ވެސްޓަން ޔޫނިއަންގެ ރާއްޖޭގެ ލޯކަލް ޕާޓްނަރު، އައިލެންޑް ފައިނޭންޝަލް ސާވިސަސް (އައި.އެފް.އެސް)އަށް ދޫކޮށްފައިވާ ރެމިޓަންސް ލައިސެންސް ހިފާއްޓާފައި އޮތުމަށްފަހު އެތަން ހިންގުމުގެ ހުއްދަ މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ)އިން އަލުން ދީފިއެވެ.

ރެމިޓެންސްގެ ކަންކަން ރެގިއުލޭޓު ކުރާ އެމްއެމްއޭއިން އައި.އެފް.އެސްގެ ލައިސެންސް ހިފެހެއްޓީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އެކަން އަންގާ އެމް.އެމް.އޭ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އައިލެންޑް ފައިނޭންޝަލް ސާވިސަސް އަށް ދޫކޮށްފައިވާ ރެމިޓެންސް ހިދުމަތް ދިނުމުގައި ބޭނުންވާ ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސެންސް ވަކި ގޮތެއް އަންގަންދެން ހިފެހެއްޓިފައިވާ ކަމަށެވެ. އެކަމަކު ހުއްދަ ހިފެހެއްޓި ސަބަބެއް އިއުލާނުގައި ނެތެވެ.

އެމްއެމްއޭއިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، އައިލެންޑް ފައިނޭންޝަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑުން ރެމިޓެންސް ޚިދުމަތް ދިނުމަށް އެއޮތޯރިޓީން ދޫކޮށްފައިވާ ޕޭމަންޓް ޚިދުމަތް ދިނުމުގެ ލައިސަންސްގެ ސަސްޕެންޝަން އިއްޔެއިން ފެށިގެން އުވާލާފައިވާކަމަށެވެ.

"ވީނިއުސް" އިން ސުވާލުކުރުމުން އައި.އެފް.އެސް ހިންގާ ވިލާ ޓްރެވެލްސް ހިންގުމާ ހަވާލުވެ ހުންނެވި ސޮފްވާން މުހައްމަދު ވިދާޅުވީ، އެ ކުންފުނީގެ ލައިސެންސް ހިފެހެއްޓީ މުއާމަލާތުތައް ފުރިހަމަކުރަން ގެންގުޅޭ ސިސްޓަމަށް ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން ކަމަށެވެ. އޭނާ ވިދާޅުވީ މި މައްސަލަ މިހާރު ވަނީ ހައްލުކުރެވިފައި ކަމަށެވެ.

މިކަމާ ގުޅޭގޮތުން ވެސްޓަން ޔޫނިއަންގެ ވެބްސައިޓުގައިވެސް ވަނީ އެމްއެމްއޭއިން އައިލެންޑް ފައިނޭންޝަލްސްގެ ހުއްދަ ހިފެހެއްޓީ "އިންޓާނަލް އަޕްޑޭޓްތަކެއް" ގެންނަން ކަމަށެވެ.

އެމް.އެމް.އޭ އިން ކަނޑައަޅާ އުސޫލުތަކާއި އިރުޝާދުތަކަށް ނުވަތަ އަންގާ އެންގުމަކަށް އަމަލު ނުކުރާ ނަމަ މިހާރު އަމަލުކުރަމުންދާ ގައުމީ ޕޭމަންޓް ސިިސްޓަމްގެ ގާނޫނުގެ ދަށުން ލައިސެންސް ހިފެހެއްޓުމުގެ ބާރު އެ އޮތޯރިޓީއަށް ލިބެއެވެ.