ހައްގަކާ ނުލައި މީހަކު މަރައިފިނަމަ، އެމީހެއްގެ ކިބައިން ގިސާސް ހިފަން ޖެހޭނެކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިއަދުގެ ހުކުރު ޚުތުބާ އިއްވާފައި ވަނީ "ނަފްސުގެ ހުރުމަތްތެރިކަން" މި މައުޟޫއަށެވެ.

މާތް ﷲ ސުބްހާނަހޫ ވަތައާލާ ހެއްދެވި ގިނަ މަޚްލޫގުންގެ މައްޗަށް އެކަލާނގެ ވަނީ އިންސާނާ މާތް ކުރައްވައި މަތިވެރި ކުރައްވާފައެވެ. އުޑުތަކާއި ބިމުގައި ވާހާ ތަކެއްޗެއް މާތް ﷲ ވަނީ އިންސާނާގެ ޚިދުމަތުގައި ލައްވާފައެވެ. އެހެންކަމުން އިސްލާމް ދީނުގެ ނަޒަރުގައި އިންސާނުންގެ ނަފްސަކީ ވަރަށް ބޮޑަށް ހުރުމަތްތެރި ވެގެންވާ އެއްޗެކެވެ.

ޚުތުބާގައި ބުނީ ހައްގަކާ ނުލައި އިންސާނަކު ގަތުލު ކުރުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިންވާ ކަމެއް ކަމަށެވެ. ނަމަވެސް މިއަދު އަހަރެމެންގެ މުޖުތަމައުން މިބޮޑު ފާފައަށް އަރައިގަތުން ދެކެނީ ވަރަށް އާދައިގެ ކުޑަކުޑަ ކަމެއްގެ ގޮތުގައި ކަމަށާއި އެއްވެސް ރަހުމެއް ބިރުވެރިކަމެއް ނެތި ހުރުމަތްތެރި ކުރެވިފައިވާ އިންސާނާ މަރާލުމަށްފަހު ދޫކޮށްލަނީ ނޫން ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ހަނގުރާމައިގެ ހާލަތުގައިވެސް ކުރުން ހަރާމް ކުރައްވާފައިވާ އަމަލެއް ކަމުގައިވާ މުޘްލާ ކުރުމުގެ އަމަލު ކަމުގައިވާ ގުނަވަންތައް ބުރިބުރިކޮށް ވަކިކުރަނީކަން ފާހަގަކޮށް ޚުތުބާގައި ބުނީ، ނުހައްގުން އެންމެ ނަފްސެއް މަރާލުމަކީ ހުރިހާ އިންސާނުން މަރާލުން ފަދަ ނުބައިކަން ބޮޑުވެގެންވާ އަމަލެއް ކަމަށެވެ.

މިއީ ކޮންފަދަ އަނިޔާވެރި އަމަލެއްތޯ! ނުހައްގުން އެންމެ ނަފްސެއް ވެސް މަރާލުމަކީ ހުރިހާ އިންސާނުން މަރާލުންފަދަ ނުބައިކަން ބޮޑުވެގެންވާ އަމަލެއް ކަމުގައިވަނީ ކީރިތި ގުރުއާނުގައި ބަޔާންކުރައްވާފައެވެ. މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ނަފުސެއް މަރައިގެން ނުވަތަ ބިމުގައި ފަސާދައެއް އުފައްދައިގެން ނޫންގޮތަކަށް، ނަފްސެއް މަރައިފި މީހަކު އެންމެހާ މީސްތަކުން މެރިފަދައެވެ. އަދި އެނަފްސު ދިރުވައިފިމީހާ (އެބަހީ: ނުމަރާ ދުނިޔޭގައި ބަހައްޓައިފި މީހާ) އެންމެހާ މީސްތަކުން ދިރުވިފަދައެވެ.
ޚުތުބާ

ދިރިހުރުމުގެ ހައްގަކީ އިންސާނާގެ އެންމެ އަސާސީ ހައްގެވެ. ނަމަވެސް މި ހައްގަށް ހުރުމަތްތެރިކޮށް ހިތަނީ މިއަދު ކިތައް މީހުންތޯ ޚުތުބާގައި ސުވާލުކޮށްފައިވެއެވެ. ޚުތުބާގައި ބުނީ އިސްލާމް ދީނާއި، ބައިނަލްއަގްވާމީ މުއާހަދާތަކުގައިވެސް އިންސާނުންގެ ފުރާނަ ހިމާޔަތް ކުރުމުގެ ހައްގު ލިބިދީފައިވާ ކަމަށާއި، ނުހައްގުން މީހުން މެރުމާއި މީހުންގެ ނަފްސަށް ގެއްލުން ދިނުން ހުއްޓުވުމަށް އޮތް ނިހާއީ ހައްލަކީ އިލާހީ ޝަރީއަތް ތަންފީޒުކޮށް ގިސާސް ހިފުންކަމުގައި ކީރިތި ގުރުއާނުގައި މާތް ﷲ އަންގަވާފައިވާ ކަމަށެވެ.

އަދި، ހައްގަކާއި ނުލައި ގަސްދުގައި މުއުމިނަކު މަރާލުމަކީ ﷲ ގެ އަޒާބާއި ކޯފާއާއި ލައުނަތް އެމީހެއްގެ މައްޗަށް ލެއްވިގެންވާ ކަމެއް ކަމަށްވެސް މިއަދު ޚުތުބާގައި ވަނީ ބުނެފައެވެ.