ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ޓޯޔާޑުގައި ހުރި އުޅަނދުތައް ނައްތާލުމުގެ ކުރިން ފުލުހުން އެޅަނދުތައް ޗެކްކުރާ މަންޒަރު ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

މާލޭ ޓޯޔާޑުގައި ޓޯކޮށްފައި ހުރި އުޅަނދުތަކެއްގައި ފުލުހުން ދަގަނޑުތަކަކުން ތަޅާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައިވާއިރު، އެކަމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އެ ވީޑިއޯއަކީ އުޅަނދުތައް ނައްތާލުމަށް ކުރަން ޖެހޭ ކަންކަން ކުރުމުގެ މަސައްކަތް ހިނގަމުންދަނިކޮށް ނަގާފައިވާ ވީޑިއޯއެއް ކަމަށެވެ.

ފުލުހުން ބުނީ ގަވާއިދާ ޚިލާފަށް ޕާކު ކޮށްގެން ފުލުހުން ޓޯ ކުރާ އުޅަނދާ ހަވާލުވުމަށް 60 ދުވަހުގެ މުއްދަތެއް އުޅަނދުގެ ވެރި ފަރާތަށް ދެވޭ ކަމަށާއި، 60 ދުވަހުގެ ތެރޭގައި ހަވާލު ނުވާ އުޅަނދުތައް ނައްތާލުމުގެ ބާރު، އެއްގަމު ދަތުރުފަތުރުގެ ގާނޫނުން ފުލުހުންނަށް ލިއްބައިދޭ ކަމަށެވެ.

އަދި، އުޅަނދު ނައްތާލަން ގެންދިއުމުގެ ކުރިން އެ އުޅަނދު ފުލުހުން ޗެކް ކުރާ ކަމަށާއި، އެގޮތަށް ނައްތާލާ އުޅަނދުތައް ނައްތާލަނީ އެކަމަށް އެކުލަވާލާފައިވާ އުސޫލާ އެއްގޮތަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށް ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ނަމަވެސް އުޅަނދު ޗެކްކުރާއިރު ދަގަނޑު ބޭނުންކުރަނީ ކީއްކުރަންތޯ އަހައި ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.