2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި އަބްދުﷲ ޔާމީން އަބްދުލްޣައްޔޫމް ހުންނަވާ، ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ އޮޮތީ ވަރަށް ބޮޑަށް އެކަހެރިކޮށް އެކަނިވެރިކޮށްފައެވެ.
ބައިނަލްއަގްވާމީ އެކިއެކި ޖަމިއްޔާ ޖަމާއަތްތަކާއި، އެކި ގައުމުތަކާއެކު އޮތް ގުޅުން ކަނޑާ، އެކި ގައުމުތަކާއި އޮތް ގުޅުން ހީނަރުވެފައެވެ. އެގޮތުން ކޮމަންވެލްތުން ވަކިވުމާއި ޤަތަރާއިއެކު އޮތް ސިޔާސީ ގުޅުން ނިމުމަކަށް ގެނައުން މިއީ ރައީސް ޔާމީންގެ ވެރިކަމުގައި ކުރައްވާފައިވާ ފާހަގަކޮށްލެވޭ ބައެއް ކަންކަމެވެ.
އެހެންނަމަވެސް، 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ކުރެއްވި ދުވަހު ވެވަޑައިގަތް ވައުދު، މިއަދު މިވަނީ ފުއްދަވާފައެވެ. އެ ވައުދަކީ، ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ އެކަހެރިވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމެވެ.
ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގެ 5 އަހަރުގެ ދައުރުގައި، ރާއްޖެ ފެނިގެންދިޔައީ ބައިލްއަގްވާމީ މުޖުތަމައުއާއި އެކަހެރިވެފައިވާތަން ކަމަށެވެ. އަދި އަވަށްޓެރި ގައުމުތަކާއި، ދިވެހިރާއްޖެއަށް އެހީތެރިވާން ބޭނުންވާ އަދި ގުޅުން ބަދަހިކުރަން ބޭނުންވާ ހުރިހާ ގައުމަކާއެކު ގުޅުން ބާއްވާ، އެ ގުޅުން ބަދަހިކުރާނެ ކަމަށާއި، ޚާރިޖީ ގުޅުންތައް ބަދަހިކުރުމުގައި އިސްކުރައްވާނީ ގައުމީ މަސްލަހަތުކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ގައުމުގެ ހުންގާނުގައި ހިއްޕެވީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ އެކަހެރިވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަކަށްބުނެ ރައީސް ވާހަކަފުޅުދެއްކެވިތާ ހަތަރު އަހަރު ހަމަވާން ގާތް ވެފައިވާއިރު، ބައިނަލްއަގްވާމީ ގުޅުންތައް ވަރުގަދަކުރުމުގައި މި ސަރުކާރުން ގިނަ ކަންތައްތަކެއް ވަނީ ހާސިލްކޮށްފައެވެ. މިއަދު ރާއްޖެއަކީ އެހެން ގައުމުތަކުގެ އިޚްތިރާމާއި ގަދަރު ލިބިފައިވާ ގައުމެކެވެ. މި ކުޑަކުޑަ ޖަޒީރާ ގައުމަކީވެސް، ދުނިޔޭގެ މައިދާނުގައި ފައިހަމަކޮށްލެވޭވަރުގެ ގައުމަކަށް މި ސަރުކާރުން މިވަނީ ހަދާފައެވެ. އެކަމުގެ އެއް ހެއްކަކީ ދުނިޔޭގައި ސުލްހަ އާއި ހަމަޖެހުން ގާއިމްކުރުމުގައި އެންމެ މަތީ ޖަމާއަތް ކަމުގައިވާ އދ ގެ އާންމު މަޖިލީހުގެ ރައީސްގެ ގޮތުގައި ދިވެހި ރައްޔިތަކު ހުރުމެވެ. އެތައް ގައުމެއްގެ ވެރިން ހިމެނިވަަޑައިގަންނަވާ މި މަޖިލީހުގެ ރިޔާސަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އިންނެވުން މިއީ މިކަމުގެ ދަލީލެކެވެ.
ރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި ކަނޑައަޅާފައިވާ މުހިންމު ފަސް ސިޔާސަތެއްވާއިރު، މިކަމުގައި ފާއިތުވީ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި މުހިންމު ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވެއެވެ.
އެގޮތުން ދިވެހިރާއްޖޭގެ ގައުމީ ސިޔާދަތު ހިމާޔަތްކޮށް، ގައުމުގެ ސަލާމަތާއި ރައްކާތެރިކަން މިވަނީ އިތުރުކުރެވިފައެވެ. އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުން، ސަރަހައްދީ ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރެވިފައިވާއިރު، ރާއްޖޭގެ އިގްތިސާދީ ފުދުންތެރިކަން މިވަނީ އިތުރުކުރެވިފައެވެ. މީގެއިތުރުން ޕްރޮފެޝަނަލް ފޮރިން ސާވިސްގެ ޚިދުމަތް މިއަދު މިވަނީ ގާއިމްކުރެވިފައެވެ.
ރާއްޖެއާއި ދޭދޭ ގައުމުތަކާއެކު އޮންނަ ސިޔާސީ ގުޅުން އިތުރަށް ވަރުގަދަކޮށް، ހަރުދަނާކުރުމުގެ ގޮތުން 8 ގައުމަކާއިއެކު ސިޔާސީ ގުޅުން މި ސަރުކާރުން ވަނީ ގާއިމްކޮށްފައެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ކަނޑާލި ޤަތަރާއިއެކު އޮތް ސިޔާސީ ގުޅުން އަލުން ވަނީ ގާއިމްކޮށްފައެވެ. މިއާއެކު އދގެ 193 ގައުމުގެ ތެރެއިން 180 ގައުމަކާއެކު ސިޔާސީ ގުޅުން ރާއްޖެއިން މިވަނީ ގާއިމްކޮށްފައެވެ.
ސަރުކާރުގެ ސިޔާސަތުތަކުގެ ދަށުން ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ، ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ގޮތުގައި ބެލެވޭ ގައުމުތަކާއެކުވެސް ގުޅުން އިތުރަށް ބަދަހިކޮށް، އެގައުމުތަކުން ރާއްޖެއާއިމެދު އޮންނަ އިތުބާރާއި ޔަގީންކަން ބޮޑުވުމެވެ. މިކަމުގެ އެންމެ އަލިގަދަ އެއް ހެއްކަކީ، އިނގިރޭސިވިލާތުގެ ހައި ކޮމިޝަނެއް މުޅިން އަލަށް ރާއްޖޭގައި ހުޅުވުމެވެ. މިއީ ޔޫރަޕުގެ ގައުމަކުން ރާއްޖޭގައި ރެޒިޑެންޝަލް މިޝަނެއް ގާއިމްކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
މީގެއިތުރުން އެމެރިކާއިންނާއި އޮސްޓްރޭލިއާއިންވެސް ރާއްޖޭގައި މިޝަން އެއް ހުޅުވާނެކަން ރަސްމީކޮށް އިއުލާންކޮށްފައިވާއިރު، މިކަމުގެ އަމަލީ މަސައްކަތްވެސް ބާރު ދުވެލީގައި އަންނަނީ ކުރެވެމުންނެވެ.
ރައީސް ޞާލިޙްގެ ވެރިކަމުގައި ރާއްޖޭގެ ޑިޕްލޮމެޓިކް އައުޓްރީޗް ބޮޑުކުރުމުގެ ބޭނުމުގައި، 37 ގައުމަކަށް ނޮން ރެޒިޑެންޝިއަލް ސަފީރުން ވަނީ އައްޔަންކޮށްފައެވެ. މީގެތެރެއިން ބައެއް ގައުމުތަކަކީ މުޅިން އަލަށް ނޮން ރެޒިޑެންޝަލް ސަފީރުން އައްޔަންކުރެވުނު ގައުމުތަކެއްކަން ފާހަގަކޮށްލެވެއެވެ.
ޚާރިޖީ ގުޅުންތައް ވަރުގަދަކުރުމަށް މިސަރުކާރުން ކުރަމުންދާ މަސައްކަތުގެ ނަތީޖާއަކަށްވީ، ބޭރު ގައުމުތަކުގެ ދައުވަތަށް، 8 ގައުމަކަށް އެންމެ މަތީ ފެންވަރުގައި ރައީސް ރަސްމީ ދަތުރުފުޅުތަކެއް ކުރެއްވުމެވެ. އެގޮތުން ހިމެނޭ ގައުމުތަކުގެ ތެރޭގައި އިންޑިއާ، ސްރީ ލަންކާ، ޖަޕާން، ބަންގްލަދޭޝް، ސިންގަޕޫރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އިތުރުން ޤަތަރާއި ސީޝެލްސް އަށް ރައީސް ވަނީ ރަސްމީ ދަތުރުފުޅުތަކެއް ކުރައްވާފައެވެ.
މީގެއިތުރުން ނައިބު ރައީސްވެސް ފަސް ދަތުރުފުޅެއް ކުރައްވާފައިވާއިރު، މިދަތުރުފުޅުތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ހިލޭ އެހީއާއި، ލޯން އަދި ގްރާންޓާއި ލައިން އޮފް ކްރެޑިޓްގެ ގޮތުގައި 4 އަހަރުގެ ތެރޭގައި 3.21 ބިލިއަން ރުފިޔާގެ އެހީތެރިކަން ރާއްޖެއަށް ލިބިފައިވެއެވެ. މިއީ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖެއަށް ހޯދުނު އެންމެ ބޮޑު އަދަދެއްގެ އެހީއެވެ.
މި އެހީތަކާއެކު ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ގިނަ މަސައްކަތްތަކެއް އިއުލާންކުރެވި، އެކަންތައްތަކުގެ އަމަލީ މަސައްކަތް މިހާރުވެސް ހިނގަމުންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖުގެ މަސައްކަތަކީ ފާހަގަކޮށްލެވޭ ވަރުގަ ބޮޑު މަޝްރޫޢެކެވެ.
މީގެއިތުރުން ކުޅިވަރުގެ ދާއިރާއިންނާއި އުމްރާނީ އަދި އެހެނިހެން ކަންކަމާއި ގުޅުންހުރި ބިޔަ ޕްރޮޖެކްޓުތައްވެސް މި އެހީތަކުގެ ތެރެއިން އަންނަނީ ހިންގަމުންނެވެ.
އަދި ހަމަ އެހެންމެ ކޮވިޑުން އަރައިގަތުމަށާއި، ކޮވިޑުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމުގައިވެސް، ސަރުކާރުން ބޭރުގެ ގައުމުތަކާއިއެކު ގާއިމްކޮށްފައިވާ ވަރުގަދަ ގުޅުންތައްވީ ބޮޑު އެހީތެރިކަމަކަށެވެ.
މީގެއިތުރުން، ކޮވިޑުގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރަށް ލޮޅުން އަރާފައިވަނިކޮށްވެސް، މި ގުޅުންތަކުގެ ސަބަބުން ބޭރު ގައުމުތަކުގެ އެންމެ މަތީ ފެންވަރުގެ 11 އިއްޒަތްތެރިއަކު ރާއްޖެ އައިސްފައިވާކަން ފާހަގަކޮށްލެވެއެވެ. އޭގެތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ އިތުރުން، ސްރީލަންކާގެ ކުރީގެ ރައީސް އާއި ބޮޑުވަޒީރު އަދި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ފާހަގަކޮށްލެވެއެވެ.
މިފަދަ އެތައް ކަންތައްތަކަކާއި، ރާއްޖެއަށް އެކި ދާއިރާއިން ގެނެސްދީފައިވާ ކުރިއެރުންތަކާއިއެކު، ރައީސް ޞާލިޙްގެ ސަރުކާރުން ފާއިތުވީ 4 އަހަރު ފާހަގަކުރެވެނީ، ދިވެހިރާއްޖެއަކީ ބައިނަލްއަގްވާމީ މައިދާނުގައި ބަސް ބުނެވޭ، ބަސްވިކޭ އަދި އެހެން ގައުމުތަކުން ބަސް އަހާ ވަރުގެ ގައުމަކަށް ވެފައިވާކަމެވެ. އަދި މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، މިއަދު ރާއްޖެއަކީ ދުނިޔޭގެ ބޮޑެތި ބާރުތަކުންވެސް އިޚްތިރާމް ކުރާ، އެގައުމުތަކުންވެސް ރާއްޖެއާއިއެކު ގުޅުން ބަދަހިކުރަން ބޭނުންވާވަރުގެ ގައުމެކެވެ.
މިއަދު ރާއްޖެ ވެފައި މިވަނީ ބޮޑެތި ގައުމުތަކުގެ ތައުރީފާއި ސަނާގެ ބަސްތައް އަމާޒުކުރާވަރުގެ، ވަރުގަދަ ގައުމަކަށެވެ. ދިވެއްސަކަށްވީތީ ކޮންމެ ދިވެއްސަކުވެސް މިއަދު ފަހުރުވެރިވާނެ ވަރުގެ ގައުމަކަށް ރާއްޖެ މިވަނީ ވެފައެވެ.