބިންތަކުގެ ބީލަން ފަށާ އަގަކީ އަކަފޫޓަރަކަށް 6،500 ރުފިޔާއެވެ. އަދި އަތިރިމައްޗާ ކައިރިން ދޫކުރާ ބިންތައް ވިއްކަން ބީލަން ފަށާ އަގަކީ އަކަފޫޓަކަމަށް 5،500 ރުފިޔާއެވެ. މިމަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 1 މިލިއަން ރުފިޔާ ހުންނަންޖެހޭނެ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

ހުޅުމާލެއިން ބިން ގަންނަން ބޭނުންވާ ފަރާތްތަކަށް ފޯމް ވިއްކަން ހުޅުވާލާނީ މިމަހުގެ 21ވަނަ ދުވަހުން ފެށިގެން އަންނަމަހުގެ 1ވަނަ ދުވަހާ ހަމައަށެވެ. ފޯމު ދޫކުރާނީ އެޗްޑީސީގެ ރިސެޕްޝަނުން، ހެނދުނު 09:00އާއި މެންދުރު 13:00އާ ދެމެދުގައެވެ.

ގޮނޑުދޮށަށް ކުރިމަތި ވާގޮތަށް ވިއްކާ ބިންތަކަށް ބީލަން ހުލުވާލުން އޮންނާނީ އަންނަމަހުގެ 11ވަނަ ވުވަހުގެ މެންދުރު 13:00ގައެވެ.

އަތިރިމައްޗާ ކައިރިން ދޫކުރާ ބިންތަކަށް ބީލަން ހުޅުވާލުން އޮންނާނީ އަންނަމަހުގެ 12ވަނަ ދުވަހުގެ ހެނދުނު 09:00ގައެވެ.

މިއީ ހުޅުމާލޭ ދެވަނަ ފިޔަވަހިން އާންމުންނަށް ގޯތީގެ ގޮތުގައި ބިން ވިއްކާ ތިންވަނަ ފަހަރެވެ. މިހާތަނަށް މުޅިންވެސް ގޯއްޗަށް ބިން ދޫކުރަމުންދަނީ ދެވަނަ ފިޔަވަހިންނެވެ.

އެންމެ ފަހުން ގޯތި ދޫކުރީ މިއަހަރުގެ ކުރީކޮޅު ކަމަށް ވާއިރު، އެއީ އަތިރިމައްޗާ ކައިރިން 34 ގޯއްޗާއި، ގޮނޑުދޮށަށް ކުރިމަތި ވާގޮތަށް ދޫކުރި 26 ގޯއްޗެވެ. އޭގެ ކުރިންވެސް ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ދޫކޮއްފައި ވެއެވެ. މިގޮތަށް ދޫކޮށްފައިވާ ބައެއް ބިންތަކުގައި ދިރިއުޅުމަށް ގެދޮރު ހަދައި، މިހާރުވެސް ގިނަ އާއިލާތަކަކުން އަންނަނީ ދިރިއުޅެމުންނެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެންމެ ފުރަތަމަ މީހުން ދިރިއުޅެން ފެށީ، އަމިއްލަ ފަރާތްތަކުން ގަނެ އިމާރާތްކުރި ގެތަކުގައެވެ.