މިއަހަރުގެ މިހާތަަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެ މިލިއަން 28ހާހުން މައްޗަށް އަރައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،028،467 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.
މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މާޗް މަހުގައެވެ. އެމަހު ރާއްޖެއަށް 150،748 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ދެން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ފެބްރުއަރީ މަހުގައެވެ. އެމަހު 149،008 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އޭޕްރީލް މަހު 145،280 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ގައުމުތަކަށް ބަލާލާއިރު، 146،923 ފަތުރުވެރިންނާ އެކު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރީ އިންޑިއާއިންނެވެ. މީގެ އިތުރުން، 104،667 ފަތުރުވެރިންނާއެކު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިނގިރޭސިވިލާތުންއެވެ.
އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ލިސްޓުގައި ދެން ހިމެނެނީ، ރަޝިއާ، ޖަރމަނީ، އިޓަލީ، އެމެރިކާ، ފްރާންސް، ސައިދީ އަރަބިއްޔާ، ސްޕެއިން އަދި ސްވިޓްޒަލޭންޑެވެ.
ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު އެއް މިލިއަނަށް އެރީ މިމަހުގެ 12 ވަނަ ދުވަހުގައެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު، 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރު އަލުން ހުޅުވާލިފަހުން، ފަތުރުވެރިންނަށް ހިދުމަތްދޭ 1،176 ތަނެއް މިހާރު ވަނީ ހުޅުވާލާފައެވެ.
މިއީ 58،317 ބެޑް ކެޕޭސިޓީއެއް ހިމެނޭ، 170 ރިސޯޓާއި، 856 ގެސްޓްހައުސްގެ އިތުރުން 156 ސަފާރީއެވެ.
ސަރުކާރުގެ މި އަހަރުގެ އަމާޒައަކީ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރުމެވެ. ރާއްޖެއަށް އެންމެ ގިނައިން މިހާތަނަށް ފަތުރުވެރިން ޒިޔާރަތްކުރި 2019 ވަނަ އަހަރު 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.