ޖުމްހޫރީ ޕާޓީގެ އެއްވެސް އިސް މެމްބަރެއް ޕާޓީ ދޫކޮށްފަ ނުދާނެ ކަމަށް އެ ޕާޓީގެ އިސްތަރުޖަމާން އަލީ ސާލިހް ވިދާޅުވެއްޖެއެވެ.
އަލީ ސާލިހް މިހެން ވިދާޅުވީ ޖުމުހޫރީ ޕާޓީގެ އިސް މެމްބަރެއްގެ ގޮތުގައި ހުންނެވި، ބިލެތްދޫ ދައިރާގެ ކުރީގެ މެމްބަރު އަހުމަދު މުބީންގެ އިތުރުން އެޕާޓީގެ ކެމްޕޭން އެންޑް އިލެކްޝަން ކޮމިޓީގެ ޗެއަރ އަބުދުލް ހަމީދު ޕީޕީއެމާ ގުޅިވަޑައިގަތުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން އެކަމަށް ރައްދުދެއްވާ ލިޔުއްވި މެސެޖެއްގައެވެ.
ޖޭޕީ އިސްތަރުޖަމާން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އިސް މެމްބަރުންތަކެއް ޕާޓީ ދޫކޮށްފަ ނުދާ ކަމަށާއި ކުރީގެ މެމްބަރު މުބީން އާއި އަބުދުލް ހަމީދަކީ ޖުމްހޫރީ ޕާޓީގައި ތިބި ނަމަވެސް އެއީ އެ ޕަޓީގެ ބައެއް ނޫން ކަމަށެވެ.
އަދި މުބީން އަލުން ޕީޕީއެމަށް ދިޔުމަކުން ހައިރާން ނުވާކަން ފާހަގަކުރައްވާ އަލީ ސާލިހް ވިދާޅުވީ ޖޭޕީގެ ކައުންސިލަށް މުބީން ވެއްދީ ވަރަށް ފަހުން ކަމަށާއި އެ ޖާގަ ލިބުނީ މިހާރު އޮތް ކައުންސިލުން އެ ޖާގަ ދީގެން ކަމަށެވެ.
އަލީ ސާލިހް ވިދާޅުވީ ޖުމްހޫރީ ޕާޓީ ކައުންސިލްގަ ތިބި ޕާޓީއަށް ވަފާތެރި މެމްބަރުން ޕާޓީ ދޫކޮށްނުދާނެ ކަމަށާއި މުބީން ޕީޕީއެމަށް ސޮއިކޮށްފައި ވަނީ ކޮމަންޑޫ ދާއިރާގެ އިންތިޚާބުގެ ދުވަސްވަރުގައި ކަމަށެވެ.
ޖޭޕީއާ ފަހުން ގުޅުނު މެމްބަރުންގެ ތެރޭގައި ވަރަށް އިޚްލާސްތެރި މަސައްކަތް ކުރާ ފަރާތްތައް ތިބިކަން ފާހަގަކުރައްވާ އަލީ ވިދާޅުވީ ޖޭޕީއަކީ އިތުބާރު ހިފޭ ޕާޓީއެއް ކަމަށެވެ.