1979 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 19 ވަނަ ދުވަހު، ނުލާއި ހުދުން ޖަރީވެގެން މާލޭގެ ހެންވެއިރުން އުދުއްސާލި ބާޒަކީ، ދިވެހި ފުޓުބޯޅައިގެ ރަން ތާޖުގެ ވެރިޔާއަށް ވެދާނެކަމަށް އޭރު އެކަކަށްވެސް އިހުސާސުވެސް ކޮށް ނުލެވެއެވެ.

އެހެންނަމަވެސް ހެންވޭރު ކުއީން، އަހްމަދު ވަހީދު އާއި، އޭނާގެ އެކުވެރި އަހައްމަދަނިކު، އަވަށު ވާދަވެރިކަމުގައި ބައިވެރިވެ، ދިވެހި ފުޓުބޯޅައިގެ ތެރެއަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ގެނައީ އެ އުންމީދުގައެވެ.

ހެންވޭރުން އުދުއްސާސި ބާޒުގެ ވަރައިގެ ދަށުގައި އޭރު އެ އަވަށަށް ނިސްބަތްވާ އެތައް ބަޔަކު ތިބި ނަމަވެސް، މިއަދު މި ބާޒުގެ ވަރައިގެ ދަށުގައި، ނުލާއި ހުދުގެ ލަޝްކަރުގެ ފަހުލަވާނުންގެ ގޮތުގައި އެތައް ހާސް ބަޔަކު އެބަތިއްބެވެ. މި ކުލަބުދެކެ ލޯބިވެ، ކުލުނު ޖެހި ހިތްދީފައިވާ ކުލަބުގެ ސަޕޯޓަރުން މިއަދު ތުރާކުނުން ފެށިގެން އައްޑޫ އާއި ހަމައަށް އެބަތިއްބެވެ.

މިއަދު ނިއުރޭޑިއަންޓަކީ ތަހުތާއި ދުރުގައި ހުރި ނަމަވެސް، ދިވެހި ފުޓުބޯޅައިގެ ހަގީގީ ރަސްގެފާނު ކަމާއިމެދު، ދިވެހި ފުޓުބޯޅައިގެ ތާރީޚު އެނގޭ އެކަކުވެސް ދެބަހެއް ނުވާނެއެވެ. އެތައް ގޮންޖެހުމަކާއި، އެތައް ހުރަހެއް ގިރާކޮށް، އަނެއްކާވެސް ނިއުއިން މިވަނީ އެ ތަހުތައް އިސްވުމަށް މަސައްކަތް ފަށާފައެވެ.

ދިވެހި ފުޓުބޯޅައިގައި ނިއުރޭޑިއަންޓުން ނުހޯދާ އެއްވެސް ތަށްޓެއް، އެއްވެސް ކާމިޔާބީއެއް ނެތެވެ. އެހެން ކުލަބަކަށް މިހާތަނަށް ހޯދިފައި ނުވާ އެތައް ޝަރަފެއް، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ވަނީ ހޯދާފައެވެ. ކުލަބުގެ ސަޕޯޓަރުންގެ ގޮތުގައި މިއަދު ލައްކައެއްހާ ދިވެހިން ތިބި ސަބަބަކީ މިއީ ކަމުގައިވެސް ވެދާނެއެވެ. ނުލާއި ހުދުގެ ފަހުރުވެރި ޖާޒީލާ ކޮންމެ ކުޅުންތެރިއަކީ ޝަރަފުވެރިއަކަށްވާ ސަބަބަކީވެސް މިއީ ކަމުގައި ވެދާނެއެވެ.

ކުލަބުގެ ތާރީޚީ ކާމިޔާބީތަކުގެ ފެށުން:

ދިވެހި ފުޓުބޯޅައިގައި ނިއު އިން ކާމިޔާބީތަކުގެ ފެށުމުގެ ސިއްކަ ޖެހީ 1994 ވަނަ އަހަރުއެވެ. އެ އަހަރު ނިއު އިންވަނީ އެފްއޭ ކަޕާއި ޕޮމިސް ކަމުގެ ތަށި އުފުލާލިއެވެ. އެއަށްފަހުގައި ކޮންމެ އަހަރަކުހެން ނިއުއިން ކޮންމެވެސް މުބާރާތެއް ކާމިޔާބު ކުރަމުން ދިޔައިރު ބައެއް އަހަރުތަކުގައި ސީޒަނުގެ ޑޮމެސްޓިކް ހުރިހާ މުބާރާތެއް ކާމިޔާބު ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ފުރަތަމަ ތަށްޓާއެކު ނިއުއިން ދިވެހި ފުޓުބޯޅައިގެ ރަސްކަމާ ދިމާލަށް އުދުއްސާލިއިރު، ރާއްޖޭގައި ބާއްވާފައިވާ އެތައް މުބާރާތެއްގެ ތަށި މިލްކު ކޮށްފައިވެއެވެ.

އެހެން ކުލަބަކަށް ހޯދިފައި ނުވާ އެތައް ކާމިޔާބީއެއް:

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަކީ ރާއްޖޭގެ ތާރީޚުގައިވެސް، ގައުމީ ޓީމުގެ ގޮތުގައި ގައުމު ތަމްސީލުކުރުމުގެ ގޮތުން ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކުރި ހަމައެކަނި ޓީމެވެ. އެއީ 1987 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައެވެ. ސަރުކާރުން އެފަހަރު ނިންމީ ގައުމީ ޓީމުގެ ބަދަލުގައި ރާއްޖެ ތަމްސީލު ކުރާނީ ނިއުރޭޑިއަންޓް ކަމަށެވެ. މިއީ މިހާތަނަށް ދިވެހި އެއްވެސް ކުލަބަކަށް ހޯދިފައި ނުވާ ކާމިޔާބީ އެކެވެ.

ކުލަބު ފެންވަރުގެ ސަރަހައްދީ މުބާރާތްތަކުގައި ނިއު ހޯދާފައިވާ ކާމިޔާބީތަކާއި ހަމައަށް މިއަދާ ހަމައަށް އައިއިރުވެސް އެހެން ކުލަބަކަށް އަދި ދެވިފައެއް ނެތެވެ. ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަކީ އޭއެފްސީ ކަޕުގެ ގުރޫޕު ސްޓޭޖު ފަހަނައަޅައި ދިޔަ ހަމައެކަނި ދިވެހި ކުލަބެވެ. ނިއުއިން ދެފަހަރެއްގެ މަތިން މުބާރާތުގެ ގުރޫޕު ސްޓޭޖު ފަހަނައަޅައި ގޮސްފައިވެއެވެ. އެގޮތުން 2005 ވަނަ އަހަރު ނިއުއިން ވަނީ މުބާރާތުގެ ސެމީ ފައިނަލުގައި ކުޅެފައެވެ. އަދި 2013 ވަނަ އަހަރު ނިއުއިން މުބާރާތުގެ ކުއާޓަރ ފައިނަލުގައި ކުޅުނުއިރު އެފަހަރު ނިއު މުބާރާތް ނިންމާލީ ގުރޫޕު ސްޓޭޖުގައި އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކުލަބުގެ ރެކޯޑާއެކުއެވެ.

ދިވެހި ފުޓުބޯޅައިގައި ފާއިތުވީ 43 އަހަރުގެ ތެރޭގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ސީނިއަރ ފުޓުބޯޅަ ޓީމު ވަނީ 48 ޓްރޮފީއެއް ހާސިލް ކޮށްފައެވެ. ކުލަބުގެ ވެޓެރަންސް ޓީމުން 4 ފަހަރަށް ވެޓެރަންސް ކަޕް ކާމިޔާބުކޮށްފައިވެއެވެ. ކުލަބުގެ އަންހެން ޓީމުން ދެފަހަރަށް އެފްއޭއެމް ވިމެންސް ފުޓުބޯޅަ ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއެވެ.

މާލީ އަނދަވަޅަކަށް ވެއްޓި ކުލަބު އަޑިއަޅާލުން:

2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހަކީ، ދިވެހި ފުޓުބޯޅަ އާއިލާ ހިތާމައިގެ ކަރުނުން ތެންމާލި ހިތްދަތި ދުވަހަކެވެ. 3 ދަހަރަށްވުރެ (30 އަހަރު) ގިނަ ދުވަސް ވަންދެން ދިވެހި ފުޓުބޯޅައިގައި ރަސްކަން ކުރަމުން އައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު، ފުޓުބޯޅައިގެ އެންމެހާ ހަރަކާތަކުން ދުރަށް ޖައްސާ، ސަސްޕެންޝަނެއް ކުރިމަތި ކުރުވުމުންނެވެ.

ކުލަބުގެ ކުޅުންތެރިންނާއި ކޯޗަށް ދޭންޖެހޭ މުސާރައިގެ ބޮޑު އިންސައްތައެއް ނުދެއްކުމުގެ ސަބަބުން، އެ ކުޅުންތެރިންގެ ޝަކުވާތަށް 2018 ވަނަ އަހަރުގެ ފަހުކޮޅު ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އޮއްސާލުމާއެކު އެ އިދާރާއިން ނިއު ސަސްޕެންޑު ކުރީއެވެ. ފައިސާ އަނބުރާ ދައްކަންދެކަށެވެ. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންނަށް ދޭންޖެހޭ ފައިސާ ނުދައްކާ އޮތުމުން ދުނިޔޭގެ ފުޓުބޯޅައިގެ ގަވާނިންގް ބޮޑީ ފީފާއިންވެސް ނިއު ސަސްޕެންޑު ކުރީއެވެ.

އޭގެ ފަހަށް އައި އަހަރުތަކުގައި އެފްއޭއެމްގެ ކޮންގްރެސްގައި ކުލަބުތަކުން ވަނީ ނިއުގެ ސަސްޕެންޝަން ދަމަހައްޓާފައެވެ.

އެހެންނަމަވެސް ކުޅުންތެރިން ނިއުއާއި ދެކޮޅަށް މައްސަލަޖެއްސީ އެއްގޮތަކަށްވެސް ކުލަބަށް ދެރައެއްދިނުމުގެ މަގްސަދުގައެއް ނޫނެވެ. ނުވަތަ ފުޓުބޯޅައިން ނިއު ދުރަށް ޖެއްސުމުގެ ބޭނުމުގައިއެއްވެސް ނޫނެވެ. އެކަން ހާމަވާ އެއްކަމަކީ، ނިއުގެ އެނބުރި އައުމުގައި އެންމެ ބޮޑު ހިއްސާދާރަކީ އެ ކުޅުންތެރިން ކަމުގައިވުމެވެ.

ނިއުގެ އެނބުރި އައުން:

ތިން އަހަރާއި ފަސް މަހާއި ހަތަރު ދުވަސް ފަހުން، މިއަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ސަސްޕެންޝަން އުވާލުމަށް އެފްއޭއެމް އިން ނިންމި ނިންމުންވީ، ކުލަބުގެ އެނބުރި އައުމުގެ އުންމީދުގައި ތިބި އެތައް ބަޔަކު ހިނިތުން ކުރުވާ، އުފާވެރިކަމުގެ ކަރުނަ ފާއްދާލިކަމަކަށެވެ.

ކުލަބު އެނބުރި އައުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އާއި ރައީސް އޮފީހުގެ މިނިސްޓަރ އަހްމަދު ސަމީރުގެ ބޮޑު އެހީތެރިކަމެއް ލިބުނުކަން ކުލަބުގެ މިހާރުގެ މެނޭޖްމަންޓުން ފާހަގަކުރެއެވެ. ނިއު އެނބުރި އައުމުގައި އެންމެ އިސް ދައުރެއް އަދާކުރީ ކުލަބުގެ މިހާރުގެ ބޯޑުންނެވެ. ކުލަބުގެ ސަޕޯޓަރުންގެ ގޮތުގައި މީގެކުރިން ތިބި ބަޔަކު، އެކުލަބާ ހަވާލުވެ ފުޓުބޯޅައިގެ ތެރެއަށް ގެނައީ، ކުލަބު އެކަހެރިވެފައި އޮންނަތަން ދެކެން ކެތް ނުވެގެންނެވެ. ކުލަބުގެ ބޯޑުން ފާހަގަކުރާ ގޮތުގައި ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމް އަކީވެސް ނިއު އެނބުރި އައުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ވެދިން އެއް ފަރާތް ކަމަށެވެ.

ޗެއާމަން ވާސިފް އާއި ބޯޑު މެމްބަރުންގެ ބުރަ މަސައްކަތާއެކު މިއަދު ނިއު ފުޓުބޯޅައިގެ ތެރެއަށް އަލުން ވަދެފައިވާއިރު، ކުލަބު އަނބުރާ އައުމުގައި މި ފަރާތްތަކުގެ އިތުރުން އޭރު ކުލަބަށް ކުޅުނު ގިނަ ކުޅުންތެރިންތަކެއްގެ ބޮޑު އެހީތެރިކަމެއް ލިބިފައިވެއެވެ. ބިދޭސީ ކުޅުންތެރިންވެސް ހިމެނޭހެންނެވެ. ކުލަބުން އެކުޅުންނަށް ދޭންޖެހޭ ފައިސާގެ ކޮންމެވެސް މިންވަރެއް މައާފު ކޮށްދީގެންނެވެ.

މީގެއިތުރުން ދިވެހި ކުޅުންތެރިންގެ ފަރާތުން ލިބުނު އެހީތެރިކަމާ އެއްބާރުލުމުގެ ވާހަކަ ކުލަބުގެ މެނޭޖްމަންޓުން ފާހަގަކުރަނީ ޝުކުރުގެ ހިތަކާއެކުއެވެ. "ވީނިއުސް" އާއި ވާހަކަދައްކަވަމުން ނިއު ރޭޑިއަންޓްގެ ޗެއާމަން އަހްމަދު ވާސިފް ވިދާޅުވީ، ދިވެހި ކުޅުންތެރިންގެ މުސާރައިގެ ކަންކަމުގައި ކުޅުންތެރިންގެ ފަރާތުން ލިބުނު އެހީތެރިކަން އެއީ މިއަދު ކުލަބު އެނބުރި އައުމުގެ އެންމެ ބޮޑު ސިއްރު ކަމަށެވެ.

އެގޮތުން ދިވެހި ކުޅުންތެރިން ވަނީ ކުލަބުން ދައްކަން ޖެހޭ ފައިސާ މަހުން މަހަށް ބަހާލައިގެން ދެއްކޭނެ ގޮތަކަށް އެއްބަސްވެ ސެޓްލްމަންޓް އެގްރީމެންޓެއް ހަދާފައެވެ.

2 ވަނަ ޑިވިޝަނުގައި ނިއުގެ ތަޖުރިބާ:

ސަަސްޕެންޝަނުގެ ސަބަބުން ފުރަތަމަ ޑިވިޝަނުން ނިއު އަށް ފުރުސަތު ގެއްލިފައި އޮތުމުން، ނިއު އެނބުރި އައީ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުންނެވެ. އެހެންނަމަވެސް އުންމީދު ކުރި ގޮތާއި ހިލާފަށް ނިއުއަށް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެ އަލުން ރަސްކަމުގެ ތަހުތާއި ހަމައަށް ދާން މިވަނީ ދިގު އިންތިޒާރެއް ކުރަން ޖެހިފައެވެ.

ފުރަތަމަ ޑިވިޝަނުގައި ނިއު އާއިއެކު އެއް ގުރޫޕެއްގައި ވާދަވެރި ވިކްޓަރީ ސްޕޯޓްސް ކުލަބުވެސް ހިމެނުނެވެ. ގްރޫޕް ސްޓޭޖު ފަހަނައަޅާ ނިއު ދިޔައީ ގުރޫޕުގެ ދެވަނައިގެ ގޮތުގައެވެ.

ކޯޗު ސޮބާގެ އިރުޝާދުގެދަށުން ކުޅެމުންދިޔަ ނިއުރޭޑިއަންޓަށް ދެވަނަ ޑިވިޝަނާއި މި ސީޒަނުގެ ފުޓުބޯޅަ ހަރަކާތްތައް ނިމުނީ ސެމީ ފައިނަލުގައި ބުރު ސްޕޯޓްސް ކުލަބު އަތުން ޕެނަލްޓީގައި ބަލިވުމުންނެވެ.

އެހެންނަމަވެސް ނިއުގެ ހިތްވަރުގަދަ ބޯޑުންވެސް، ކޯޗު ސޮބާވެސް އަދި ކުޅުންތެރިންވެސް ތިބީ މާޔޫސްވެ އުންމީދު ކަނޑާލާ ވިސްނުމެއްގައެއް ނޫނެވެ. އެފަރާތްތަކުން ބުނަނީ ﷲ ގެ ރަހުމަތްފުޅާއެކު ދެން އެނބުރި އަންނާނީ ވަރުގަދަކޮށް ކަމަށެވެ.

ކޮންމެއަކަސް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ފުރަތަމަ ޑިވިޝަނުގައި ކުޅެ، ދިވެހި ފުޓުބޯޅައިގެ ފޯރި ގަދަވުން މިއީ ދިވެހި ފުޓުބޯޅައަށް ލޯބިކުރާ ހުރިހާ ފަރާތްތަކުންވެސް ދެކެން ބޭނުންވާނެ ދުވަހެކެވެ.

ދިވެހި ފުޓުބޯޅައިގެ ރަސްގެފާނު، ރަސްކަމުގެ ތަހުތުގައި، ރަސްކަމުގެ ރަން ތާޖު އަޅާ ދުވަސް ދެކެން މިފަދަ އެތައް ފަރާތެއް ލިބީ ކެތްމަދުވެފައެވެ.