ޖަޕާން ސަރުކާރުގެ އެހީއާއެކު ކ. ގުރައިދޫ ގައި ހުންނަ ހާއްސަ އެޙީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މެޑިކަލް ވޯޑު މަރާމާތުކުރުމަށްފަހު ހަވާލުކޮށްފިއެވެ.

ގުރައިދޫ މަރުކަޒުގެ މެޑިކަލް ވޯޑު މަރާމާތްކުރުމަށާއި މެޑިކަލް ވޯޑަށް ބޭނުންވާ ވަސީލަތްތަކަށް ޖަޕާން ސަރުކާރުން ވަނީ 1.3 މިލިއަން ދިވެހި ރުފިޔާ ހޭދަކޮށްފައެވެ.

ވޯޑު ހަވާލު ކުރުމަށް ބޭއްވި ރަސމްިއްޔާތުގައި ޖަޕާން ސަރުކާރުގެ ފަރާތުން އެހީ ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު، ޓަކެއުޗީ މިޑޯރީއެވެ. މިނިސްޓްރީ އޮފް ޖެންޑަރު ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ފަރާތުން އެޙިއާ ހަވާލުވެވަޑައި ގެންނެވީ މުހައްމަދު ދީދީ އެވެ.

ރަސްމިއްޔާތުގައި ވާހަކފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ހާއްސަ ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި މީހުންނަކީ، އަބަސްދުވެސް ސިއްޙީ އަވަސް އެހީތެރިކަން ބޭނުންވާ މީހުން ކަމަށާއި ސިއްޙީ އެމަޖެންސީ ޙާލަތްތުގައި ފާރުވާ ދޭންޖެހޭ ޙާލަތްތައް ކޮންމެ ދުވަހަކުހެންމެ ކުރިމަތިވާ ކަމަށެވެ.

ނަމަވެސް މަރުކަޒުން އެ ޚިދުމަތްތައް ދެވެން ނެތުމުގެ ސަބަބުން، ބައެއް ކުދިކުދި ކަންކަމުގައިވެސް ބަލިމީހާ މާލެ ފޮނުވަންޖެހޭ ކަމަށާއި، އެކަމުގެ ސަބަބުން ފަރުވާ ފޯރުކޮށްދެވުން ލަސްވެ، ހިތާމަވެރި ހާލަތްތައްވެސް ކުރިމަތިވަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި އެޙިއާއެކު މަރުކަޒުގެ މެޑިކަލް ވޯޑު މަރާމާތު ކުރުމުން ޖާގައިގެ ތަނަވަސްކަން އިތުރުވެ، އިމަޖަންސީ ނުވަތަ ކުއްލި ހާލަތްތަކުގައި މަރުކަޒުގައި ދިރިއުޅޭ ފަރާތްތަކަށް އަވަސް ފަރުވާދެވޭނެ އިންތިޒާމު ފަހިވެގެން ދާނެ ކަމަށް ޖެންޑަރ މިނިސްޓްރީން މައުލޫމާތު ދެއެވެ.

ގުރައިދޫ ހާއްސަ އެޙީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ޚާއްޞަ ރައްކާތެރިކަމާއި އަޅައިލުން ބޭނުންވާ 191 މީހަކު މިވަގުތު އެބަތިއްބެވެ.